ޓީބީ ޓެސްޓު ކުރެވޭ ޒަމާނީ މެޝިންތަކެއް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފި

ޖީން އެކްސްޕާރޓް މެޝިންތައް ހަވާލުކުރުން--- ފޮޓޯ: ހެލްތު މިނިސްޓްރީ

ޓީބީ ބަލި ޓެސްޓުކުރެވޭ އެންމެ ޒަމާނީ މެޝިންތަކެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަދިޔާކޮށްފިއެެވެ.

މިއަދު މެންދުރު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގައި ޖީން އެކްސްޕާޓް ހަތަރު މެޝިން ވަނީ ހަވާލުކޮށްފައެވެ.

އެ މެޝިންތައް ހެލްތު މިނިސްޓްރީއާއ ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. އަރްވިންދް މަތޫރެވެ. އަދި އެ މެޝިންތަކާ ހަވާލުވެލެއްވީ މިނިސްޓަރު އަބްދުﷲ އަމީންއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު ހަދިޔާ ކުރި ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ޓީބީއަށް ހެދޭ ޓެސްޓުން، ދެ ގަޑިއިރުގެ ތެރޭގައި މީހެއްގެ ކުޅުގައި ޓީބީގެ ޖަރާސީމު ހުރިތޯއާއި، ޓީބީއަށް ބޭނުންކުރެވޭ ބައެއް ބޭހަށް ރެސިސްޓެންޓްކަން ނުވަތަ ނޫންކަން ދެނެގަނެވޭނެ ކަމަށެވެ.

އާއްމުކޮށް ޓީބީ ބަލި ޖެހިފައިވޭތޯ ބަލަނީ ތިން ދުވަސްމަތިން ކުޅު ނަގައި، އޭގައި ޖަރާސީމު ހުރިތޯ ބަލައި، އެކްސްރޭ ނަގައިގެންނެވެ. ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ހެދޭ ޓެސްޓުތަކުން އަވަހަށް ޓެސްޓްގެ ނަތީޖާ ލިބި، ބަލިމީހާގެ ހަށިގަނޑުގައި ބޭހަށް ނުގުޑާ ޓީބީގެ ޖަރާސީމް ހުރިކަން ނުވަތަ ނެތްކަންވެސް އެނގިގެން ދެއެވެ.

އޭގެ ސަބަބުން، ބަލި މީހާއަށް ދޭން ޖެހޭ ފަރުވާ ވީހާވެސް އަވަހަށް ފެށި، ޓީބީ ބަލިން ބަލިމީހާ އަދި މުޖުތަމައު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދެއެވެ.

ރާއްޖެއަކީ ޓީބީ ނައްތާލުމަށް ގައުމީފެންވަރުގައި އަހައްމިޔަތުކަން ދީފައިވާ ގައުމެއްގެ ގޮތުގައި ސަރަހައްދީ ފެންވަރުގައި ފާހަގަވެފައިވެއެވެ. އެގޮތުން 2022 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް ގައުމީ ސްޓެރެޓަޖީއެއް އެކުލަވައިލާ ފެބްރުއަރީ 2018 ގައި އެކަމުގެ މަސައްކަތްތައް ވަނީ އިފްތިތާހްކޮށްފައެވެ.

ޓީބީއަށް ޓެސްޓް ކުރެވޭ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން ޓީބީ ބަލި ދެނެގަނެ ފަރުވާގެ ކަންތައް ކުރިޔަށް ގެންދިއުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްވެސް މެއެވެ.

އެ ވައުދާ އެއްގޮތަށް ރާއްޖޭގެ ދެ ސަރަޙައްދުގައި (ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި ގދ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި) ޖީން އެކްސްޕާޓް މެޝީން ބެހެއްޓި ހިދުމަތް މިހާރު ވަނީ ދޭން ފަށައިފައެވެ. މީގެ ކުރިން ޖީން އެކްސްޕާޓްގެ ޚިދުމަތް ދެމުން ގެންދިޔައީ ހަމައެކަނި އައިޖީއެމްއެޗްގައެވެ.

ރާއްޖެއިން ޓީބީ ނައްތާލުމުގެ މަސައްކަތަށް ލަފާ ދިނުމަށް މިނިސްޓަރ އޮފް ހެލްތު ވަނީ ހައި ލެވެލް ނެޝަނަލް ސްޓިއަރިންގ ކޮމިޓީއެއް އެކުލަވާލައްވައިފައެވެ. މީގެ އިތުރުން ޓީބީއާއި ބެހޭ މައުލޫމާތު ފަތުރާ، ގިނަ އަދަދެއްގެ ބަޔަކު ޓީބީއަށް ސްކްރީންކޮށް، އަދި ފަރުވާ ދިނުން ހިމެނޭގޮތަށް ކުރިޔަށް ގެންދާ ގައުމީ ކެމްޕޭނެއް ދުނިޔޭގެ ޓީބީ ދުވަހު ވަނީ ފަށައިފައެވެ.

comment ކޮމެންޓް