ޔުވެންޓަސް އާއި އެތުލެޓިކޯ އެއްވަރުވި އިރު ޕީއެސްޖީން ރެއާލް ލަދުގަންނަވާލައިފި

ޕީއެސްޖީއާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގައި ޕީއެސްޖީން ގޯލު ޖެހުމަށްފަހު --- ފޮޓޯ// އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޔުވެންޓަސްއާއި އެތުލެޓިކޯ މެޑްރިޑް އެއްވަރުވި އިރު ޕީއެސްޖީން ރެއާލް މެޑްރިޑް ލަދުގަންނަވާލައިފި އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ ވެރިކަން ކުރަމުން އަންނަ ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގައި ރޭ ވެސް ވަނީ ފޯރިގަދަ ގިނަ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާއި ވޭތުވެ ދިޔަ ސީޒަނުގައި ސްޕެއިންގެ ދެވަނަ ހޯދި އެތުލެޓިކޯއިން މިރޭ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. އަދި އެ މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ރެއާލް ވަނީ މިރޭ ކުޅުނު މެޗުން 0-3 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

ޔުވެންޓަސްއާއި އެތުލެޓިކޯ ބައްދަލު ކުރި މެޗުގެ ތެރެއިިން

މިދިޔަ ސީޒަނުގެ ކުއާޓާ ފައިނަލުގައި ވެސް ބައްދަލު ކުރި އެތުލެޓިކޯއާއި ޔުވެންޓަސް މިރޭ ކުޅުނު މެޗަށް ދެ ޓީމުން ވެސް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. ޔުވެންޓަސްގެ ތަރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ގޮންޒާލޯ ހިގުއައިން ފޯވާޑުންނަށް ހިމަނައިގެން މިރޭގެ މެޗަށް ޔުވެންޓަސް ނުކުތް އިރު އެތުލެޓިކޯގެ ކުރި ބެލެހެއްޓީ ޑިއޭގޯ ކޮސްޓާއާއި ޔާއޯ ފެލިކްސްއެވެ.

މެޗު ފެށިގެން ދެ ޓީމުން ވެސް ކުޅުނީ ވާދަވެރި ކުޅުމެކެވެ. ދެ ޓީމުން ވެސް ހަމަހަމައަށް ހަމަލާ އުފައްދަމުން ދިޔަ އިރު ދެ ޓީމުގެ ޑިފެންސުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އެތުލެޓިކޯ މެޑްރިޑުގެ ވަންޑާ މެޓްރޯޕޮލިޓާނޯގައި ކުޅުނު އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑް ނެގީ ޔުވެންޓަސްއިންނެވެ. ދެވަނަ ހާފުގެ ކުރީ ކޮޅު ޖުއަން ކުއަޑްރާޑޯ އެ ޓީމަށް އެ ގޯލު ޖަހައިދިން އިރު އޭގެ އިރަކޮޅެއް ފަހުން ބަލައިސް މަޓުއިޑީ ވަނީ އިތުރު ގޯލެއް ޖަހައި ޔުވެންޓަސްގެ ލީޑު ފުޅާ ކޮށްފަ އެވެ.

ޔުވެންޓަސްގެ ގޯލުތަކަށް ފަހު އެތުލެޓިކޯއިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެތުލެޓިކޯއިން ވަނީ މެޗުގެ 70 ވަނަ މިނަޓުގައި ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެތުލެޓިކޯއިން ޖެހި ފަހު ގޯލު އެ ޓީމަށް ޖަހައިދިނީ މެޗުގެ 90 ވަނަ މިނަޓުގައި ހެކްޓަރ ހެރޭރާ އެވެ.

މީގެ އިތުރުން ޗެމްޕިއަންސް ލީގު އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ރެއާލް މިރޭ ވަނީ ބޮޑު ބައްޔަކުން ޕީއެސްޖީ އަތުން ބަލިވެފަ އެވެ.

ޕީއެސްޖީއާއި ރެއާލް މެޑްރިޑް ބައްދަލު ކުރި މެޗުގައި ޕީއެސްޖީން ގޯލު ޖެހުމަށްފަހު --- ފޮޓޯ// އޭޕީ

ޕީއެސްޖީގެ ޕާކް ޑެސް ޕްއިންސްގައި ކުޅުނު އެ މެޗު ފެށިގެން 14 ވަނަ މިނަޓުގެ ތެރޭގައި އެ ޓީމަށް ލީޑު ނަގައިދިނީ ރެއާލް މެޑްރިޑަށް ކުރިން ކުޅުނު އޭންޖެލް ޑިމާރިއާ އެވެ. އޭނާ ވަނީ އެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ފުރަތަމަ ހާފުގެ 33 ވަނަ މިނަޓުގައި ވެސް ގޯލެއް ޖަހައިދީ ފަރަގު ބޮޑު ކޮށްފަ އެވެ.

ޕީއެސްޖީގެ ދެ ގޯލަށް ފަހު ރެއާލުން ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރި އެވެ. އެގޮތުން ގެރެތު ބޭލް ޖެހި ގޯލަކާއި ކަރީމް ބެންޒީމާ ޖެހި ގޯލެއް ވެސް ރެފްރީ ވަނީ ވީއޭއާރް ބެލުމަށްފަހު ގޯލެއް ނޫން ކަމަށް ނިންމާފަ އެވެ.

ޕީއެސްޖީން މެޗުގައި ޖެހި ފަހު ގޯލު އެ ޓީމަށް ޖަހައިދިނީ ތޯމަސް މުއެނީރް އެވެ.

comment ކޮމެންޓް