އިސްލާމިކް ބެންކުގެ ހިއްސާ ދާރަކަށް ވާންވީ ކީއްވެ؟

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް--- ސަން ފޮޓޯ

ހިއްސާގެ ބާޒާރަކީ އާމްދަނީއެއް ލިބޭނެ ފުރުސަތެއްކަން މިއަދު ދިވެހިންނަށް ދަސްވެއްޖެ އެވެ. ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް އާންމުންނަށް ހިއްސާ ވިއްކާ ކުންފުނިތަކުން ރައްޔިތުންނަށް އެކަށީގެންވާ މިންވަރެއް ފައިދާގެ ގޮތުގައި ބަހާއިރު ހިއްސާ ގަތުމަށް އާންމުންގެ ތެރޭގައި އޮންނަ ޝައުގުވެސް ދަނީ ބޮޑުވަމުންނެވެ.

މިހާރު ހިއްސާގެ ބާޒާރުގައި ހިއްސާގެ މުއާމަލާތްކުރާ ކުންފުނިތަކުން ހިއްސާ ދާރުންނަށް ބަހާ ފައިދާ މިންވަރަށް ބަލާއިރު މިއީ ކުރިމަގަށް ކުރެވޭ އިންވެސްޓުމެންޓެއްކަމަށް ގަބޫލު ކުރަން ޖެހެ އެވެ.

މިހާރު ހިއްސާގެ ބާޒާރުގެ އަގުތަކަށް ބަލާއިރު ބޭންކް އޮފް މޯލްޑިވްސް އިން ފުރަތަމަ 50 ރުފިޔާ އަށް ވިއްކި ހިއްސާގެ އަގު ވަނީ 200 ރުފިޔާ އަށް އުފުލިފަ އެވެ. ދިރާގުގެ ހިއްސާގެ އަގު 80 ރުފިޔާ އިން 100 އަށް އުފުލިފައިވާ އިރު އެސްޓީއޯގެ ހިއްސާއެއްގެ އަގު މިހާރު އުޅެނީ 500 ރުފިޔާ ގައެވެ.

މި ކުންފުނިތަކުން އެންމެ ފުރަތަމަ ހިއްސާގެ ބާޒާރުގައި ރަޖިސްޓްރީ ކުރި އިރު ހިއްސާގެ އަގު ހުރި މންވަރާއި، ހިއްސާގެ މުއާމަލާތް ކުރާތާ އަހަރުތަކެއް ފަހުން އިންވެސްޓަރުންގެ އިތުބާރު ލިބި ހޯދާފައިވާ ކުރިއެރުންތަކާ އަޅާބަލާ އިރު މިއިން ކޮންމެ ކުންފުންޏަކީ ވެސް އިންވެސްޓަރުންގެ ފުރިހަމަ އިތުބާރު ލިބި، ހިއްސާގެ އަގު ރަނގަޅު ދުވެއްޔެއްގައި ކުރިއަރައިގެން އަންނަ ކުންފުނިތަކެއްކަން ސާފުކޮށް އެނގެ އެވެ. ހިއްސާގެ ފައިދާއަށް ހާއްސަކޮށްފައިވާ އެކައުންޓަށް ފައިދާ ޖަމާކޮށްފައި ހުރިތޯ ބަލަނީ މަދުބައެކެވެ.

ބޭންކިންގެ ދާއިރާ

ބޭންކިންގެ ދާއިރާގައި ހަރަކާތްތެރިވާ ބޭންކުތައް ނުވަތަ ކުންފުނިތަކަކީ ހިއްސާގެ ބާޒާރުގައި މުހިންމު ރޯލެއް އަދާކުރާ ކުންފުނިތަކެކެވެ. އިގުތިސާދުގެ ދުވެލި ބިނާވެފައިވާ ހުރިހާ ސިނާއަތްތަކާ ބޭންކިންގެ ދާއިރާ އާ ވަނީ ގުޅިލާމެހިފަ އެވެ. ބައެއް ސިނާއަތްތަކަށް ބައެއް ފަހަރު ލޮޅުން އައި ކަމުގައި ވިއަސް ބޭންކިން ނިޒާމުގައި ހިމެނޭ ކުންފުނިތަކުގެ ރިސްކު ހުންނަނީ ފުރިހަމައަށް ބެލެންސް ކޮށްފަ އެވެ. އެހެންކަމުން މާލީ ލޮޅުންތަކުގެ އަސަރު މިފަދަ ކުންފުނިތަކަށް ކުރާ މިންވަރު ކުޑަ އެވެ. އަދި މީގެ އިތުރުން ބޭންކިން ކުންފުނިތަކަކީ މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވިގެން ހިންގާ ކުންފުނިތަކެވެ.

ފަހަކާ ޖެހެންދެން ބޭންކަކުން އާންމުންނަށް ހިއްސާވިއްކާފައި ވަނީ ބީއެމްއެލް އިން އެކަންޏެވެ. ވިއްސަކަށް އަހަރު ކުރިން ބީއެމްއެލް އިން ހިއްސާ ވިއްކި ފަހުން މިއަހަރުގެ ޖުލައި މަހާއި ހަމައަށް ހަމައަށް އިތުރު ބޭންކެއް ހިއްސާގެ ބާޒާރަށް ނުކުމެފައެއް ނުވެ އެވެ.

ހިއްސާގެ ބާޒާރުގެ މާހިރުން ބުނާ ގޮތުގައި ބޭންކިން ނިޒާމުގެ ކުންފުނިތައް ހިއްސާގެ ބާޒާރަށް ނުކުންނަ ރޭޓު ގުޅިފައިވަނީ ގައުމުގެ އިގުތިސާދީ ދުވެއްޔާ އެވެ. އިގުތިސާދު ފުޅާވެގެން އަންނަ މިންވަރަކުން މާލީ ކުންފުނިތައް ހިއްސާގެ ބާޒާރަށް ނުކުންނާނެ އެވެ. ހާއްސަކޮށް މި ސިނާއަތުގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތައް އިތުރުވާނީ އިގުތިސާދު ކުރިއަރާ މިންވަރަކުންނެވެ. މިހަރު އަނެއްކާ ވެސް މިވަނީ ބެންކަކުން އަންމުންނަށް ހިއްސާ ވިއްކަން ހުޅުވާލި ފުރުސަތު ބަންދުވުމާ ދާދި ގާތްވެފަ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް
މޯލްޑިވެސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އާއްމުންނަށް ހިއްސާއަކަށް 35 ރުފިޔާގެ މަގުން ހިއްސާވިއްކަން ފެށީ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ. ހިއްސާ ވިއްކުން ނިންމާލަން ހަމަޖައްސާފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ. މާޒީ އާއި ރާއްޖޭގެ ހިއްސާ ބާޒާރުގައި ފާއިތުވި ދުވަސްތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިއީ ދޫކޮށްލާވަރުގެ ފުރުސަތެއް ނޫނެވެ. ހާއްސަކޮށް މިއަދާ ހަމައަށް ލިސްޓުކޮށްފައިވާ މާލީ ކުންފުނިތަކުގެ ނަތީޖާއިން ވެސް މިކަން ވަރަށް ސާފެވެ.

ރާއްޖޭގެ އިގުތިސާދީ ދުވެއްޔާއި ފާއިތުވި އަހަރުތަކުގައި ކަންކަން ހިނގާފައި ހުރި ސްޕީޑާއި ޑިމާންޑް އޮތް މިންވަރަށް ބަލާއިރު، އިތުރު ބޭންކެއްގެ ހިއްސާ ބާޒާރަށް ނުކުތުމަށް 15 ވަރަކަށް އަހަރު ނަގައިފާނެކަމަށް އަންދާޒާ ކުރެވެ އެވެ. އިސްލާމިކް ބޭންކުގެ ހިއްސާ ގަތް ބައެއް އިވެސްޓަރުންނާއި ހިއްސާ ގަތް ސަބަބާ ބެހޭ ގޮތުން ސުވާލުކުރުމުން ލިބޭ ޖަވާބަކީ "މި ކަހަލަ ފުރުސަތެއްގެ އިންތިޒާރުގައި ތިބޭތާ އެތައް އަހަރެއްވެއްޖެ، ދިވެހި ބޭންކެއްގެ ހިއްސާގަތުމުގެ ފުރުސަތު ދެން އެހާ އަވަހަށް ލިބޭނެ ހެނެއް ހިއެއް ނުވޭ،" މި އެވެ.

އެމްއައިބީ އިން ބުނީ ބޭންކުގެ ހިއްސާ ގަތުމަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ. އެ ބޭންކުން އަމާޒު ހިފާފައި ހުރީ އަމިއްލަ ހިއްސާދާރުން ވީހާ ވެސް އިތުރުކުރުމަށެވެ.

"އެމްއައިބީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ވަރަށް ބޮޑު ބައިވެރިވުމަކާ އެކު އުފައްދާފައިވާ ބޭންކެއް. އައިޑީބީގެ ސިޔާސަތުގެ ވަރަށް ބޮޑު އަމާޒެއް ވީހާ ވެސް ގިނަ ދިވެހި ރައްޔިތުން ބޭންކުގެ ހިއްސާ ދާރުންނަށް ވުމަކީ،" އޭނާ ވިދާޅުވި އެވެ.

އެމްއައިބީގެ ހިއްސާ ގަންނަން ބޭނުންވާ މީހުންނަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އޮންލައިން ޕޯޓަލް https://inifity.mv އަށް ޒިޔާރަތްކޮށް ފަސޭހައިން ހިއްސާ ގަނެވޭނެ އެވެ. އަދި ބޭންކުގެ ހުރިހާ ބްރާޗުތަކުންނާއި އޯކިޑްމަކުގައި ހުންނަ ފާމްދޭރިގޭގައި ވެސް ހިއްސާގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމުގެ ކަންތައް ވަނީ ހަމަޖެހިފަ އެވެ. އެމްއައިބީގެ ހިއްސާއާ ބެހޭ މައުލޫމާތު ހިމެނޭ ލުއި ފޮތެއް https://bit.ly/mibbooklet ލިންކުން ލިބެން ހުންނާނެ އެވެ.

comment ކޮމެންޓް