ރައީސްގެ ޕްރެސް ފަސް މިނެޓުން: ކަންބޮޑުވުންތައް މުޅިން ސާފުކޮށްދީފި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައި މި ވަނީ ނޫސްވެރިންނާ ރަށްޓެހި ރައީސްއަކަށެވެ. އެމަނިކުފާނު އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ދެގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމަކީ މި މަސް ތެރޭވެސް އެމަނިކުފާނު ނޫސްވެރިންނާ ބައްދަލު ކުރެއްވި ދެވަނަ ފަހަރެވެ.

އިއްޔެގެ ޕްރެސްގައި އެމަނިކުފާނުގެ ވާހަކަފުޅަށް ވުރެ އިސްކަން ދެއްވީ ނޫސްވެރިންގެ ހުރި ކޮންމެ ކަންބޮޑުވުމެއް ސާފުކޮށްދެއްވުމަށެވެ. ފުރަތަމަ ފަސް މިނެޓެއްހާއިރު ފިޔަވައި ދެން ބާކީ ހުރިހާ ވަގުތެއް އެމަނިކުފާނު ހުސްކުރެއްވީ ނޫސްވެރިން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވުމަށެވެ.

މި ހިމަނާލަނީ އެމަނިކުފާނުގެ މި ދިގު ޕްރެސް ކޮންފަރެންސްގެ އެންމެ މުހިންމު ވާހަކަތަކެވެ؛

ރިލްވާންގެ މަރަށް އިންސާފު ހޯދުމާ ކައިރިއަށް

ރައީސް ސޯލިހުގެ ޕްރެސް އިއްޔެ ފައްޓަވަމުން އާންމުންނަށް ދޫކޮށްލެއްވި އެންމެ މުހިންމު މައުލޫމާތަކީ ރިޔާސީ ކޮމިޝަންތަކުގެ ތެރެއިން، "ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަން"ގެ މަސައްކަތާ ގުޅޭ މައުލޫމާތެވެ. އޭގެ ތެރެއިން ވެސް ހާއްސަކޮށް ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންއަށް އިންސާފު ހޯއްދަވައި ދެއްވުމަށް ކުރައްވާ މަސައްކަތުގެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ.

އެމަނިކުފާނު ދެއްވި ހަބަރަކީ އަންނަ ހަފްތާގައި އެ މައްސަލައިގެ ރިޕޯޓް ރިޔާސާ ކޮމިޝަނުން ނިންމާލައްވައި އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނެ ކަމަށެވެ. އެ ޔަގީންކަން ދެއްވި އެވެ.

ބޮޑު 3 މަރެއްގެ އަޑި ހޯދިއްޖެ

މަރުތައް ބަލައި ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މުހިންމު މައްސަލަތަކުގެ ތަހުގީގު ނިމިފައިވާ ހިސާބު ސާފުކޮށްދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، ބަންގްލަދޭޝްގައި އަމިއްލައަށް މަރުވި ކަމަށް ބުނާ ރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ މަރާއި މާލޭގައި ވަޅިޖަހައި 2017 ވަަނަ އަހަރުގެ ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒްގެ މުހައްމަދު އަނަސް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތަހުގީގު ނިމިފައި ވީނަމަވެސް، އެ ރިޕޯޓް އާންމު ކުރާނީ އޭނާގެ މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓްގައި ހިނގާ ޝަރީއަތް އަންނަ މަހު ހިސާބުގައި ނިމުމުން ކަމަށް ރައީސް އިއުލާން ކުރެއްވި އެވެ. އަދި އަނަސްގެ މަރުގެ ތަހުގީގުގައި ދެ މީހަކާ ސުވާޅުކޮށްލުމުން ތަހުގީގު މުޅިން ފުރިހަމަކޮށްލެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ރައުދާ އާތިފްގެ މަރުގެ ތަހުގީގު އޮތީ ނިމި ރިޕޯޓް ނެރުމާ ހަމައިގައި ކަމަށް ވެސް ވިދާޅުވި އެވެ.

ބޮޑު ހިޔާނާތުގެ އަގު 3.4 ބިލިއަން ރުފިޔާގައި

ދެން ރައީސް ފާހަގަ ކުރެއްވީ ބޮޑު ހިޔާނާތުން ގެއްލުނު ފައިސާ އަނބުރާ ހޯދަން އެމަނިކުފާނު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރައްވާ ބުރަ އަދި އުނދަގޫ މަސައްކަތްތަކުގެ ވާހަކަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ކޮމިޝަނުން މިހާތަނަށް ހޯދުނު ހޯދުން ތަކުން 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާ އިރު، އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް ހަމަ އަގުގައި ހިސާބުކުރުމުން 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.

މީގެ ކުރިން އޭސީސީ އާއި އޮޑިޓް އޮފީހުގެ ތަހުގީގުން ދެއްކީ ހިޔާނާތުގެ އަދަދު އުޅެނީ، 1.4 ބިލިއަން ރުފިޔާގައި ކަމަށެވެ.

ރައީސް އާންމުކުރެއްވި ހިސާބުތަކުން އެނގޭ ގޮތުގައި އެ ރަށްތައް ވިއްކައިގެން ދައުލަތަށް ލިބިފައިވާ ކަމަށް ދައްކާ، 91 މިލިއަން ޑޮލަރު އުނިކުރުމުން ވެސް ރަށްތަކުން އެކަނި 128 މިލިއަން ޑޮލަރު ސަރުކާރަށް ލިބެން ޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަންގެ އެސެސްމަންޓުން ދައްކަ އެވެ.

ރައީސް އިއްޔެ ހާމަކުރެއްވި ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓް ފައިނަލް ވުމުން އެ ރަށްތަކުން ލިބެން ޖެހޭ ހަމަ އަގު ސަރުކާރަށް ހޯދުމުގެ މަސައްކަތް ފަށާނެ އެވެ. އަދި މިވަގުތަށް ވެސް އެގްރިމަންޓްތައް ބާތިލް ކުރެވެން ހުރި ރަށްރަށުގެ އެގްރިމަންޓް ބާތިލް ކުރަން ފައްޓަވާފައިވާކަން ވެސް ހާމަ ކުރެއްވި އެވެ.

ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓެއް ފުރަތަމަ ފަހަރަށް

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ރައީސް އާންމު ކުރައްވަން ޖެހޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ފުރަތަމަ ފަހަރަށް ސަރުކާރުން އާންމު ކުރަން ނިންމެވިކަން ވެސް ރައީސް ހާމަކުރެއްވީ އިއްޔެގެ ޕްރެސްގަ އެވެ.

އެމަނިކުފާނުގެ އެ ވިދާޅުވުމާ އެއްގޮތަށް 17 ޖަމާއަތެއްގެ ނަމާ އެކު ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ބަލާ ފަރާތްތަކުގެ ލިސްޓް، އިއްޔެ ގެޒެޓެއް ނެރެ އާންމުކުރި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަން ކުރައްވަނީ، އެއީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތެއް ކަމުގައި ގަބޫލު ކުރައްވާތީ އެވެ. އަދި އެ ލިސްޓް އާންމު ނުކުރުމުގެ ސަބަބުން ހަނގުރާމައަށް ދާ މީހުންގެ މައްސަލަތައް ކޯޓުތަކުން ސާބިތު ކުރަން ގާނޫނީ ގޮތުން އުނދަގޫވާކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

މަސް ގަންނަން އަމިއްލަ ކުންފުނިތަކަށް ވަގުތީ ހުއްދަ

ރައީސް ވިދާޅުވީ، މިއަހަރަކީ އެންމެ މަސްވެރިކަން ރަނގަޅު އަހަރު ކަމަށް ވާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. ނަމަވެސް، މަސްވެރިން ބާނާ ހުރިހާ މަހެއް ކިރޭ ވަރަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ފެސިލިޓީތައް ކަމަށްވާ ކޫއްޑޫ އާއި ފެލިވަރު އޮތީ ތައްޔާރަށް ނޫން ކަމަށް ރައީސް ހާމަކުރެއްވި އެވެ.

އެކަން ހައްލު ކުރުމަށް އަމިއްލަ ކުންފުނިތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސް ގަތުމުގެ ވަގުތީ ހުއްދައެއް ދޫކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބުން މަސްވެރިން ބާނާ މަސް ނުކުރި، ކުނިވާން ޖެހޭ މައްސަލައަށް ވަގުތީ ހައްލެއް އަންނާނެ ކަމަށް ވިދާޅުވި އެވެ. އަދި ދާއިމީ ހައްލެއްގެ ގޮތުން މިފްކޯއިން ހިންގާ ފެލިވަރާއި ކޫއްޑޫއަށް ތަރައްގީތައް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.

މަޖިލިސް ދެވަނަ ދައުރަށް ބޮޑެތި ބިލްތަކެއް

ކުރިއަށް އޮތް މަޖިލީހުގެ ދެވަނަ ދައުރަށް ބޮޑެތި ބިލްތަކެއް ފޮނުއްވަން ސަރުކާރުން ތައްޔާރު ކޮށް އެ މަސައްކަތް ނިމުމުގެ މަރުހަލާގައިވާކަން ރައީސް އިއްޔެ ފާހަގަ ކުރެއްވި އެވެ. ހާއްސަ ގޮތެއްގައި ލާމަރުކަޒީ ނިޒާމުގެ ބިލާއި އެންމެ ކުޑަ އުޖޫރަ، މިނިމަމް ވޭޖްގެ ބިލް އަދި އިންކަމް ޓެކްސްގެ ބިލް ސަރުކާރުން މަޖިލީހަށް ފޮނުއްވާނެ ކަމަށް ވިދާޅުވި އެވެ.

އެ ބިލްތައް މިއަހަރު ތެރޭ ފާސްކޮށް އަމަލު ކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސީރިއާގެ އަލް-ހައުލްގައި ތިބި ދިވެހިން ގެންނަނީ

ސީރިއާގައި ހާލުގައި ޖެހިފައި ތިބި ދިވެހިން ގެނައުމުގެ ވާހަކަ ރައީސް މީގެ ކުރިން ވެސް ގިނަ ފަހަރު ދެއްކެވި އެވެ. އެހެން ނަމަވެސް އިއްޔެ އެ މަސައްކަތުގެ އާ މައުލޫމާތުތަކެއް ދެއްވި އެވެ.

އެގޮތުން ބޭރުގެ ދެ ގައުމަކާ ގުޅިގެން ސީރިއާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ރާއްޖެ އަނބުރާ ގެނައުމުގެ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި އެ މީހުން ސީރިއާއިން ނެރެ، އެހެން ގައުމަކަށް ގެންދިޔުމަށް ފަހު އަނބުރާ ރާއްޖެ ގެންނާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެ މީހުން ރާއްޖެ އަންނަންވާއިރަށް ޑީ-ރެޑިކަލައިޒޭޭޝަން ސެންޓަރެއް ރާއްޖޭގައި ގާއިމްކޮށް އެތަނުގައި އެ މީހުން ރިހިބިލިޓޭޓްކޮށްފައި ނޫނީ މުޖުތަމައަށް ދޫނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޓެރަރިޒަމް ގާނޫނުގެ އިސްލާހަށް ސަރުކާރު-އެމްޑީޕީ މަޝްވަރާއަށް

ޓެރަރިޒަމް ގާނޫނުގެ އިސްލާހާ މެދު އެމްޑީޕީގެ ޕީޖީގެ ގްރޫޕްގެ ތެރޭގައި ކަންބޮޑުވުންތައް ހުރިކަން ރައީސް ފާހަގަ ކުރައްވަމުން ވިދާޅުވީ، އެކަމާ މެދު ސަރުކާރާއި އެމްޑީޕީ ޕީޖީ ގްރޫޕާ ދެމެދު މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މަޝްވަރާކޮށްލައި ހިޔާލު ބަދަލުކޮށްލުމުން އެ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ކަމަށް ވިދާޅުވި އެވެ. އަދި ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނު ހަރުކަށި ކުރުމުގެ ސްޓޭންޑް ރައީސް ދަމަހައްޓަވައި އެކަން ދިފާއު ކުރެއްވި އެވެ. އަދި ވިދާޅުވީ އެ އިސްލާހުތައް މިވަގުތަށް ކޮންމެހެން ބޭނުން ކަމަށެވެ.

ޓެރަރިޒަމް ބިލަށް ރައީސްގެވެސް ކަންބޮޑުވުން

ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރުމުގެ ބިލުގައި 48 ގަޑިއިރު ވަންދެން ކޯޓަށް ހާޒިރުނުކޮށް މީހަކު ބަންދުގައި ބެހެއްޓޭނެކަން އޮންނަ އޮތުން ގާނޫނު އަސާސީއާ ހިލާފުކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާކަން ރައީސް އިއްޔެ ހާމަކުރެއްވި އެވެ.

އެއީ، މަޖިލިސް ތެރެއިން ހުރިހާ ޕާޓީތައް މަޝްވަރާކޮށްގެން ހައްލު ހޯދަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން އެ ބަދަލު ގާނޫނު އަސާސީއަށް ގެންނަން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޓެރަރިޒަމަށް ވާގިދޭ ވިޔަފާރިތައް ފަޅާއަރުވާލަނީ

ރައީސް އިއްޔެ ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކުގެ އިތުރުން އެކަމަށް ވާގިވެރިވާ ވިޔަފާރިތަކާއި މީހުން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އަދި އެ މައުލޫމާތު ވެސް ސަރުކާރުން އެނގުނު މިންވަރަކަށް ހާމަކުރައްވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އެފަދަ ފަރާތްތައް އެނގިގެން ނޫނީ ޓެރިރިޒަމް ހުއްޓުވަން އުނދަގޫވާނެ ކަމަށާއި ރައްޔިތުންނަށް ވެސް އެ ކަންކަން ސާފުވާން ޖެހޭ ކަމަށެވެ.

ރައީސް ސޯލިހާއި ނަޝީދުގެ "އަރައިރުން" ދޮގު ކުރެއްވި

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރާ ދެމެދު ކޮންމެވެސް ވަރެއްގެ ކޯޅުންތަކެއް އުޅޭކަމުގެ ނިޝާންތަކެއް ފެންނަ ކަމަށް ނޫސްވެރިއަކު ސުވާލު ކުރެއްވުމުން ރައީސް ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. ހިޔާލު ތަފާތުވިޔަސް އެމަނިކުފާނާއި ރައީސް ނަޝީދާ ދެމެދު މައްސަލަ ޖެހޭ ފަދަ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ބާވަތުގެ ވާހަކަތަކަކީ ބަޔަކު ގަސްތުގައި ހަދަހަދައިގެން ދައްކާ ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

ހައުސިންގެ ބޮޑު މަޝްރޫއެއް

ރައްޔިތުންނާ އެންމެ ބޮޑަށް ގުޅިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަހަރު ފަހުކޮޅު ފެށުމަށް ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވި އެވެ. ހާއްސަ ގޮތެއްގައި، ހުޅުމާލޭގެ ދެވަނަ ފޭސްގައި މި ސަރުކާރުން އަޅަން ފަށާ 4.200 ފްލެޓްގެ މަޝްރޫއު އަންނަ ނޮވެމްބަރުގައި ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުން ފްލެޓް އަޅާނީ މާލެ ސަރަހައްދުގައި އެކަނި ނޫންކަން ވިދާޅުވެ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގެދޮރު އެޅުމުގެ މަޝްރޫއުތައް ފައްޓަވާނެކަން ހާމަކުރެއްވި އެވެ.

comment ކޮމެންޓް