ބިދޭސީ މީހާ މަރުވި އިމާރާތުގެ މަސައްކަތް ހުއްޓުވައިފި

ބިދޭސީ މީހާ ވެއްޓުނު ޓަވަރު(މ): އޭނާ ވެއްޓުނު އިމާރާތުގެ މަސައްކަތް ވަނީ ހުއްޓުވާޣައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙު

މިދިޔަ ބުދަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވހީގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓި ބިދޭސީއަކު މަރުވި މައްސަލައިގައި އެ އިމާރާތުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީއިން ވަގުތީ ގޮތުން ހުއްޓުވައިފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޕީއެލްގެ މުވައްޒިފުންނަ ހާއްސަކޮށް ހަދާ ފްލެޓް އިމާރާތުގެ އަށްވަނަ ފަންގިފިލާއިން ވެއްޓި މަރުވީ، ބަންގްލަދޭޝްގެ އުމުރުން 37 އަހަރުގެ މުހައްމަދު ބަހާދުރެވެ. އޭނާ މަރުވެފައި ވަނީ އެދުވަހު މެންދުރު 12:00 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.

ޕްލޭނިން މިނިސްޓްރީގެ މީޑީއާ އޮފިޝަލް މަރިޔަމް އިނާ މާޖިދު "ސަން" އަށް ވިދާޅުވީ، އެ އިމާރާތުގެ އިންސްޕެކްޝަން މިހާރު މިނިސްޓްރީން ހަދާފައިވާ ކަމަށެވެ. އަދި އެ އިންސްޕެކްޝަނަށްފަހު، އިމާރާތުގެ ކަންކަން އެންމެ ރާއްކާތެރި ނުވުމުން ވަގުތީ ގޮތުން މަސައްކަތް ނުކުރުމަށް މިނިސްޓްރީން އެ ކުންްފުންޏަށް އަންގާފައިވާ ކަމަށް އިނާ ވިދާުވި އެވެ.

އެ އިމާރާތުގެ މަސައްކަތް ކުރަމުން ދިޔައީ، ޑަބްލިއު އެންޑް އޭ އޯވަސީސް ކިޔާ ކުންފުންޏަކުން އެވެ.

"އިންސްޕެކްޝަނުން ހާމަވީ، އެ ސައިޓްގައި އެކަށީގެންވާ ރައްކާތެރިކަމެއް ނެތްކަން. އެހެންވެ، އެތަނުގެ ސެކިއުރިޓީ އެނަލިސިސް ރިޕޯޓެއް ވެސް ހަދަން ވާނީ އަންގާފައި،" އިނާ ވިދާޅުވި އެވެ.

އިނާ ވިދާޅުވީ، މިކަަމާ ގުޅޭ އިތުރު ތަފްސީލު މިނިސްޓްރީން ނެރޭ ބަޔާނުގައި ހާމަ ކުރައްވާނެ ކަމަށެވެ.

"ސަން" ގެ ނޫސްވެރިން ވަނީ، ބަހާދުރު ވެއްޓުނު އިމާރާތުގެ ސައިޓަށް ގޮސް އެތަނުގެ ހާލަތު ބަލައި، އޭނާގެ ބައެއް އެކުވެރިންނާ ވާހަކަ ދައްކާފަ އެވެ.

ބަހާދުރުގެ އެކުވެރިން ބުނާ ގޮތުގައި އަށް ވަނަ ފަންގިފިލާއިން އޭނާ ވެއްޓުނީ، އެ އިިމާރާތުގެ އަރިމަތިން ޖަހާފައި ހުރި ފިލާތަކެއް ނައްޓަމުން ދަނިކޮށެވެ. އެ ފިލާތައް ނައްޓަމުން ނައްޓަމުން ގޮސް، ފަހަތައް އެޅި ފިޔަވަޅާއެކު ތިން ވަނަ ޓަވަރުގެ ދެ އިމާރާތް ދޭތެރެއަށް އޭނާ ސޮއްސާލީ ކަމަށް އޭނާގެ އެކުވެރިން ބުނެ އެވެ. އަދި އޭނާ ވެއްޓުނު އިރު، އެއްވެސް ކަހަލަ ސޭފްޓީ ބެލްޓެއްވެސް އަދި ހެލްމެޓެއްވެސް ނެތް ކަން އެމީހުން ފާހަގަ ކުރި އެވެ. .

އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން މިހާތަނަށް ވަނީ 13 ގައިވައިދެއް ހަދައި އެ ގައިދުތަކަށް އަމަލު ކުރަން ފަށާފަ އެވެ.

ކުރިން ވެސް ވާހަކަ ދެއްކެވި މިނިސްޓްރީގެ އޮފިޝަލް އިނާ ވިދާޅުވި ގޮތުގައި އެ ގަވައިދުތަކަށް އަމަލު ކުރަމުންދޭތޯ ވެސް މިނިސްޓްރީއިން އަންނަނީ ބަލަމުން އެވެ.

comment ކޮމެންޓް