އެޗްޑީއެފްސީއިން ސުކޫކާއި ބޮންޑު ވިއްކަން ފަށައިފި

ހައުސިން ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ފިކްސްޑް އިންކަމް ބޮންޑް ގަތުމުގެ ފުރުސަތު ހުޅުވާލުން--

ހައުސިން ޑިވެލޮޕްމެންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ފިކްސްޑް އިންކަމް ބޮންޑް އަދި ސުކޫކު ވިއްކަން ފަށައިފިއެވެ.

އެޗްޑީއެފްސީގެ ސުކޫކާއި ބޮންޑު ގަތުމުގެ ފުރުސަތު މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 12 އާއި ހަމައަށް ވަނީ ހުޅުވާލައިފައެވެ.

އެޗްޑީއެފްސީއިން މިފަހަރު ޖުމްލަ 200 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަން ވަނީ ނިންމާފައެވެ. އެއީ ދެ ލައްކަ ސުކޫކެވެ. ސުކޫކެއްގެ މޫނުމަތީ އަގަކީ 1،000 ރުފިޔާއެވެ. ސުކޫކަކީ އިސްލާމިކް އުސޫލުން ވިއްކާ ބޮންޑެވެ.

ސްކޫކުގެ މުއްދަތަކީ 10 އަހަރު ކަމަށާއި ސުކޫކުގެ ގްރޮސް ޕްރޮފިޓްގެ ގޮތުގައި ލިބޭ ފައިދާގެ 65 ޕަސެންޓް ސުކޫކު ގަންނަ ފަރާތަށް ލިބޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ. ފައިދާ ދޫކުރާނީ ސުކޫކު އެލޮޓްކުރާ ތާރީހުން ފެށިގެން ކޮންމެ ހަ މަހަކުން ފައިދާ ބަހާނެ ކަމަށެވެ.

އެޗްޑީއެފްސީއިން އެންމެ ފަހުން ސުކޫކު ގަތުމަށް ހުޅުވާލީ 2017 ވަނަ އަހަރުއެވެ. އެ ފަހަރުވެސް 89.036 މިލިއަން ރުފިޔާގެ ސުކޫކު ވަނީ ވިއްކައިފައެވެ.

އެޗްޑީއެފްސީއިން ބުނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ މެދުވެރިކޮށް ހައުސިން ފައިނެންސް ހޯދުމަށް ހުށަހަޅާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ކުންފުނީގެ ކަސްޓަމަރުންގެ 25 ޕަސެންޓަކީ އިސްލާމިކް އުސޫލުން ފައިނޭންސް ހޯދާ ކަސްޓަމަރުން ކަމަށް އެކުންފުނިން ބުންޏެވެ.

އެޗްޑީއެފްސީއިން މިއަދު ވިއްކަން ފެށި ބޮންޑުގެ އަގަކީވެސް 1،000 ރުފިޔާ އެވެ. އެކުންފުނިން މިފަހަރު ވިއްކަން ހަމަޖެހިފައި ވަނީ 80،000 ބޮންޑެވެ.

މި ބޮންޑުގެ މުއްދަތަކީ ބޮންޑު ދޫކުރާ ތާރީހުން ފެށިގެން 10 އަހަރެވެ. ކޮންމެ އަހަރަކު ދެފަހަރު ބޮންޑުގެ ހަތް ޕަސެންޓު ފައިދާގެ ގޮތުގައި ދޫކުރާނެކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ބޮންޑު ގަތުމުގެ ފުރުސަތު އާންމުންނަށާއި ވިޔަފާރިތަކަށް ވަނީ ހުޅުވާލައިފަ އެވެ.

އެޗްޑީއެފްސީއިން ވަނީ 2013 އަދި 2018 ވަނަ އަހަރު ވެސް ބޮންޑު ވިއްކައިފައެވެ. ދެހާސް ތޭރަވަނަ އަހަރު ވިއްކި ބޮންޑުގެ ފައިދާ ދޫކޮށް ނިންމާފައިވާ އިރު 2018 ވަނަ އަހަރު ވިއްކި ބޮންޑުގެ ފައިދާ ދެ ފަހަރެއްގެ މަތިން ބަހާފައިވާ ކަމަށް ވެސް އެޗްޑީއެފްސީއިން ބުންޏެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 98.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެޗްޑީއެފްސީއަކީ، 2004 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރެއްގެ ދަށުން، ވޯލްޑް ބޭންކުގެ އެހީތެރިކަމާ އެކު އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، ކުންފުނީގެ 51 ޕަސަންޓު ހިއްސާ ބޭރުގެ ބައެއް ފަރާތްތަކަށް ވިއްކާލާފައި ވަނީ 2008 ވަނަ އަހަރު އެވެ.

އެޗްޑީއެފްސީއަކީ ހައުސިން ސްކީމުތަކަށް ލޯނު ނުވަތަ ފެސިލިޓީ ޕްރޮޑަކްޓްތަކެއް ދޫކުރާ ކުންފުންޏެކެވެ. އެކުންފުނީގެ ޕްރޮޑަކްޓްތައް ދޫކުރަނީ ދެ އުސޫލަކުންނެވެ. އެއީ ކޮންވެންޝަނަލް އުސޫލުގެ އިތުރުން އެޗްޑީއެފްސީ އަމްނާގެ ދަށުން އިސްލާމީ ޝަރީޢާ ހުއްދަކުރާ އުސޫލުންނެވެ.

އެޗްޑީއެފްސީގެ 51 ޕަސަންޓު ހިއްސާގެ ވެރި ފަރާތްތަކަކީ، 18 ޕަސެންޓު ހިއްސާ އޮންނަ އިސްލާމިކް ފައިނެންސް ކޯޕަރޭޝަނާއި 18 ޕަސަންޓު ހިއްސާ އޮންނަ އޭޝިއަން ޑިވެލޮޕްމެންޓް ބެންކުގެ އިތުރުން، 15 ޕަސަންޓު ހިއްސާގެ ވެރި، އިންޑިއާގެ އެޗްޑީއެފްސީ އިންވެސްޓްމެންޓެވެ.

comment ކޮމެންޓް