ދެކުނަށް މަސް ކިރަން ދާ ދޯނިތަކަށް ތެޔޮ ހަރަދު ދެނީ

ފެލިވަރަށް މަސް ކިރަން ގޮސް އޮތް ދޯންޏަކުން މަސް ކިރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްުއޫދު

އުތުރުގައި މަސްވެރިކަން ތިޔާގިވެ، ފެލިވަރަށް މަސް ނުކިރުވެފައި ތިބި ދޯނިތައް ގއ. ކޫއްޑޫއަށް ގޮސް މަސް ކިރުވުމުގެ ފުރުސަތު ދިނުމަށް އެ ދޯނިތަކުން އުތުރުން ދެކުނަށް ދަތުރުކުރާނެ ތެޔޮ ހަރަދު ދޭން ނިންމާފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

އެސްޓީއޯގެ ދަށުން ހިންގާ މިފްކޯ އިންބުނީ މިދިޔަ އޮގަސްޓު މަހުގެ 17 އިން ފެށިގެން އުތުރުގައި ހާއްސަކޮށް ޅ. އަތޮޅުގައި މަސްވެރިކަން ތިޔާގިވި ކަމަށާއި ގިނަ އަދަދެއްގެ ދޯނިތަކުން ފެލިވަރަށް މަސް ކިރުވުމަށް ކިޔު ހެދި ކަމަށެވެ.

ފެލިވަރުގެ ކެޕޭސިޓީ އޮތްގޮތުން ބައެއް ދޯނިތަކުގެ މަސް ކިރުވުން ލަސްވުމުން އެސްޓީއޯއިން ނިންމީ ދޯނިތަކަށް މަސްކިރުވުމުގެ ފުރުސަތު ދިނުމަށް އެ ދޯނިތަކުން ދެކުނަށް ދަތުރުކުރާނެ ތެޔޮ ހަރަދު ދިނުމަށެވެ.

"މަހުގެ ކޮލެޓީއަށާ އެއްޗެއްސަށް ބަލާފައި ދޭން ނިންމީ ދެކުނަށް، ކުއްޑޫއަށް ދާނެ ތެޔޮ ހަރަދު ދޭން. މަސް ކިރުވުން ލަސްވާއިރު މަހުގެ ކޮލިޓީއަށް ބަދަލު އާދޭ. ތެޔޮ ހަރަދު ދޭން ނިންމީ 10 ޓަނުން މަތީގެ މަސް ބޭނިފައި ހުރި ދޯނިތަކަށް،" މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މަސްކިރުވަން ފެލިވަރުން ކިޔު ނަންބަރު ނޯޓުކޮށްފައިވާ ދޯނިތަކަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިމަގުގެ 28ގެ ނިޔަލަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން އަދި އެއްވެސް ދޯންޏަކުން ހިފާފައި ނުވާ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި މަސްވެރިކަން ރަނގަޅު ނަމަވެސް އުތުރުގެ މަސްވެެރިކަން މިހާރު ދަށްވާން ފަށާފައިވާކަން އިސްމާއިލް ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ މަސްވެރިކަން ހުރިގޮތަށް ބަލާއިރު މަސް ކިރުވަން ނަންނޯޓުކޮށްފައި ހުރި ހުރިހާ ދޯންޏެއްގެ މަސް ފެލިވަރަށް ކިރުވައި މިއަދު ނިމޭނެ ކަމަށެވެ. އެކަމަކު ދެންވެސް އުތުރުގެ މަސްވެރިކަން ރަނގަޅުވެއްޖެނަމަ، ދެކުނަށްގޮސް މަސްކިރުވުމުގެ ފުރުސަތު ފެލިވަރުގައި ނޯޓުކޮށްފައިވާ ދޯނިތަކަށް އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ އޮގަސްޓުން ފެށިގެން ފެލިވަރު ބަނދަރުން 3100 ޓަނުގެ މަސްވަނީ ކިރުވިފައި،" ފައުޒީ ވިދާޅުވީ ފެލިވަރު ކެޕޭސިޓީ ފުލްވުމުން ކޫއްޑޫގެ މަސްކިރާ ބޯޓުތައްވެސް ފެލިވަރަށް ގެނަ ކަމަށެވެ. "މިހާރު އުތުރުގެ މަސްވެރިކަން ދަށްވެ، ދެކުނަށް ރަނގަޅުވާން ފަށާފައި މިއޮތީ،"

މިފްކޯ އިން މަސްކިލޯއެއް ގަންނަނީ 20 ރުފިޔާއަށެވެ. ފެލިވަރަށް މަސްކިރުވި އަދަދު ރެކޯދު އަދަދަކަށް އިތުރުވެފައިވާއިރު، ފެލިވަރުގެ އުފެއްދުންތެރިކަންވެސް އިތުރުކޮށްފައިވާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

"ލޯކަލް މާކެޓުގައި ދަޅުމަސްވެސް އެއްވެސް ދައްޗެއްނެތި ހޯލްސޭލްކޮށްވެސް ލިބޭނެ. އަޅުގަނޑުމެން ވިސްނާފައި އޮތީ ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭ ދަޅުމަހުގެ އިތުރު ބާވަތްތައްވެސް މާކެޓަށް ނެރުމަށް. އޭގެ ތެރޭ ސޯސް ލީ މަސް ކަހަލަ ފަސޭހައިން ބޭނުންކުރެވޭނެ އުފެއްދުންތައް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް