އަލިފާނުގައި ގެއްލުން ލިބުނު ދަރިވަރުންނަށް ހުދުމާއިން ހިލޭ ޔުނީފޯމް

ސީއެޗްއެސްސީގެ ދަރިވަރުންތަކެއް --- ސަން ފައިލް ފޮޓޯ

މިދިޔަ ހުކުރު ދުވަހު ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސްކޫލު ކުދިންނަށް، މާލޭގެ މަޝްހޫރު ފިހާރައެއް ކަމަށްވާ ހުދުމާއިން ހިލޭ ޔުނީފޯމް ދޭން ނިންމައިފިއެވެ.

ހުދުމާގެ މެނޭޖިން ޑިރެކްޓަރު ދޫމާ މޫސާ "ސަން" އަށް ވިދާޅުވީ އެގޮތަށް ދަރިވަރުންނަށް ހިލޭ ޔުނީފޯމް ދޭން ނިންމީ އެކަމަށް އެދި އެޑިއުކޭޝަން މިނިސްޓްރީގައި ދަންނަވައިގެން ބޭއްވި މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ.

"މިނިސްޓްރީން އެ ދަރިވަރުންގެ ލިސްޓު ފޮނުވާ ވަރަކުން އަޅުގަނޑުމެން ހަމަ ޔުނީފޯމްތައް ދެމުންގެންދާނަން. މިހާރުވެސް ބައެއް ދަރިވަރުންނަށް ވާނީ ޔުނީފޯމް ދޫކުރެވިފައި. ކާރިސާތަކުގައި ހާލުގައި ޖެހޭ މީހުންނަށް އަޅުގަނޑުމެން އެހީވަން،" ދޫމާ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު "ރާއްޖެ ޓީވީ" އަށް ވިދާޅުވީ ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކިޔެވުމަށް ބޭނުންވާ ތަކެތި ދަރިވަރުންނަށް ފޯރުކޮށްދެވޭތޯ މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ޔުނީފޯމާއި ބޫޓާއި ދަބަހާއި އިތުރަށް ބޭނުންވާ ސްޓޭޝަނަރީ އަދި އެކުދިންގެ ފޮތްތައް ވެސް ފޯރުކޮށްދެމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި އޯ ލެވެލްއަށް ކިޔަވާ އެއް ކުއްޖަކާއި އޭ ލެވެލް އަށް ކިޔަވާ ދެ ކުދިންނަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. އެ ކުދިންނަށް ބޭނުންވާ ޕާސްޓް ޕޭޕަރުތައް ވެސް ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް