އަލިފާންގަނޑު ބޮޑުވި ސަބަބަކަށް ސައިކަލު ފުނި!

މާލޭގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާ: މި ހާދިސާގައި ހަތް ގެޔެއްގައި އަލިފާން ހިފި އިރު އެކެއްގެ ފުރާން ވެސް ވަނީ ގެއްލިފަ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"މި ގޯޅިތަކުގައި ވަރަށް ގިނަ އަދަދެއްގެ ސައިކަލުތަކެއް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ވެހިކަލްތަކަށް (ފަޔަ ލޮރީތަކަށް) ނުވަދެވިގެން ވަރަށް ގިނަ އިރު ހޭދަވި އަލިފާން ނިއްވުމުގެ މަސައްކަތް އެކަށީގެންވާ ގޮތަށް ފެށުމަށް،" މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ކޮމާންޑް ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވީ މިހެންނެވެ.

މިރޭ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައ ރޯވެގެން އެ އަލިފާންގަނޑު ކައިރީ ހުރީ ގެތަކަށް ފެތުރިގެންނެވެ. އަލިފާން ރޯވި އެ ގެ ހުންނަނީ އަބަދަށް ފެހިމަގުގަ އެވެ. އެ މަގަކީ ހަނި މަގެކެވެ. މަގުގައި އަލިފާން ރޯވި ގުދަނާ ދިމާލުގައި އަދި މުޅި މަގުގައިވެސް ގޭގޭގެ ދޮރުމައްޗަށް ވާގޮތަށް އެއްވެސް ހުސްތަންކޮޅެއް ނެތި ސައިކަލުތައް ހުރީ ފުންޏަކަށް ޕާކުކޮށްފަ އެވެ.

ތަނެއްގައި އަލިފާން ރޯވިކަމަށް ލިބުނު މައުލޫމާތާއެކު އެމްއެންޑީއެފްގެ ފަޔަ ލޮރީތަކަށް ރާސްލާފައި ގޮސް އަބަދަށް ފެހި މަގަކަށް ނުވަދެވުނެވެ. ސަބަބަކަށްވީ، އެ މަގުގެ ހަނިކަމާއި ވެހިކަލްތަކުގެ ބޮޑު ކަމުންނާއި އެއްކަލަ ޕާކުކޮށްފައި ހުރި ސައިކަލުތަކުގެ ސަބަބުންނެވެ. އަލިފާން ރޯވީ ކެމިކަލް ގުދަނެއްގައި ކަމުން އިސާހިތަކު އަލިފާންގަނޑު ފެތުރިގެންދިޔަ އިރުވެސް ފަޔަ ލޮރީތަކަށް އެމަގަކަށް ނުވަދެވި ޖެހުނީ ތާށިވެފައި ތިބޭށެވެ.

އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ކޮމާންޑް ކާނަލް އަބްދުﷲ އިބްރާހިމް --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

"އެ މަގުގައި ތިބި ބަންގްލަދޭޝް މީހުން އެމީހުން ހިންގާ ކެފޭއެއްގެ ތެރެއަށް ބައެއް ސައިކަލްތައް އުފުލައިގެން ގެންގޮސް ވެއްދީ. ސައިކަލްތައް ހުސް ނުކުރަނީސް ފަޔަލޮރީތަކަށް ވަދެވޭ ގޮތެއް ނުވި. މުޅި މަގު ހުސްކުރަން ވަގުތު ނެގި." އެ ސަރަހައްދުގައި ހުރި މީހަކު 'ސަން' އަށް ކިޔައިދިނެވެ.

މަންޒަރުދުއް މީހުން ބުނިގޮތުން އެމަގަށް ފަޔަ ލޮރީތަކަށް ނުވަދެވި 30 ވަރަކަށް މިނެޓް އެތާގައި އޮންނަން ޖެހުނެވެ. މަގުގެ އެއްކޮޅުން އަނެއް ކޮޅަށް ހުރި ސައިކަލުތައް ހުސްކުރަން ސިފައިންނާއި ފުލުހުންނާ އެކު އާންމުންގެ ގިނަ ބަޔަކު ބައިވެރިވި އެވެ. އެހިސާބުން އުފުލާލައިގެން ބައެއް ސައިކަލުތައް ސޯސަން މަގަށް އަދި އަނެއްބައި ސައިކަލުތައް އެހެން މަގުތަކަށް ވެސް އުފުލަމުން ދިޔަ ކަމަށް މަންޒަރު ދުއް މީހަކު 'ސަން' އަށް ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 7:23 ގައި ކަމަށް އެވަގުތު އެ ސަރަހައްދުގައި ތިބި މީހުން ބުނެ އެވެ. 'ސަން' ގެ ނޫސްވެރިން 7:30 ގައި އެ ސަރަހައްދަށް ދިޔަ އިރު އެތަނުގައި އޮތީ އެމްއެންޑީއެފްގެ ކުޑަ އެއް ވެހިކަލް އެވެ. އޭގައި ފެން ޖަހަން އޮތީ ހިމަ ހޮޅި އެކެވެ. އޭރު އަލިފާންގަނޑު ދަނީ ފެތުރެމުންނެވެ. އެއަކަށް އަލިފާންގަނޑު ކިޔަމަނެއް ނުވެ އެވެ.

ހ. ފެހިއާބާދުގޭގައި ރޯވެފައިވާ އަލިފާންގަނޑު: އަލިފާންގަނޑު ނިވާލެވުނީ ހަތަރު ގަޑިއިރަށްވުރެ ގިނައިރުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން

"އެމްއެންޑީއެފްގެ ބޮޑު ވެހިކަލް އޮތީ މަޖީދީ މަގުގެ އަބަދަށް ފެހި މަގާ ދިމާލު ކަންމަތީގައި. އެ ވެހިކަލް އެތެރެއަކަށް ނުވެއްދޭ. ދެން އެމީހުން ބެލީ އެތަނުގައި ވެހިކަލް ބާއްވައިގެން ހޮޅިން ފެންޖަހަން. އަލިފާން ރޯވި އިމާރާތާ ހަމައަށް ފޯރާ ވަރުގެ ދިގު ހޮޅިއެއް ނެތް އޭރު. ދެން ޖެހުނީ އެއް ހޮޅި އަނެއް ހޮޅިއާ ގުޅަން. އެކަމަށްވެސް ވަރަށް އިރު ނެގި." އެވަގުތު އެތަނުގައި ހުރި 'ސަން' ގެ ނޫސްވެރިޔާ ކިޔައިދިނެވެ.

ހ ތިލަފުށިގޭގައި ރޯވި އަލިފާންގަނޑު ހަ ގެއަކަށް ފެތުރި ބޮޑެތި ގެއްލުންތަކެއްވީ އިރު އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހަތަރު ގަޑިއިރަށްވުރެ ގިނައިރު ހޭޭދަވި އެވެ.

އަނެއްކަމަކީ އަލިފާން ރޯވި ގުދަނުގެ ކުރިމަތީގައި ހުރި ގެއަށް އަލިފާން ފެތުރިގެން ދިޔުމަށް ދިމާވީ ވެސް ބުރައިގެން އަައި އަލިފާންތައް ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި ރޯވެގެން އެވެ، އެންމެ ފުރަތަމަ ގުދަނުގައި ރޯވެ އެ އަލިފާންގަނޑު ދެން ރޯވީ ގުދަން ކުރިމަތީ ޕާކުކޮށްފައި ހުރި ސައިކަލުތަކުގަ އެވެ. ސައިކަލުތަކުގައި ރޯވި އަލިފާން ގަނޑު ކުރިމަތީ ހުރި އިމާރާތައް ފެތުރިގަތީ އެވެ.

ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފުން ފޯމް ބޭނުން ކުރަނީ --- ސަން ފޮޓޯ: ނަޖާހު މަސްއޫދު

މިއަދު މިދިމާވީ މާލޭގެ މަގުތަކަށް ނުކަތާ ވަރަށް ވެހިކަލް ގިނަވުމުން ވާނެ ގޮތެވެ. މަގުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކުގެ ސަބަބުން އެކެއްގެ ފުރާނަ ގެއްލި ގިނަބައެއްގެ ގެދޮރާއި މުދާ ގެއްލުނީ އެވެ. އެއް ބައެއްގެ ނަޒަރުގައި މިވަގުތަށް އޮތް ހައްލަކީ ހިމަ މަގުތަކުގައި ސައިކަލު ޕާކު ކުރުން މަނާ ކުރުމެވެ. ޕާކިންގް ޒޯންތައް ހަދާފައި ހުންނަ ސަރަހައްދުތަކުގައި ޒޯންގައި ނޫންގޮތަކަށް ޕާކް ނުކުރެވޭ ގޮތަށް ހެދުމަކީ ވެސް ހައްލެކެވެ. މިއީ ނުރައްކާތެރި ހާދިސާއެއްގެ ވަގުތުގައި ފުރާނަ އާއި މުދާ ސަލާމަތްވާން އޮތް މަގެކެވެ.

މިރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައިވެސް ހީނާ މާގޭ ޕާކިން އޮތެވެ. ވަށައިގެން ހުރި ހަނިގޯޅިތައް ސައިކަލުތަކުން ފުރިފައި އޮތަސް، ޕާކިން ޒޯންގެ ބޮޑުބައި އޮތީ ހުސްކޮށެވެ. އެ ޕާކިންއާ ކައިރީގައި ދިރިއުޅޭ ފަރާތްތަކުގެ ސައިކަލް ހީނާމާގޭ ޕާކިންގައި ބަހައްޓަން ބާރުއަޅަން ޖެހެ އެވެ. މި ހާދިސާއިން ވެސް ނަގައިދިން އިބުރަތަކީ، ވެހިކަލްތަކުގެ ކަންކަން ހަމަޔަކަށް އެޅުވުމަކީ މިއީ އެންމެންގެ ސަލާމަތަށް ކުރަން ކޮންމެހެން ޖެހޭ ކަމެއް ކަމަށެވެ.

comment ކޮމެންޓް