ދުނިޔޭގެ އެންމެ ދުވަސްވީ ޓުއާ ކުންފުނި ތޯމަސް ކުކް ބަނގުރޫޓުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ ޓުއާ ކުންފުނި، ތޯމަސް ކުކް ވަނީ ބަނގުރޫޓުވެފަ -- ފޮޓޯ: ޕީއޭ

ލަންޑަން (ސެޕްޓެމްބަރު 23): ދުނިޔޭގެ އެންމެ ދުވަސްވީ ޓުއާ ކުންފުނި ތޯމަސް ކުކް ބަނގުރޫޓުވެ، އެތައް ހާސް މީހުންގެ ދަތުރުތަކުގެ ބުކިންސް ކެންސަލްކޮށްފިއެވެ.

ދެ ބިލިއަން ޑޮލަރުން ދަރަނިވެރިވެފައިވާ ތޯމަސް ކުކް ބަނގުރޫޓުވީ އެކުންފުނި ސަލާމަތް ކުރުމަށްޓަކައި ޝެއާހޯލްޑަރުންގެ ފަރާތުން 250 މިލިއަން ޑޮލަރު އެއްކުރަން މަސައްކަތްކުރަމުން ދަނިކޮށެވެ. އެ ފައިސާ ބޭނުން ވަނީ ކުރިއަށް އޮތް ފިނި މޫސުމުގައި އެކުންފުންޏަށް ލިބޭނެ ފައިސާ މަދު ވުމުންނާއި، އެއަށް ފަހު އަންނަ ހޫނު މޫސުމާ ދިމާކޮށް ހޮޓެލްތަކަށް ފައިސާ ދައްކަން ޖެހޭތީއެވެ.

ތޯމަސް ކުކްއިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ކުންފުނީގެ ބޯޑުން ވަނީ ކުންފުނި އުވާލުން ނޫން ގޮތެއް މިހާރު ނެތް ކަމަށް ނިންމާފަ އެވެ. އަދި އެކުންފުނީގެ ސީއީއޯ ޕީޓާ ފޭންކްހައުޒާ ވަނީ އޭގެ ސަބަބުން ގެއްލުން ލިބޭނެ ފަރާތްތަކަށް މާފަށް އެދިވަޑައިގެންފައެވެ.

"އެތައް އަހަރުތަކެއް ވަންދެން އަޅުގަނޑުމެންނަށް އެހީތެރިވެދިން އެތައް މިލިއަން ކަސްޓަމަރުންނާއި އެތައް ހާސް މުވައްޒަފުންނާއި ސަޕްލަޔަރުންނާއި ޕާޓްނަރުންގެ ފަރާތުން އަޅުގަނޑު މާފަށް އެދެން. މިއީ ޗުއްޓީ ޕެކޭޖުތައް ތައާރަފް ކުރުމުގައި އިސް ދައުރެއް އަދާކޮށް އެތައް މިލިއަން މީހުންނަށް ދަތުރު ކުރުމަށް މަގުފަހިކޮށްދިން ކުންފުންޏަށް ވަރަށް ހިތާމަވެރި ދުވަހެއް،" ފޭންކްހައުޒާ ވިދާޅުވިއެވެ.

އިނގިރޭސި ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ)އިން ބުނި ގޮތުގައި ތޯމަސް ކުކްގެ ވިޔަފާރިތަކާއި އެ ކުންފުނީގެ ހަތަރު އެއާލައިންގެ މަސައްކަތްތައް މިހާރު ވަނީ ހުއްޓާލާފަ އެވެ. އަދި އެއާ އެކު 16 ގައުމެއްގައި ތިބި އެކުންފުނީގެ 21،000 މުވައްޒަފުންގެ ވަޒީފާ ގެއްލޭނެއެވެ.

އެހެންކަމުން ގައުމުން ބޭރުގައި ޗުއްޓީ ހޭދަ ކުރަން ގޮސްތިބި ތޯމަސް ކުކްގެ ކަސްޓަމަރުން އަނބުރާ އިނގިރޭސިވިލާތަށް ގެންދިޔުމުގެ މަސައްކަތް މިއަދުން ފެށިގެން ސަރުކާރާއި ސީއޭއޭއިން ގުޅިގެން ކުރަމުން ދާނެކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ދަތުރުގެ ހަރަދުތައް ތޯމަސް ކުކްއަށް ދައްކާފައިވާ ފަރާތްތަކުން އިތުރަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށްވެސް ސީއޭއޭއިން ބުންޏެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދަތުރުތަކަށް ތޯމަސް ކުކް މެދުވެރިކޮށް ބުކިންސް ހެއްދި ގާތްގަނޑަކަށް އެއް މިލިއަން މީހުންނަށް ފައިސާ އަނބުރާ ދޭނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެއެވެ.

އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމާ ގުޅުން ހުރި މައްސަލަތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ވާދަވެރިކަން އިތުރުވުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގެ ތެރޭ ތޯމަސް ކުކްއަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އެކުންފުނި އުފެއްދީ 1841 ގައެވެ.

comment ކޮމެންޓް