ޝާހިދު ޗައިނާއަށް ވަޑައިގެންފި

މިނިސްޓަރު ޝާހިދު ޗައީނާގައި-- ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި ޗައިނާއަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުގައި ޗައިނާގެ ހާރިޖީ ވަޒީރުގެ އިތުރުން ނައިބު ރައީސް ވަންގް ގީޝާން އާވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި މި ދަތުރުގައި ވަރަށް ފުޅާ ދައިރާއެއްގައި ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކްގެ ނާއިބު ރައީސް ޑީ ޖޭ ޕާންޑިއަންއާއި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕްގެ ރައީސް ލީ ޑައޮސޮންގްއާ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓަރުގެ ދަތުރުގައި ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލްއާއި ސެކްރެޓަރީ ޑރ. އަލީ ނަސީރާއި އެސިސްޓެންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގް ވެސް ބައިވެރިވެލައްވަ އެވެ.

ސަރުކާރުގެ ވިސްނުމުގައި އޮތީ ޗައިނާ އާއެކު ގުޅުން ބަދަހިކޮށް، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތަކެއް އެ ގުޅުމުގެ ތެރެއިން ހޯދުން ކަމަށް މިނިސްޓަރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. މިއީ ޝާހިދު މި ދައުރުގައި ފޮރިން މިނިސްޓަރު ކަމާ ހަވާލުވެލެއްވި ފަހުން ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރު ވެސް މެ އެވެ.

ޝާހިދު ވިދާޅުވީ އެ ދަތުރަށް ފަހު ޗައިނާ ސަރުކާރުން ރާއްޖޭގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް އިތުރު ހަލުވިކަމާ އެކު ކުރިއަށްދާނެ ކަމަށެވެ.

comment ކޮމެންޓް