ކަރަންޓު އަގުހެޔޮކުރަން ސްޓެލްކޯގެ މިސްރާބު ސޯލާއަށް

ސްޓެލްކޯ--- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކަރަންޓު އަގުބޮޑު ވާހަކައަކީ ނިމުމެއް ނެތް ވާހަކައެކެވެ. މަސް ނިމި ކަރަންޓު ބިލު އަތަށް އެރުމާއެކު އެ ރުޅި ބޭލެނީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށެވެ. ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް، ކަރަންޓުގެ އަގު ހެޔޮކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތެލުގެ ހަރަދު ބޮޑުވުމެވެ. މި ގޮންޖެހުން ނައްތާލުމަށް އޮތް ހައްލަކީ އިއާދަކުރުވަނިވި ހަކަތައާއި ދިމާއަށް މިސްރާބު ޖެހުމެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ، ސަރުކާރު ކުންފުނި ސްޓެލްކޯގެ އަމާޒުވެސް މިހާރު ހުރީ ކަސްޓަމަރުންނަށް ދޭ ހިދުމަތް ފުޅާކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތަކެއް އިހުތިޔާރު ކުރުމަށެވެ. ޓެކްނޮލަޖީއާއެކު ކުންފުނިންދޭ ހިދުމަތުގެ ފެންވަރުވެސް ރަނގަޅު ކުރުމަށެވެ.

ސްޓެލްކޯގެ 70 ވަނަ އަހަރީގެ ހާއްސަ ލޯގޯ އިފްތިތާހު ކުރުމަށް މި މަހުގެ ކުރީކޮޅު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ޒަމާނީކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓުތައް ކުރިއަށްގެންދާނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަ ހަސަން މުޣުނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

"އަހަރުތަކެއް ކުރީގައި އަޅުގަނޑުމެން ޑީސަލް ބޭނުން ކޮށްގެން ހަކަތަ އުފެއްދި ކަމުގައި ވިޔަސް، އަޅުގަނޑުމެން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދާނީ ތިމާވެއްޓާ ރައްޓެހި ނުވަތަ ސޯލާގެ ޒަރިއްޔާއިން ހަކަތައިގެ އިތުރު ޕްރޮޖެކްޓުތައް ހިންގަން،" މުޣުނީ ވިދާޅުވިއެވެ.

މުޅި ދުނިޔެވެސް ތިމާވެއްޓާއި ރައްޓެހި ގޮތްތަކާ ދިމާއަށް ދާއިރު، ސްޓެލްކޯއަށްވެސް އެކަން ހާސިލުކުރެވޭނެ ކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ. އޭނާ މީގެ ކުރިން ވިދާޅުވީ އަމާޒަކީ ސްޓެލްކޯ އިން އުފައްދ ކަރަންޓުގެ 50 ޕަސެންޓަކީ އިއާދަކުރުވަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުން ކަމަށެވެ.

ސްޓެލްކޯއިން އިއާދަކުރުވަނިވި ހަކަތައާއި ދިމާއަށް މިސްރާބު ޖަހާފައިވަކަން އެނގޭ އަނެއް ކަމަކީ، މިއަހަރުގެ މިނިވަންދުވަހާއި ދިމާކޮށް އެ ކުންފުނިން ނެރުނު ފުޅަނދުބުރެވެ. ސްޓެލްކޯގެ ފުޅަނދުބުރުންވެސް އިއާދަކުރުވަނިވި ހަކަތައަށް ކުންފުނިން ދޭ ސަމާލުކަން ކިޔައިދިނެވެ.

ސްޓެލްކޯގެ ދެވަނަ އަހަރީ އާންމު ޖަލްސާ ގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިއާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފެއްދުމަކީ ތެޔޮ އަންދައިގެން ކަރަންޓު އުފެއްދުމަށްވުރެ އެތައްގޮތަކުން ހަރަދު ކުޑަވާނެ ކަމެކެވެ. ކަރަންޓު ފޯރުކޮށްދޭ ކުންފުންޏަށާއި އާންމު ރައްޔިތުންނަށްވެސް އޭގެ ހެޔޮ އަސަރު ފެންނާނެ ކަމެކެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މީގެ ކުރިން ވިދާޅުވީ ހަކަތަ އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އިންޑަސްޓްރީތަކާއި ގެދޮރާއި ދިރިއުޅުމުގެ އެންމެހާ ކަމެއް ބިނާވެފައި މި އޮންނަނީ ހަކަތައިގެ މައްޗަށް. ހަކަތައިގެ ޔަގީންކަން އެކަންޏެއް ނޫން. ހަކަތައިގެ އަގުވެސް އެއީ ވަރަށް މުހިންމު އެއްޗެއް." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮކުރުމަށް އެންމެ މުހިންމު ވަސީލަތަކީ އިރުގެ އަލިން ކަރަންޓް އުފެއްދުން ކަމަށެވެ. އަދި އިރުގެ އަލި ރާއްޖެއަށް ދުވާލަކު 12 ގަޑިއިރު ލިބޭ ކަމަށާއި އެހެން ނަމަވެސް ކަރަންޓް އުފެއްދުމަށް ޖީޑީޕީގެ ނިސްބަތުން ބޮޑު ހޭދައެއް ކުރަން ޖެހުމަކީ މައްސަލައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން ސޯލާ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ސަރުކާރުން މިދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުން. ރާއްޖޭގައި މިހާރު އުފައްދާ ކަރަންޓަށް ބާލައިރުގައި ހަމައެކަނި ހަ އިންސައްތައިން ސޯލާ ކަރަންޓް އުފައްދަނީ. އަނެއް 94 ޕަސެންޓް އުފައްދަނި ޑީސަލް އަންދައިގެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން އަމާޒު ކަނޑައަޅާފައި އޮތީ ކަރަންޓު ޕީކް ލޯޑްގެ 30 ޕަސެންޓް އިރުގެ އަލީގެ ހަކަތައިން އުފައްދަން ކަމަށާއި އެހެން ނަަމެވެސް އާ ސަރުކާރުގެ އަމާޒަކީ ކަރަންޓު ޕީކްގެ ލޯޑްގެ 70 ޕަސެންޓް ކަރަންޓުއިން އުފެއްދުން ކަމަށެވެ.

މާލެއަށް ކަރަންޓު ފޯރުކޮށްދޭ ޖެނެރޭޓަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއާދަކުރަނިވި ހަކަތައާ ގުޅޭ ފީޒިބިލިޓީ ދިރާސާއެއް ކުރުމަށް ދާދިފަހުން ވަނީ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން 100 ޕަސަންޓު ކަރަންޓު ދިނުމަށް ސާމްޕަލް ޕްރޮޖެކްޓެއްގެ ގޮތުގައި އއ އުކުޅަހުގައި ޕްރޮޖެކްޓެއް ހިންގުމަށްވެސް ސްޓެލްކޯއިން ވަނީ ނިންމައިފައެވެ.

ކަރަންޓުގެ އަގަށް ސަރުކާރުން ގެނެސްފައިވާ ބަދަލާމެދު ހިތްހަމަ ނުޖެހޭ ރައްޔިތުން އަދިވެސް އެބަތިއްބެވެ. ކަރަންޓުގެ އަގުގެ ތަފާތު ނައްތާލާ ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު އަގު ސަރުކާރުން އެއްހަމަ ކުރި ނަމަވެސް، ބިލަށް އަރާ މިންވަރު ކުޑަ ނުވާ ޝަކުވާ ހުސްނުވެއެވެ.

މި ޝަކުވާތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބަކީވެސް އިއާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މުހިންމުކަމެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކަރަންޓުގެ އަގު އަދިވެސް ކުޑަވާންޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލަކީ މިވަގުތަށް ގެނެވެން އޮތް ބަދަލުކަމަށް ރައީސް ވިދާޅުވިއެވެ.

"ދެން ކަރަންޓް އަގުހެޔޮކުރުމުގައި، ސޯލަރ އެނަޖީއާއި، ވިންޑް އެނާޖީ އެބަ ބޭނުންކުރަންޖެހޭ. ދެން މިހާރުގެ ތެލުގެ އަގު އެ ހުރިގޮތުން ދެން ދަށަށް އަޅުގަނޑުމެންނަށް ގެނެވޭނީ އެކަހަލަ ބަދަލުތަކެއް ގެނެސްގެން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. ހަމައެކަނި ޑީސަލަށް ބަރޯސާވެގެން ކަރަންޓުދީގެން، ކަރަންޓު އެއް އަގެއްގައި ހިފެހެއްޓޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ،" ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއެކު ކަރަންޓުގެ އަގަށް ބަދަލު އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެހެންވީމާ، މީގައި އޮތް އެންމެ ރަނގަޅު ގޮތަކީ، އޯލްޓަނޭޓިވް އެނަޖީއަށް އަޅުގަނޑުމެން މިސްރާބުޖެހުން. އޭރުން ހައްލު ކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް