ޕާކިސްތާނުގެ ކަސޫރުގައި އަނެއްކާ ވެސް ތިން ކުޑަކުއްޖަކު މަރާލުމާ ގުޅިގެން މުޒާހަރާތައް

ޕާކިސްތާނުގެ ކަސޫރުގައި ތިން ކުޑަކުއްޖަކު މަރާލުމާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފައި--

އިސްލާމްއާބާދު (ސެޕްޓެމްބަރު 19): ޕާކިސްތާނުގެ ކަސޫރުގައި ގެއްލިގެން ހޯދަމުން ދިޔަ ތިން ކުޑަ ފިރިހެން ކުއްޖަކު މަރާލާފައި އޮއްވާ ފެނުމާ ގުޅިގެން، އެކުދިންނަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ މީހުން މުޒާހަރާކޮށްފި އެވެ.

ޕަންޖާބު ޕްރޮވިންސުގައި އޮންނަ ކަސޫރުގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ރޭޕާއި މަރުގެ މައްސަލަތައް ފެންމަތިވެފަ އެވެ. އޭގެ ތެރެއިން، މިދިޔަ އަހަރު ޒައިނަބު އަންސާރީ ކިޔާ ހަ އަހަރުގެ ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައަށް ދުނިޔޭގެ ސަމާލުކަން ލިބި، އެމައްސަލާގައި ފުލުހުން އިހުމާލުވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރި އެވެ.

ކަސޫރުގައި އެންމެ ފަހުން މަރާލާފައިވާ ތިން ކުއްޖެއްގެ ހަށިގަނޑު ފެނުނީ މިދިޔަ އަންގާރަ ދުވަހުގަ އެވެ. އޭގެ ތެރެއިން މިދިޔަ ހޯމަ ދުވަހު ގެއްލުނު ފައިޒާން ކިޔާ އަށް އަހަރުގެ ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން މިހާރު ދަނީ ދެން ފެނުނު ދެ ކުދިންގެ ޑީއެންއޭ ޓެސްޓު ހަދާ، އެއީ ކޮން ކުދިންނެއްކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާނުގެ މީޑިއާތަކުގައިވާ ގޮތުން މިދިޔަ ޖޫން މަހުގެ ފަހުން ކަސޫރުން ވަނީ ހަތަރު ކުއްޖަކު ގެއްލިފަ އެވެ. އެއީ ފައިޒާންގެ އިތުރުން ޖޫން ތިނެއްގައި ގެއްލުނު 12 އަހަރުގެ ކުއްޖަކާއި އޮގަސްޓު އަށެއްގައި ގެއްލުނު ނުވަ އަހަރުގެ ކުއްޖަކާއި އޮގަސްޓް 17ގައި ގެއްލުނު އަށް އަހަރުގެ ކުއްޖެކެވެ.

ކުސޫރުގެ ސިނާއީ ސަރަހައްދެއްގައި ވަޅުލާފަައި އޮއްވާ ފެނުނު އެތިން ކުދިންގެ މަރުގެ މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކުދިންގެ މަރާ ގުޅިގެން އިއްޔެ މުޒާހަރާ ކުރި މީހުން ވަނީ މަގު ބަންދުކޮށް، ޓަޔަރުގައި ރޯކޮށްފަ އެވެ. އަދި ބައެއް މީހުން ވަނީ ޕޮލިސް ސްޓޭޝަނެއް ވަށާލައި އެތަނަށް ގާ އުކައިފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ ނުވައެއްގައި، ހަ އަހަރުގެ ޒައިނަބު އަންސާރީ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ އެކުއްޖާ ގެއްލިގެން ހޯދާތާ ފަސް ދުވަސް ފަހުންނެވެ. އަދި އެމައްސަލާގައި 24 އަހަރުގެ އިމްރާން އަލީ ހައްޔަރު ކުރީ ޖެނުއަރީ 23ގަ އެވެ. އޭނާއަކީ ޒައިނަބުގެ އާއިލާގެ ގާތް މީހެއްގެ އިތުރުން އެމީހުންގެ އަވަށްޓެރިއެކެވެ.

ޕާކިސްތާނުގެ ފުލުހުން ބުނި ގޮތުގައި އަލީ ވަނީ ޒައިނަބުގެ އިތުރުން އަށް ކުޑަކުއްޖަކު ރޭޕްކޮށް މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. އަދި އޭގެ ތެރެއިން ތިން ކުއްޖަކު ރަހީނުކޮށް، ރޭޕްކޮށް، މަރާލި ކަން އޭނާގެ މައްޗަށް ސާބިތުވެ، އަލީގެ މައްޗަށް ވަނީ ދެފަހަރެއްގެ މަތިން މަރުގެ ހުކުމް އިއްވައިފަ އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަލީއަށް ވަނީ މަރުގެ އަދަބު ދީފަ އެވެ.

ޒައިނަބުގެ އާއިލާއިން ވަނީ ފުލުހުން އެމައްސަލަ ބެލި ގޮތާ ބެހޭ ގޮތުން ނުރުހުން ފާޅުކޮށްފަ އެވެ. އަދި ޒައިނަބުގެ ގާތިލު ހޯދުމަށް މަގުފަހިވީ ސީސީޓީވީ ފުޓެޖުގެ ސަބަބުން ކަމަށާއި އެފުޓެޖު ހޯދަން ޖެހުނީ އެ އާއިލާއަށް ކަމަށް ވެސް ބުނެފަ އެވެ.

އެމައްސަލާގައި ފުލުހުން އިހުމާލުވި މައްސަލަ ކުށްވެރިކޮށް ޕާކިސްތާނުގައި އޭރު ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި ދެ މީހަކު މަރުވި އެވެ.

އަދި އޭރު ޕާކިސްތާނުން ވަނީ އެފަދަ ހާދިސާތައް ތަކުރާރުވުން ހުއްޓުވުމަށްޓަކައި ގާނޫނަށް ބަދަލު ގެނެސް، ފުލުހުންނަށް އިތުރު ތަމްރީނު ދޭނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް