އައްޑޫއާއި ފުވައްމުލައް، ބަޔޮސްފިއާ ރިޒާވަކަށް ހަދަން ހުށަހަޅަނީ

އައްޑޫ ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑު އަތޮޅާއި ފުވައްމުލައް އަތޮޅަކީ ބަޔޮސްފިއާ ރިޒާވަކަށް ހަދަން ޔުނެސްކޯއަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިއަދު ވަޒީރުންގެ މަޖިލީހުގައި މިކަމާ މެދު މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށެވެ.

ރައީސް އޮފީހުން ބުނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ މި ދެ އަތޮޅު، ބަޔޮސްފިއ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަން ޔުނެސްކޯގައި އެދުމުގެ އެންމެ ބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައާއި ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ބަޔޮސްފިއާ ރިޒާވުގެ ބޮޑެލްއަކީ ތިމާވެށި، އިޖުތިމާއީ އަދި އިގްތިސާދޫ ގޮތުން ގިނަ ފައިދާތަކެއް އެކުލެވޭ މޮޑެލްއަކަށް ވާތީ ކަމަށެވެ.

"މި ދެ އަތޮޅު ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ހަމަޖެހުމުން، މިދެ އަތޮޅުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުވުމުގެ ފުރުޞަތު ހުޅުވިގެންދާނެ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މި ދެ އަތޮޅަކީ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ކަނޑައެޅޭ އިރު، ބަޔޮސްފިއާ ރިޒާވުގައި ހިމެނޭ ސަރަހައްދުތައް ތިން ބަޔަކަށް ބެހޭނެ ކަމަށެވެ. އެއީ ކޯ އޭރިއާ، ބަފަރ ޒޯން އަދި މަލްޓި ޔޫޒް އޭރިއާއެވެ.

އައްޑު އަތޮޅުގައި މިހާރުވެސް ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ހިމެނެއެވެ. އެއީ ހިތަދޫގެ ކޯއްޓޭ އަދި އީދިގަލި ކިޅިއާއި، ގިނަ އަދަދަކަށް އެންމަޑި (މެންޓާ ރޭ) އަބަދުވެސް ޖަމާވާ ކަނޑިހެރަ ސަރަހައްދާއި އަދި ހިތަދޫއާއި މަރަދޫއާ ދިމާލުން އެތެރެވަރީގައި އޮންނަ ބްރިޓިޝް ލޯޔަލްޓީ ޝިޕްރެކްއެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ދެ ކުޅި ކަމުގައިވާ ބަންޑާރަ ކިޅި، ދަނޑިމަގު ކިޅި އަދި އެ ސިޓީގެ އުތުރުކޮޅުގައި އޮންނަ ތުނޑި، ތޫނޑުއަކީވެސް ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދެވެ.

comment ކޮމެންޓް