ކަޝްމީރުގެ ޕާކިސްތާން ފަޅިއަކީވެސް އަހަރުމެންގެ ތަނެއް: އިންޑިއާގެ ހާރިޖީ ވަޒީރު

އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖަޔަޝަންކަރު

ނިއުދިއްލީ (ސެޕްޓެމްބަރު 18) : ކަޝްމީރުގެ ޕާކިސްތާން ފަޅިކަމަށްވާ އާޒާދެ ކަޝްމީރަކީވެސް އިންޑިއާގެ ތަނެއްކަމަށް ބުނެ ކޮންމެވެސް ދުވަހަކުން އެތަނަށް ވެރިވެގަންނާނެ ކަމުގެ އިންޒާރު އިންޑިއާއިން ދީފި އެވެ.

ނިއުދިއްލީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖަޔަޝަންކަރު ވިދާޅުވީ ކަޝްމީރުގެ ޕާކިސްތާން ފަޅިކަމަށްވާ އާޒާދެ ކަޝްމީރަކީވެސް އިންޑިއާގެ ތަނެއްކަން ދުނިޔެއަށް ސާފުވާންޖެހޭކަމަށެވެ. އަދި އިންޑިއާގެ ބޭނުމަކީ ކޮންމެވެސް ދުވަހަކުން އެތަން ޕާކިސްތާން އަތުން އަތުލައި އިންޑިޔާގެ ކޮންޓްރޯލް ދަށަށް ގެނައުން ކަމަށާއި އެކަންކުރެއްވުމުގެ އުންމީދުގައި ހުންނެވި ކަމަށްވެސް ޖަޔަ ޝަންކަރު ވިދާޅުވި އެވެ.

ޖަޔަޝަންކަރު މިހެން ވިދާޅުވީ އާޒާދެ ކަޝްމީރުގެ މައްސަލާގައި އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނަތް ސިންގް ދެއްވި ބަޔާނަކަށްފަހު އެވެ. އެބަޔާނުގައި ރަޖްނަތް ސިންގް ވަނީ އިންޑިޔާއިން ޕާކިސްތާނާއެކު ވާހަކަ ދައްކާނަމަ ދައްކާނީ ޕާކިސްތާނުން "އިސްތިއްމާރުކޮށްފައިވާ" އިންޑިއާގެ "ބިމެއްކަމަށްވާ" އާޒާދެ ކަޝްމީރު މިނިވަންކުރުމާ ބެހޭގޮތުން ކަމަށް ވެސް ވިދާޅުވެފަ އެވެ.

ކަޝްމީރުގެ ދެފަޅި ހިމެނޭގޮތަށް މުޅި ކަޝްމީރަކީ އިންޑިއާގެ ސަބްކޮންޓިނެންޓް އިސްތިއްމާރުކޮށްގެން ތިބި އިނގިރޭސީން 1947 ވަނަ އަހަރު އިންޑިއާގެ ސަބްކޮންޓިނެންޓަށް މިނިވަންކަން ދިނުމަށްޓަކައި އިންޑިއާގެ ނަމުގައި ހިންދޫ ދައުލަތަކާއި ޕާކިސްތާނުގެ ނަމުގައި އިސްލާމީ ދައުލަތެއް އުފެއްދިއިރު ވަކިގޮތެއް ނުނިންމައި ބޭއްވި ސަރަހައްދެކެވެ. އެގޮތަށް ބޭއްވުމުން ކަޝްމީރުގައި އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާ ސިފައިން ކަޝްމީރަށް އަރައި އިންޑިޔާގެ ބާރުގެ ދަށަށް ގެނައި ސަރަހައްދަކީ ޖަންމޫ ކަޝްމީރެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާން ސިފައިން ކަޝްމީރަށް އަރައި ހިފި ސަރަހައްދަކީ އާޒާދެ ކަޝްމީރެވެ.

އިންޑިއާއިން 1947 ގައި ކަޝްމީރުގެ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން ސަލާމަތީ މަޖިލީހުން ނިންމާފައިވަނީ ކަޝްމީރަކީ އެސަރަހައްދުގެ ރައްޔިތުންގެ ތަނެއްކަމަށާއި ކަޝްމީރާ މެދު ގޮތެއް ނިންމާނީ އެސަރަހައްދުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށެވެ. ޕާކިސްތާނުން ފެންނަ ނުފެންނަ ވޯޓް ނެގުމަށް ތާއީދުކުރިއިރު އިންޑިއާވަނީ އެކަމާ ދެކޮޅުހަދައި އދ. ގެ ގަރާރު ތަންފީޒުކުރުމަށް ފަސްޖެހިފަ އެވެ.

ފެންނަނުފެންނަ ވޯޓަކަށް ދާން ގޮވާލި އދ. ގެ ގަރާރަށް އިންޑިއާއިން އިޖާބަ ނުދިނީ ޖަންމޫ ކަޝްމީރުގެ އާބާދީގެ ގާތްގަނޑަކަށް 83 ޕަސެންޓަކީ މުސްލިމުން ކަމަށްވާތީ އެސަރަހައްދުގެ މުސްތަގްބަލާ ބެހޭގޮތުން ރައްޔިތުން ގެ ހިޔާލު ހޯދައިފިނަމަ ރައްޔިތުން ނިންމާނީ އިންޑިއާއިން ވަކިވެ އަމިއްލަ ދައުލަތެއް އިއްލާންކުރަން ނޫނީ ޕާކިސްތާނުގެ ދަށަށް ދާންކަން އިންޑިއާއަށް ކަށަވަރުވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެއަށްފަހު 1972 ވަނައަހަރު އިންޑިއިންވަނީ ކަޝްމީރުގެ މައްސަލައަކީ އިންޑިއާއާއި ޕާކިސްތާނާ ދެމެދުގައިވާ މައްސަލައެއްކަމަށާއި އެމައްސަލަ ހައްލުކުރެއްވުމަށް ޕާކިސްތާނާ ވާހަކަދައްކަން ތައްޔާރަށް އޮތްކަމަށް ބުނެފަ އެވެ. އެއަށްފަހު އަދި މިއަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު އިންޑިއާއިންވަނީ، ޖަންމޫ ކަޝްމީރު އިންޑިޔާގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް ޓަކައި އެއީ އިންޑިއާގައި ޚާއްސަ އިމްތިޔާޒްތަކެއް ލިބިގެންވާ ސަރަހެއްދެއްކަމަށް 1947 ގައި އެގައުމުން ކަނޑައަޅައި ގާނޫނު އަސާސީގައި ހިމެނި ހާއްސަ އިމްތިޔާޒްތައް ކުއްލި ގޮތަކަށް އުވާލައި އެކަމާބެހޭ މާއްދާވެސް އިންޑިއާގެ ގާނޫނު އަސާސީން އުނިކޮށްފަ އެވެ.

މިއާއެކު އިންޑިއާގެ މައި ސަރުކާރުގެ ފުރިހަމަ ބާރާއި ކޮންޓްރޯލްގެ ދަށަށް ޖަންމޫ ކަޝްމީރު ގެންދިޔަ އެވެ. އެކަމަށްޓަކައި މިއަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު އިންޑިއާގެ ޕާލަމެންޓުންވަނީ ޖަންމު ކަޝްމީރަކީ އިންޑިއާގެ ބައެއް (ޔުނިޔަން ޓެރަޓޮރީ) އެއްކަމަށް އަމިއްލައަށް ހަދައި ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާޚިލީ މައްސަލައެއްކަމަށްވެސް އިއްލާންކޮށްފަ އެވެ.

ޕާކިސްތާން އަބަދުވެސް ބުނަމުން ގެންދަނީ ކަޝްމީރުގެ އިންޑިއާ ފަޅިކަމަށްވާ ޖަންމޫ ކަޝްމީރަކީ އިންޑިޔާ އިސްތިއުމާރީގޮތުން ވެރިވެގަނެގެން އުޅޭ ސަރަހައްދެއްގެ ގޮތުގަ އެވެ. އެހެންކަމުން ކަޝްމީރުގެ މައްސަލަ ބައިނަލްއަގްވާމީ މައްސަލައެއްގެ ގޮތުގައި ހެދީވެސް އަދި އެއީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގައިވާ މައްސަލައަކަށް ހެދީވެސް އަދި އެންމެފަހުން އެއީ އިންޑިއާގެ ދާހިލީ މައްސަލައަކަށް ހެދީވެސް އިންޑިއާއިންނެވެ (ނޫސްއެޖެންސީތައް)

comment ކޮމެންޓް