"އަޅުގަނޑު 13 އަހަރުގެ ދަރުފުޅު ގޮވާފާއި ބުނީ، ބައްޕާއޭ ފަޔާ ވޯކްސް އެބަ އަރުވަޔޭ. ކޮންތާކު ކަމެއް ނޭނގެއޭ، އާދެބަލާށޭ ދާން ބަލާލަން." ރޭ އަބަދަށް ފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގެ މަންޒަރު ވަރަށް ކައިރިން ދުށް އަބްދުލް ވާހިދު ކިޔައިދިނެވެ. "އަޅުގަނޑު ދެންނެވިން ދަރިފުޅާއޭ ފަޔާ ވޯކްސް ނާރުވާނޭ، މީ މީހުން ފަޔާ ވޯކްސް އަރުވާ ގަޑިއެއް ނޫނޭ. ބުނީމަ ބުނީ، ބައްޕާ ނޫނެކޭ، މިތާ ވަރަށް ކަންތައް އެބަ ހިނގައޭ،"
އަބްދުލް ވާހިދު ދިރިއުޅެމުން އަންނަނީ، އޭޑީކޭއާ ދިމާލުން ސޯސަންމަގަށް ނިކުމެވޭ މިއަމެލި ގޯޅި ތެރެއަށް ހުންނަ ހ. ފުރުނުމާގޭގަ ގައެވެ. ވާހިދު ބުނީ، އޭނާ ފުރުނުމާގެ އިން ނިކުތް އިރު، ފުރަތަމަ ރޯވެފައިވަނީ، ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ކަމަށެވެ.
"ނުކުތް އިރު، އެ އިމާރާތުގެ ކުރިމަތީ ހުރި ފިހާރަ ކައިރީ ޕާކް ކޮށްފައި އޮތް ތިން ސައިކަލުގައިވެސް އޮތީ އަލިފާން ހިފާފައި. ގިނަ މީހުންތިބީ ވީޑިއޯ ކުރަން،" މަންޒަރު ފެނުނު ގޮތް އަބްދުލް ވާހިދު ސިފަކޮށްދިނެވެ.
އޭނާ ބުނީ، ކެމިކަލް ގުދަނުގައި ރޯވާން ފެށި އަލިފާންގަނޑު އެ ހިސާބުން ފެތުރެން ފެށިކަމަށެވެ. އެގޮތުން ޕާކްކޮށްފައި އޮތް ސައިކަލުތަކުގައި ރޯވެގެން ކުރިމަތީ ހުރި ހ. އިވާއު ގޭގައި ކަންމައްޗަށްވާ ގޮތަށް ހުރި ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރައިގެ ތެރެއަށް ފެތުރި ރޯވާން ފެށި އެވެ.
"އޭރު އަޅުގަނޑާއި ބައެއް މީހުން ގޯޅިތަކުގައި ހުރި ސައިކަލުތައް ދިޔައީ ހުސްކުރަމުން. އެފަހުން ޖެހިގެން ހުރި ގުދަނުގައި ވެސް އަލިފާން ހިފަން ފެށީ،" އަބްދުލް ވާހީދު ބުންޏެވެ.
އަލިފާންގަނޑު ފެތުރިގެން ދިޔައިރު، ގުދަނުން ތެރެއިން ބާރު އަޑުފައްގަނޑެއް ގޮވައި އިތުރަށް އަލިފާންގަނޑު ބޮޑުވަމުން ދިޔަ އެވެ. ބެެލެވޭ ގޮތުގައި އެހާ ބާރަށް ގޮވަަމުން ދިޔައީ ގުދަންތަކުގެ ތެރޭ ހުރި ކެމިކަލްތަކެވެ.
އެމްއެންޑީއެފުން ވެސް ބުނަނީއެމްއެންޑީއެފް އިން ބުނާ ގޮތުގައި އެ ސަރަހައްދުގައު ހުރި ހަތަރު ކެމިކަލް ގުދަނެއްގައި އަނދައި އަޅިއަށް ވެގެން ދިޔަ އެވެ.
ހަތަރު މައިން ސަލާމަތަށް އެދި ގޮވި!
އަބްދުލް ވަހީދު ބުނިގޮތުގައި އަލިފާންގަނޑު ރޯވިތާ މާގިނަ އިރެއް ނުވެ އެސަރަހައްދުގެ ހުރިހާ ގެތަކުގެ މީހުންވެސް ގޭގެއިން ބޭރަށް ނުކުމެއްޖެ އެވެ. ނަމަވެސް އޭރުވެސް އަލިފާން ރޯވާން ފެށި ކުޑަކުދިން އެއްޗެހި ވިއްކާ ފިހާރަ ހުންނަ ހ. އިވާއު ގޭގެ މަތިން ހަތަރު މައިން ތާށިވެގެން ސަލާމަތައް އެދި ގޮވަމުން ދިޔަ އެވެ.
"ރޯ ނުވާ ބައިގެ މަތިން މީހަކު ހަޅޭއްލަވާ އަޑު އިވޭ، ފޭބޭނެ ގޮތެއް ހަދައި ދޭށޭ. ފޭބޭނެ ގޮތެއް ހަދައި ދޭށޭ. ދެން އަޅުގަނޑާއި ހަތަރު މީހަކު އެ އިމާރާތުގެ ޓެރެސް މަތީގައި އަންހެނަކާއި ތިން ކުދިން ތިބި ތާށީވެފައި،" އަބްދުލް ވާހިދު ބުންޏެވެ.
އަބްދުލް ވާހިދު ބުނީ، އޭގެ ތެރެއިން އެއް ކުއްޖަކު އަތްދަނޑިމަތީގައި އޭޑީކޭ އަށް ވެސް ގެންދިޔަ އެވެ.
ވާހިދު ބުނިގޮތުގައި އެ ހަތަރު މީހުންނަކީ، އެ ގެއަށް ނިސްބަތްވާ މީހުންނެއް ނޫނެވެ. ބެލެވޭ ގޮތުން އަލިފާން ރޯވާން ފެށުމުން ސަލާމާތްވުމަށްޓަކައި އެ މީހުން ހ. ރަނދުވާނިއާގެއިން އެ ގޭގެ ޓެރަސްއަށް އެރީ އެވެ.
މި ހިތާވެރި ހާދިސާގައި ފުރާނަ ގެއްލިގެން ދިޔަ އައިޝަތު ޝައުނާ، ތ. ބުރުނީ ދިރިއުޅެމުން އައީ ވެސް އަލިފާން ފުރަތަމަ ހިފި ގުދަނުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ ހ. ރަނދުވާނިއާގޭގަ އެވެ. އޭނާގެ ބޭބެޔަކާ އެކު އެކަނި ދިރިއުޅެމުން ދިޔަ ޝައުނާ މަރުވާން ދިމާވީ އޭނާ ހުރި ގެއިން ނުނިކުމެވި ތާށިވެގެން އެވެ. ޝައުނާގެ ހަށިގަނޑު އެ ގޭގެތެރެއިން ފެނުނު އިރު، އޭނާގެ ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަށް ފިހިފައި ކަމަށް ސިފައިން ބުންޏެވެ.
ގާތްގަނޑަކަށް ރޭ 7:30 އެހާއިރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްލެވުނީ މެންދަން ވުމާ ގާތްވެފައި ވަނިކޮށެވެ. އެ އަލިފާނުގެ ސަބަބުން ހަ ގެއަކަށް އަސަރުކުރި އިރު، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.