ރިލްވާންގެ މައްސަލައާ ގުޅިގެން އެންއައިސީ ހާޒިރުކުރަން ނިންމައިފި

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ

ރަހީނުކޮށް މަރާލި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ހާޒިރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.

ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މީގެ ތިން މަހެއްހާ ދުވަސް ކުރިން، ޖޫން 24 ގައެވެ. އެއާއެކު އެ މައްސަލަ 241 ކޮމިޓީން އަދިވެސް އަންނަނީ ބަލަމުންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، އެންއަސީ އިން ރިލްވާންގެ ތަހުގީގުގައި ފުލުހުންގެ އިހުމާލު އޮތްތޯ ބަލައިފައިވާތީވެ، އެ ކަމާ ގުޅިގެން އެންއައިސީ ހާޒިރުކުރުމަށެވެ.

އެންއައިސީ ގެނައުމަށް ކޮމިޓީން ފާސް ކުރީ، ކޮމިޓީއަށް ވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

https://sun.mv/120802

ރިލްވާންގެ އާއިލާއާ ހަވާލާދީ، ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މައްސަލަ އެންއައިސީ އިން ބަލައި ނިންމުމަށްފަހު، އެ ތަހުގީގު ރިޕޯޓު އައިލާއާ ވަނީ ހަވާލުކޮށްފައެވެ. ތަހުގީގު ރިޕޯޓުގައި އެންއައިސީ އިން ނިންމާފައިވަނީ، ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށެވެ.

މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ނިންމެވީ، އެންއައިސީގެ ތަހުގީގު ރިޕޯޓު މަޖިލީހާ މިހާތަނަށް ހިއްސާކޮށްފައި ނުވާތީވެ، އެ ރިޕޯޓުގެ ތަފްސީލުވެސް ހޯދުމަށެވެ.

ރިލްވާންގެ މައްސަލައިގައި އެންއައިސީ ހާޒިރު ކުރުމަށް 241 ކޮމިޓީން ނިންމި އިރު، މަޖިލިސް ގަވައިދުގައި ބުނާގޮތުން ކޮމިޓީއަށް މީހަކު ނުވަތަ މުއައްސަސާއެއް ހާޒިރުކުރެވޭނީ ފަސް ދުވަހުގެ ނޯޓިސް އެއް ދީފައެވެ. އިދާރީ ކަމެއް ކަމަށް ބުނެ، މިއަދު ކިޮމިޓީގެ ބަކީ ބައި ކުރިއަށް ދިޔައީ ސިއްރުކޮށްގެނެންވެ.

ރިލްވާންގެ މައްސަލަ ކޮމިޓީން ބަލަމުން ގެންދާތާ ތިން މަހެއްހާ ދުވަސްވީރު، މި މައްސަލަ ކޮމިޓީން ބަލަމުން ދަނީ މީޑިއާތައް ނުވައްދާ ސިއްރުކޮށްގެނެވެ.

މަރާލެވިފައިވާ މީހުންނާ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ތަހުގީގުން މިހާތަނަށް ހޯދި ހޯދުންތަކުން ރިލްވާންގެ މައްސަލައިގައި އިންޓެލް ދެ ފުލުހަކު ވަނީ ރިލްވާން ގެއްލުވާލުމުގެ ދެ މަހެއްހާ ދުވަސް ކުރިން އޭނާއަށް ފާރަލާފައެވެ. އަދި ރިލްވާން ގެއްލުވާލި ފަހުން، ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާ ކަމަށް ދެއްކުމަށް ވަގު ޕާސްޕޯޓެއް ހެދުމަށް އިންޓެލް ދެ ފުލުހަކު މަސައްކަތް ކުރި ކަމަށް ވެސް ރިޔާސީ ކޮމިޝަންގެ ރިޕޯޓުން އެނގެއެވެ.

ރިލްވާން މަރާލާފައިވަނީ، އޭނާގެ އެޕާޓްމަންޓް ކުރިމަތިމް ކާރަކަށް އަރުވައި ރަހީނުކުރުމަށްފަހު، ކަންނެލި އޮޑިއެއްގައި ކަމަށް ރިޔާސީ ރިޕޯޓުގައި ބުނެއެވެ. އަދި އޭނާ ކަރު ބުރިކުރުމަށްފަހު، ކަނޑުފެއްތިކަމަށް ހެކިންގެ ހެކިބަހުން އެނގެއެވެ.

comment ކޮމެންޓް