ވެސްޓާން ޔޫނިއަން ފޭރުން: އަޑުއެހުންތައް އަދިވެސް ސިއްރުން

ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާގެ އޮފީސް: ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގެ އަޑުއެހުންތައް އަދިވެސް ކުރިއަށް ގެންދަނީ ސިއްރުން --- ސަން ފައިލް ފޮޓޯ: އަހުމަދު އާޒިފް

ދެހާސް ސޯޅަ ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ، ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާއިން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލައިގެ ހުކުމާ ހަމައަށް އަދި ވެސް އައިސްފައިނުވާ އިރު އަޑުއެހުންތައް ވެސް ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

ވެސްޓާން ޔޫނިއަންގެ ފޭރުމުގެ މައްސަލާގައި، ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ފ. މަގޫދޫ، ދިއްގަރު، މުހައްމަދު ފައިރޫޒު އާއި ހަމަ އެރަށު ވައިޓްރޯސް އާދަމް ޝާހީންގެ އިތުރުން ގއ. ކޮނޑޭ ސީނުގޭ އަލީ ޝަނީޒުގެ މައްޗަށެވެ.

އެ މައްސަލާގައި ހިމެނޭ މީހުނަށް ދައުވާ އުފުލައި ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ 2017 ވަނަ އަހަރުގެ މާޗް 28 ވަނަ ދުވަހު އެވެ. ދައުލަތުން އެދިގެން އެ އަޑުއެހުން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުންނެވެ. އެ މައްސަލާގައި ހިމެނޭ މީހުން ވެސް ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ އިރު އޭގެ ފަހުން ކުރިއަށް ގެންދިޔަ ހުރިހާ އަޑުއެހުންތައް ވެސް ބާއްވާފައި ވަނީ ސިއްރުންނެވެ.

އެ ހާދިސާ ހިނގާފައި ވަނީ އެ ރޭ ދަންވަރު 12:45 އެހާކަންހާއިރު އެވެ. މޫނުނިވާކޮށްގެން ތިބި ބަޔަކު ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރެއަށްވަދެ އެތަނުގައި ތިބި މީހުންނަށް ވަޅިން ބިރުދެއްކުމަށް ފަހު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފޭރިގަނެފަ އެވެ.

ސަންއާ ވާހަކަ ދައްކަމުން ހާދިސާ ހިނގި ސަރަހައްދުގައި ތިބި ބައެއް މީހުން އޭރު ބުނީ މޫނުނިވާކޮށްގެން ތިބި މީހުން ވެސްޓަން ޔޫނިއަންގެ އޮފީހަށް ވަނީ ދިރާގުގެ މުވައްޒަފުންތަކަށް ހެދިގެން ކަމަށެވެ.

އެ ފައިސާ ފޭރިގެންފައި ވަނީ އެ އޮފީސް ތެރޭގައި ތިބި މުވައްޒަފުން ބަނުމަށް ފަހު ވަޅިން ބިރުދައްކައިގެންކަން މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރޭގައި ތިބި ހަތަރު ބިދޭސީއަކު ބަނުމުގެ ގޮތުން އެމީހުންގެ ގައިގައި ކްލިޕް އަޅުވާފައިވާ ކަމަށް މަންޒަރު ފެނުނު މީހަކު ބުންޏެވެ.

ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި މީހަކު ބުނީ ފައިސާތައް ފޭރިގަނެގެން އެމީހުން ބާރަށް ދުވެފައިގޮސް ވަނީ ހ. ތާޅަފިލިގެއަށް ކަމަށެވެ.

އެމީހުން ފޭރިގެން ގެންދިޔައީ ކިތައް ފައިސާ ދަބަސްކަން ނޭނގޭ ކަމަށާއި އެމީހުން ފޭރުނު ފައިސާގެ ދަބަހެއް ތަޅާފިލިގޭގެ ސިޑިގޮޅީގެ ތެރެއިން ފެނިފައިވާ ކަމަށް އޭނާ އޭރު ބުންޏެވެ.

ފައިސާ ހުރި ދަބަހުގެ އިތުރުން ސިޑި ގޮޅީގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ހުރި ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.

ހ. ތާޅަފިލި ގެއަކީ އެ މައްސަލާގައި ހައްޔަރުކުރި ޝަނީޒް ދިރިއުޅޭގެ ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް