ލިވިން ބްރޯކް އިން މާލެ: އަލަމާރި ތެރެ ތަރުތީބު ކުރާނީ ކިހިނެއް؟

ތޮށްޖެހިފަިއވާ މި ކުޑަކުޑަ އަދި އަގުބޮޑު މާލޭގައި ހަމަޖެހިލައިން ދިރިއުޅެވޭނެ އެންމެ މޮޅު ސިއްރަކީ އަގުހެޔޮ ދިރިއުޅަމަކަށް ލޯބިކުރުމެވެ. އާންމު އެޕާޓްމަންޓްތަކުގެ އަގު އަތްނުފޯރާފަށުގައި ހުރިއިރު، ކައިވެނި ކޮށްގެން ވަކިން ދިރިއުޅޭ ޒުވާނުންނަށް ކުރިމަތިވާ އެންމެ ބޮޑު ޗެލެންޖަކީވެސް މިއެވެ.

ބޭނުންވާ ޒަރޫރީ ދެތިން އެއްޗެއް މި ދެންނެވި ޖާގައެއް ނެތް ކޮޓަރިއެއްގައި ބަހައްޓާލެވޭއިރު، އިތުރަށް މީހަކަށް ފިޔަވަޅެއްވެސް އެޅޭކަށް ނޯންނާނެއެވެ. އެހާވެސް ފިތި ބާރުވެފައެވެ.

އެހެންކަމުން، ކޮޓަރި ރީތިކޮށް އަދި އުޅެން ފަސޭހަކޮށް ބެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ތެރެއިން މިއަދު މި ހިމަނާލަނީ، ވާޑްރޯބް ނުވަތަ ހެދުން ބަހައްޓާ ކަބަޑު ތަރުތީބު ކުރާނޭ ގޮތެވެ. މިއަދުގެ އެޕިސޯޑުވެސް މި ގެނެސްދެނީ @ބްރޯކްއޭސްއެމްވީ އާއި އެއްކޮށެވެ. އެހެންކަމުން އިތުރު ސުވާލުތަކެއް ހުރިނަމަ އިންސްޓަގްރާމުން އޭނާއަށް ޑީއެމް ކޮށްލާށެވެ. ނުވަތަ މި އާޓިކަލް އަށް ކޮމެންޓްކޮށްލާށެވެ.

ވީޑިއޯއިން ކުރުކޮށް އޭނާގެ ވޯޑްރޯބް ތަރުތީބު ކުރަމުންދާ މަންޒަރު ފެންނާނެ އެވެ. މި ހިމަނާލަނީ މިގޮތުން މުހިންމު ޓިޕްސް ކޮޅެކެވެ.

1. ވީހާވެސް މަދު އެއްޗެހި ބޭނުންކުރޭ

އަހަރެމެން މި ދައްކަނީ ޖާގަ ނެތް ވާހަކައެވެ. ތަންކޮޅު ކުޑަ ވާހަކައެވެ. ދިރިއުޅުން އަގުބޮޑު ވާހަކަ އެވެ. އެހެންކަަމަށްވާނަމަ އެންމެ މޮޅު ގޮތަކީ ބޭނުންވާ މިންވަރަށް އެއްޗެހި ހޯދުމެވެ. ބެހެއްޓުމެވެ. ހެދުންފަދަ ތަކެއްޗަކީވެސް އަގުބޮޑު އެކަމަކު ރަނގަޅު ކޮލިޓީގެ އެއްޗެއްނަމަ ގިނަ ދުވަސްތަކަކަށް ބޭނުންކުރެވިދާނޭ އެއްޗެކެވެ. އެހެންކަމުން ކޮންމެ މަހަކު ޝޮޕިންއަށް ދިއުމުގެ ބަދަލުގައި ކޮންމެހެން ބޭނުންވެގެން ނޫނީ ހެދުން ނުގަންނާށެވެ. ބޭނުންނުވާ ހެދުމެއް ރަނގަޅު ހާލަތެއްގައި އޮތްނަމަ ކޮންމެވެސް ތްރިފްޓް ޝޮޕްއަކަށް ނުވަތަ އާއިލާގެ އެހެން މެންބަރަކަށްވިޔަސް އަލުން ބޭނުންކުރުމަށް ދޭށެވެ.

2. ހިމަ އެއްވައްތަރެއްގެ ކޮނޑު

ކޮނޑަކީ ވަރަށް ޖާގަ ނަގާނެ އެއްޗެކެވެ. އެހެންނަމަވެސް ގަމީހާޢި ޓީޝާާާޓާއި އަދި ޓޮޕްފަދަ ތަކެތި އެންމެ ރަގަޅުވާނީ ކޮނޑުގައި އަޅުވާފައި ބެހެއްޓުމެވެ. އޭރަށް ރޫޖެހުމުން ސަލާމަތްވެ، ޖާގަަވެސް ސަލާމަތް ވާނެއެވެ. އަދި ހިމަ އެއްވައްތަރެއްގެ ކޮނޑު ބޭނުންކުރުމުން ކުޑަ ތަންކޮޅެއްގައި ގިނަ އެއްޗެހި ބެހެއްޓޭނެ އެވެ.

3. ބާސްކެޓް ބާސްކެޓް ބާސްކެޓް

ކަބަޑެއް ތަރުތީބު ކުރުމުގެ ގޯލްޑަން ރޫލްއަކީ މިއީ އެވެ. ބޭނުންވާ އެކި ބާވަތްތަކުގެ އެއްޗެހި، ރީތިކޮށް ފައްޖަހާފައި ކޮޅަށް ހުންނަގޮތަށް ބާސްކެޓަށް އަޅާށެވެ. އޭރަށް މުޅި ކަބަޑު ތެރެ ކޮނެގެން އެއްކަލަ ޖީންސް ހޯދާކަށް ނުޖެހޭނެ އެވެ. މިގޮތަށް ތަރުތީބު ކުރުމުގައި އެމީހަކަށް ފަސޭހަ ގޮތަކަށް އެއްޗެހި ވަކިކޮށްލެވިދާނެ އެވެ. މިސާލަކަށް ޖީންސް ހަރުވާޅު، ބޭރަށް ދާއިރު ލާ އެއްޗެހި، ގޭތެރޭގައި އަދި ނިދަންލާ ހެދުންތައް މިފަދައިން ގްރޫޕް ކޮށް ބާސްކެޓަށް އެޅޭނެ އެވެ. މިގޮތަށް ބާސްކެޓް ގަންނައިރު، ކަބަޑަށް ފިޓްވާނޭ ބާސްކެޓް ގަންނަން ހަދާން ބަހައްޓަންވާނެ އެވެ. އަދި މިހާރަކަށް އައިސް، އެކި ބޭނުންތަކަށް ހާއްސަ ވައްތަރުތަކުގެ ބާސްކެޓްވެސް ހުރެއެވެ. މިގޮތުން އިސްޓާކީން އަޅާ ބާސްކެޓް، އަންޑާ ގާމެންޓްސް އަޅާ ބާސްކެޓް، ޓައި ފަދަ ތަކެތި ބަހައްޓާ ހާއްސަ ބާސްކެޓް ވެސް ވަކީން މިހާރު ލިބެން ހުރެއެވެ.

4. ކަސްޓަމައިޒްޑް އޯގަނައިޒާރސް

ދެން ބާކީ ހުންނާނީ ޝޯލްއާއި ބެލްޓާއި މިފަދަ ދެތިން އެއްޗެކެވެ. މިކަމަށްވެސް @ބްރޯކްއޭސްއެމްވީ ބޭނުންކުރަނީ ހާއްސަ އޯގަނައިޒާތަކެކެވެ. މިގޮތުން ޝޯލް އެޅުވުމަށް ގިނަ ބޮޅުތަކެއް ހުންނަ އެއްޗެއް ބޭނުންުކުރެވިދާނެއެވެ. އޭރަށް ހުރިހާ ކުލަތަކެއްގެ ޝޯލް ފަސޭހައިން ފެންނަން ހުންނާނެއެވެ. ދެން އޭނާ ބޭނުންކުރަނީ، ބެލްޓް އެޅުވުމަށް ހާއްސަ އެއްޗެކެވެ. މިއިންވެސް މުޅި ކަބަޑު ތެރެއަށް އެއްޗެހި އުކާލެވިފައި ހުރުމުން ސަލާމަތްވެ، ރީތިކޮށް އަދި ބޭނުންކުރަން ފަސޭހަކޮށް ވާޑްރޯބް ބެހެއްޓޭނެއެވެ.

މި ވީޑިއޯ އިން މި ފެންނަނީ އެންމެ ގެއެއްގައި އެ ގެއެއްގައި ދިރިއުޅޭ މީހުންގެ ބޭނުންތަކަށް ކަބަޑު ތަރުތީބު ކުރެވިފައިވާ ގޮތެވެ. ކޮންމެ ބައެއްގެވެސް މިދެންނެވި ބޭނުންތަކާއި އަދި ބޭނުންކުރާ ތަކެތިވެސް ތަފާތުވާނެ އެވެ. އެެހެންނަމަވެސް މި މައިގަނޑު ޚިޔާލުގެ މައްޗަށް ކަބަޑު ތަރުތީބުކޮށްލެވިއްޖެނަމަ ހަމަގައިމުވެސް ވަރަށް ފަސޭހަވާނެ އެވެ. ވަރަށް ރީތިވެސް ވާނެ އެވެ.

comment ކޮމެންޓް