ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ އިމާރާތެއްގެ އަށްވަނަ ފަންގިފިލާއިން އިއްޔެ ވެއްޓުނު ބަންގްލަދޭޝްގެ އުމުރުން 37 އަހަރުގެ މުހައްމަދު ބަހާދުރުގެ ކުއްލި މަރާ އެކު އޭނާގެ އެކުވެރިން ތިބީ ސިހުމާއި މާޔޫސްކަމުގެ ތެރޭގަ އެވެ. ބަހާދަރު ވެއްޓުނު ހާދިސާ ހިނގި، އެމްޕީއެލްގެ ހިޔާ މަޝްރޫއުގެ ފްލެޓް އިމާރާތްތައް ހުރި ސަރަހައްދަށް "ސަން"ގެ ނޫސްވެރިން ދިޔައިރު ވެސް އޭނާއާ އެކު މަސައްކަތް ކުރި، އެކުވެރިން ތިބީ ލިބުނު ޝޮކުގައި ރަނގަޅަށް ވާހަކަ ވެސް ނުދެއްކިފަ އެވެ. އެހާ ކުއްލި ގޮތަކަށް ބަހާދުރު އެ މީހުންނާ ވަކިވެވެގެން ދިޔުން އަދިވެސް އެ މީހުންނަށް ތިބީ އެކަން ގަބޫލެއް ނުކުރެވިފަ އެވެ. އެމީހުންގެ މޫނުމަތީގައި ވަނީ މޮޅިވެރިކަމެވެ.
"އޭނާ މި ކުންފުންޏާ ގުޅުނީ، މީގެ 17 ދުވަސް ކުރިން. އޭނާއަކީ ވަޑާން ކުރުމަށް ގެނައި މީހެއް. ކުރިންވެސް ރާއްޖޭގައި އުޅުނު،" އޭނާއާ އެކު މަސައްކަތްކުރި ބަންގްލަދޭޝް މީހަކު ވަރަށް އުނދަގުލުން ވާހަކަ ފެށި އެވެ.
އެމްޕީއެލްގެ ތިން ޓަވަރެއް ދެވަނަ ފިޔަވަހީގައި ހުރެ އެވެ. އެއިން ކޮންމެ ޓަަވަރެއް އިމާރާތް ކުރަނީ ދެ އިމާރާތް ގުޅުވާލާ ގޮތަށެވެ. ބަހާދުރު ވެއްޓުނީ ތިންވަނަ ޓަވަރުގައި ހުންނަ ދެ އިމާރާތުގެ ދެމެދަށެވެ.
"މީހުން ހަޅޭލަވާ އަޑަށް އަހަރެން އަންނަނީ. އަންނަ ގަޑީގައި ބަހާދުރު އޮތީ، ވެއްޓިފައި. މޫނު ހުންނަނީ، މައްޗަށްވާ ގޮތަށް. ބާއި [ބަހާދަރު] ދެލޯ ހުންނަނީ ބޮޑުވެފައި. ލޭވެސް ހުންނަނީ ކަންފަތް ކައިރީ އައިސްފައި،" ބަހާދުރު ވެއްޓިފައި އޮތް މަންޒަރު ފެނުނު މީހަކު ކިޔައިދިނެވެ.
ވެއްޓުނީ ފަހަތަށް އެޅި ފިޔަވަޅުން!
ބަހާދުރުގެ އެކުވެރިން ބުނާ ގޮތުގައި އަށް ވަނަ ފަންގިފިލާއިން އޭނާ ވެއްޓުނީ، އެ އިިމާރާތުގެ އަރިމަތިން ޖަހާފައި ހުރި ފިލާތަކެއް ނައްޓަމުން ދަނިކޮށެވެ. އެ ފިލާތައް ނައްޓަމުން ނައްޓަމުން ގޮސް، ފަހަތައް އެޅި ފިޔަވަޅާއެކު އިމާރާތުގެ ދޭތެރެއަށް އޭނާ ސޮއްސާލީ އެވެ.
"ފަންގިފިލާގައި ޖަހާފައި ހުރި ސަޓަރިން [ފިލާތައް] ނައްޓަމުން ދަނިކޮށް، ފަހަތައް ޖެހެމުން ޖެހުމުން ގޮސް ވެއްޓުނީ،" ބަހާދުރު ވެއްޓުނު އިރު އޭނާއާއެކު މަސައްކަތްކުރަމުން ދިޔަ މީހަކާ ހަވާލައިދީ، ކުރިން ވާހަކަދެއްކި މީހާ ބުންޏެވެ.
ފުލުހުން ކޯޑަން ކޮށްފައިވާ އެ ސީންގެ ބޭރުގައި އަދިވެސް ބަހާދުރުގެ ހަށިގަނޑުން އޮހޮރުނު ލޭގެ އަސަރު ފެންނާން އެބަހުއްޓެވެ. ސަރަހައްދު ބަންދުކޮށްފައި އޮތުމުން އެ އިމާރާތަށް އެރުމުގެ ފުރުސަތު، މަޝްރޫއުގެ ކޮންޓްރެކްޓަރު ޑަބްލިއު އެންޑް އޭ އޯވަސީސްއަކުން ނުދެ އެވެ. ނަމަވެސް ކޯޑަންގެ ބޭރުން ހުރެ ބަލައިލުމުން ބަހާދުރު ވެއްޓިފައި އޮތް ތަން ކޮންމެވެސް ވަރަކަށް ފެނެ އެވެ.
"ވެއްޓިފައި އޮތް އިރު ބަހާދުރުގެ އެއްވެސް ހަރަކާތެއް ނެތް. ނަމަވެސް ވިންދު ބެލި ގަޑީގައި ކޮންމެވެސް ވަރަކަށް ވިންދު ހުރި،" ބަހާދުރު ވެއްޓިފައި އޮއްވާ ފެނުނު މީހަކު ބުންޏެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، އިއްޔެ މެންދުރު 11:50 ހާއިރު އެވެ. އޭނާގެ ހަށިގަނޑު ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެތަނުން ބުނީ 12:00 ގައި ބަހާދުރު ގެނައި އިރުވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި އޭނާ މަރުވިކަން ހޮސްޕިޓަލަށް ގެނައި މަގުމަތީގައި އެނގުނު ކަމަށެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތް!
ބަހާދުރު ވެއްޓުނު ދިމާލުގައި، ދެ އިމާރާތް ދޭތެރޭ މަތިން ތިރިއަށް ހުރީ ހުރަހަށް ޖަހާފައި ހުރި ދަގަނޑު ހޮޅިތަކެކެވެ. އެތަނަށް ވެއްޓޭ މީހަކު ބިމާ ހަމައަށް ދާނީ ހޮޅިތަކުގައި ޖެހެމުން ޖެހެމުންނެވެ. އެތަނުން ވެއްޓޭ މީހަކު ހަމަ ގައިމުވެސް ސަލާމަތުން އޮތުމަކީ ނާދިރު ކަމެކެވެ.
ބަހާދުރު ވެއްޓުނު ފަންގިފިލާގެ ވަށައިގެން އެއްވެސް ވަރަކަށް ސޭފްޓީ ނެޓު ހަރުކޮށްފައެއް ނެތެވެ. އެ އިމާރާތް މިހާރު 10 ވަނަ ފަންގިފިލާޔާ ހަމަޔަށް ނަގާފައިވާ އިރު، އެންމެ މަތީގައިވެސް މަސައްކަތް ދިޔައީ ކުރަމުންނެވެ. އެ އިމާރާތުގެ ބައެއް ދިމަ ދިމާލުން މަދުން ނަމަވެސް ސޭފްޓީ ނެޓު ޖަހާފައި ހުރި އިރު، ސޭފްޓީ ނެޓުގެ ބައެއް ތަންތަނުން ބާގަނޑު ހެދި، ހަލާކުވެފައި ހުއްޓެވެ. އެ ސޭފްޓީ ނެޓު "ސޭފް"އެއް ނޫނެވެ.
އިމާރާތުގެ މަސައްކަތްތެރިން ބުނި ގޮތުގައި، އެ ސައިޓުގައި އެކަށީގެންވާ ވަރަށް ރައްކާތެރިކަމުގެ ފިޔަޅު އެޅުމަށް ބޭނުންކުރާ ވަސީލަތްތައް ހުރެ އެވެ. ނަމަވެސް ބަހާދުރު ވެއްޓުނު އިރު، ހަށިރައްކަލަށް އެއްވެސް ކަމެއް އޭނާ ކޮށްފައެއް ނުވެ އެވެ.
"އޭނާ ވެއްޓުނު އިރު، ސޭފްޓީ ބެލްޓެއް އަދި ހެލްމެޓެއް ވެސް ނެތް،" ބަހާދުރު ވެއްޓިފައި އޮއްވާ މަންޒަރު ދުށް މީހަކު ބުންޏެވެ.
އިމާރާތުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާ މެދު ކޮންޓްރެކްޓަރުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.
އިމާރާތް ކުރާ ސައިޓްތަކުގެ ސަލާމަތީ ކަންކަމާ ގުޅޭ ކަންކަން ބަލައި، ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް، އިނާ މާޖިދު "ސަން" ވިދާޅުވީ، އިއްޔެގެ ހާދިސާއާ ގުޅިގެން އެ ސައިޓްގެ އިންސްޕެކްޝަނެއް މިނިސްޓްރީއިން ހެދި ކަމަށެވެ. އަދި އެ އިންސްޕެކްޝަނަށް ފަހު، ކަންކަން އިސްލާހު ކުރަން ވަގުތީ ގޮތުން އެތަނުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާނެ ކަމަށް ވެސް އިނާ ވިދާޅުވި އެވެ.
"އިންސްޕެކްޝަނުން ހާމަވީ، އެ ސައިޓްގައި އެކަށީގެންވާ ރައްކާތެރިކަމެއް ނެތްކަން. އެހެންވެ، އެތަނުގެ ސެކިއުރިޓީ އެނަލިސިސް ރިޕޯޓެއް ވެސް ހަދަން ވާނީ އަންގާފައި،" އިނާ ވިދާޅުވި އެވެ.
އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން މިހާތަނަށް ވަނީ 13 ގައިވައިދެއް ހަދައި އެ ގައިދުތަކަށް އަމަލު ކުރަން ފަށާފަ އެވެ. އިނާ ވިދާޅުވި ގޮތުގައި އަދި އެ ގަވައިދުތަކަށް އަމަލު ކުރަމުންދޭތޯ ވެސް މިނިސްޓްރީއިން އަންނަނީ ބަލަމުން އެވެ،
"މިނިސްޓްރީން ރިޕޯޓު ކުރުމުން މިނިސްޓްރީން އެތަންތަނަށް ދާނެ. ގޮސް އިސްޕެކްޓް ކުރުމަށްފަހު، ސިޓީ ކައުންސިލަށް ރިޕޯޓު ކުރާނެ. ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ ފިޔަވަޅު އަޅާނެ،" އިނާ ވިދާޅުވި އެވެ.
އިނާ ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކީ، ހަދާފައިވާ ގަވައިދުތަކަށް ބައެއް ފަރާތްތަކުން ބޯނުލެބުން ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން ދޭތެރެ ދެތެރެއިން އިމާރާތްތައް ހާލަތު ބެލުމަށް ޒިޔާރަތް ކުރެ އެވެ. އެ މިނިސްޓްރީން މީގެ ކުރުން ބުނެފައިވާ ގޮތުގައި، އެގޮތަށް ޒިޔާރާތް ކުރަން ފެށި ފަހުން ދިމާވާ މައްސަލަތައް މިހާރު ވަނީ ކޮންމެވެސް ވަރަކަށް މަދުވެފަ އެވެ.
ނަމަވެސް، ގަވައިދުތަކަށް ބޯނުލެބުމުގެ ސަބަބުން އަނެއްކާ ވެސް މި ވަނީ ފުރާނައެއް ގެއްލިފަ އެވެ. ސަލާމަތާއި ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ މެދު ފަރުވާ ކުޑަކުރުމާ ގުޅިފައިވަނީ އެތައް ފުރާނަޔަކާ އެވެ. ސަލާމަތީ ގޮތުން ފަހަތަށް އެޅޭ ކޮންމެ ފިޔަވަޅަކުން އެތައް ބައެއް ނުރައްކަލަކަށް ވެއްޓިގެންދެ އެވެ. މިފަހަރު ބަހާދުރު ފަހަތަށް އެޅި ފިޔަވަޅާ އެކު، އޭނާ މަރުގެ ދަންތުރައަކަށް ވެއްޓިގެން ދިޔައީ އެވެ. ސަލާމަތި ފިޔަވަޅުތައް ރަނގަޅަށް ހުރި ނަމަ، އެ ދަންތުރައަށް އޭނާ ވެއްޓިގެން ނުދިޔައިހެވެ.