ޝާހިދު ކެނެޑާގެ ކުރީގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ކެނެޑާގެ ކުރީގެ ބޮޑުވަޒީރާ ޝާހިދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖޮން ކްރެޓިއެންއާއި ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުން އޮތީ އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަދާ އދގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި، ވިޔަފާރިއާއި ތައުލީމީ ދާއިރާއިން ދިވެހިރާއްޖެއާއި ކެނެޑާގެ ގުޅުން ބަދަހިކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އޭގެ އިތުރުން އާއްމު މަޖިލީހުގެ ހަވާސާގައި ބަހްރައިންގެ ޚާރިޖީ ވަޒީރު ހާލިދު ބިން އަހުމަދު އަލްހަލީފާއިވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއަރ ސަރވިސް އެގްރިމެންޓާއި ގުޅޭ ގޮތުންނާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ރޭ ބޭއްވި ކްލައިމެޓް އެކްޝަން ސަމިޓްގައި ރައީސް ސޯލިހްގެ އަރިހުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ޔުނިވަރސަލް ހެލްތު ކަވަރޭޖާއި ގުޅޭ މަތީ ފަންތީގެ ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލްކުރެއްވީވެސް މިނިސްޓަރ ޝާހިދެވެ. މިއީވެސް އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ކުރިއަށް ދިޔަ ބައްދަލުވުމެކެވެ.

comment ކޮމެންޓް