އެހެން ޕާާޓީތަކަށް ސޮއި ހޯދަން ޔާމީންގެ ނަން ބޭނުންނުކުރަން އެދިއްޖެ

އޮގަސްޓް 26، 2019: ޕީޕީއެމް އަދި ޕީއެންސީގެ ކުރީގެ މަޖިލިސް މެމްބަރުނާއި، ޔާމީން ސަރުކާރުގެ މިނިސްޓަރުން ޖުމްހޫރީ ޕާޓީއާއި ގުޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރުހުން ހޯއްދަވާފައިވާ ކަމަށް ބުނެގެން، ޕީޕީއެމް-ޕީއެންސީ މެމްބަރުންގެ ސޮއި ހޯދަން ޕީޕީއެމްއިން ވަކިވި މެމްބަރުން މަސައްކަތް ނުކުރަން ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެދިއްޖެއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަކިވެގެން ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދާއި އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ ދާދި ފަހުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދުވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، ދާދި ފަހުން އެ ކޯލިޝަނުން ވަކިވި ކުރީގެ އިސް މެމްބަރުން އެ ބޭފުޅުން ގުޅިވަޑައިގެންނެވި ޕާޓީއަށް ސޮއި ހޯއްދަވަން މަސައްކަތް ކުރައްވާ އިރު ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

3 ޑިސެންބަރު 2018ގައި ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުންދު އަދި ރައީސް ޔާމީން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"އަޅުގަނޑުމެންގެ ގޮފިތަކުގެ ވެރިންނާ ގުޅުއްވައި މި ވިދާޅުވަނީ އެ ބޭފުޅުން މި ވަޑައިގަތީ އަޅުގަނޑުމެންގެ ޕާޓީގެ ރައީސްއާ މަޝްވަރާ ކުރެވިގެންނޭ އެއް ބަޔަކު މި ބުނަނީ. އަނެއް ބަޔަކު މި ބުނަނީ ތިމަންމެންނަކީ މިއީ ހަމަ އެކައްޗެކޭ،" މުންދު ވިދާޅުވިއެވެ. "އެހެން ޕާޓީއަކަށް ވަޑައިގެން ތިއްބަވާފައި މި ވިދާޅުވަނީ ތިމަންނާމެން މި ތިބެނީ ޕީޕީއެމްއާ އެކުގައޭ. ޕީޕީއެމްގެ މެމްބަރުންނަށް ވަރަށް ހެޔޮ އެދިގެންނޭ. ޕީއެންސީ ދެކެ ވަރަށް ލޯބިވެއޭ. މިއީ ހަމަ އެކައްޗެއް ނޫން ހެއްޔޭ. އެހެންވީމަ ތިމަންނާމެން މިއަދު މި އުޅޭ ޕާޓީއާ ގުޅެންވީނޫންހޭ."

ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ސޮއި ހޯއްދަވަން މަސައްކަތް ނުކުރައްވަން މުންދު އެދިވަޑައިގަތެވެ. އަދި ކޯލިޝަނުން ވަކިވެވަޑައިގެން މެމްބަރުންނަކީ ރައީސް ޔާމީނާ މަޝްވަރާ ކުރައްވާފައި ވަކިވެވަޑައިގެންނެވި މެމްބަރުންނެއްވެސް ނޫން ކަމަށާއި ކުޑަމިނުން "ވަދާއީ ޒިޔާރަތެއް"ވެސް ނުކުރައްވާކަމަށް މުންދު ވިދާޅުވިއެވެ.

"އެއްވެސް ބޭފުޅަކު ރައީސް ޔާމީން މިހެން ވިދާޅުވިއޭ، ރައީސް ޔާމީނާ މުއާމަލާތު ކުރީމޭ ވިދާޅުވެއްޖެއްޔާ އެ ހައްދަވަނީ އިތުރުފުޅު،"

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގައި އެ ދެ ޕާޓީ ފިޔަވައި އިތުރު އެއްވެސް ޕާޓީއެއް ނުހިމެނޭކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، އެހެން ޕާޓީއަކަށް މެމްބަރުން ބަދަލުވާން ރައީސް ޔާމީން އެދިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެންކަމުން، އެކަމަށް އާންމު މެމްބަރުން ސަމާލުވުމަށް މުންދު އެދިވަޑައިގެންނެވިއެވެ.

ރައީސް ޔާމީން މާދަމާ އަނެއްކާވެސް އަތޮޅު ތެރެއަށް ވަޑައިގަންނަވާނެއެވެ. އެ ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވާނީ މ. އަތޮޅާއި ފ. އަތޮޅުގެ ރަށްތަކަށެވެ.

ޕީޕީއެމް-ޕީއެންސީއިން ސަޕޯޓު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޖުމްހޫރީ ޕާޓީއިންވެސް އަންނަނީ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް