ފިލި މައްސަލައިގައި އަދީބުގެ ޝަރީއަތް މިއަދު ފަށަނީ

އަދީބު: ފީލި އެހެން މީހުންގެ މައްސަލަތައްވެސް ބަލަންޖެހޭ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ޕާސްޕޯޓު ހިފަހައްޓަފައިވަނިކޮށް، ރާއްޖެއިން ބޭރަށް ގޮސް ފިލަން އުޅުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ފެށުމަށް މިއަދު ތާވަލްކޮށްފި އެވެ.

ސުޕްރީމް ކޯޓްގެ އަމުރަކަށް އަދީބު ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އޭނާ ފިލަން މަސައްކަތް ކުރަނިކޮށް، އިންޑިއާގެ ޓުޓްކޮރިން އިން އެ ގައުމުގެ ފުލުހުން ވަނީ އަދީބު ހިފަހައްޓައި އަނބުރާ ފޮނުވާލައިފަ އެވެ. އޭނާ އަނބުރާ ރާއްޖެ ގެނައީ، އޭގެ ތިން ދުވަސް ފަހުން، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ފިލަން މަސައްކަތް ކުރި މައްސަލައިގައި ޕީޖީއިން އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ ތާވަލްވާ ގޮތުން އެ ދައުވާގެ ފުރަތަމަ އަޑުއެހުން އޮތީ މިއަދު ހެނދުނު 11:30 ގައެވެ.

އަދީބު ހިފެހެއްޓުމަށްފަހު، އިންޑިއާގެ ސަލާމަތީ ބާރުތަކުން އެނާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ދިވެހި ފުލުހުންނާ ހަވާލުކުރުމުން ކްރިމިނަލް ކޯޓްގެ އަމުރަކަށް ފުލުހުން އޭނާ ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ މާލެ ގެނެސް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ކްރިމިނަލް ކޯޓުން ނިންމީ، އަދީބު ހައްޔަރު ކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޭރުން ކަމަށް ވާތީ އެއީ އިޖުރާއަތްތަކާ ހިލާފަށް ހިންގާފައިވާ އަމަލެއް ކަމަށްވާތީ އަދީބު ދޫކޮށްލުމަށެވެ. އެހެން ނަމަވެސް، ފަހުން ކޯޓު އަމުރެއް ހޯދައިގެން ހަމަ އެ ދުވަހު އަދީބު ހައްޔަރު ކުރި އެވެ.

މުއްދަތުގެ މަޖިލީހުގައި އަދީބު ވިދާޅުވީ، އޭނާ ފިލަން މަސައްކަތް ކުރީ، އޭނާ އަށް ނުރައްކަލާ ކުރިމަތިވާތީ ކަމަށެވެ. އެއީ ދައުލަތާއެކު ވެފައިވާ މައުލޫމަތު ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ސިއްރު އަދި ބޮޑެތި ސިޔާސީ މީހުންގެ މަސްލަހާތާ ގުޅުން ހުރި ވާހަކަތަކެއް އޭނާ ދައުލާތާ ހިއްސާ ކުރަމުންދާތީ އެކަމުގެ ސަބަބުން އޭނާއަށް އިންޒާރުތައް އަންނާތީ ކަމަށް އަދީބު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި އެވެ.

މިހާރު އަދީބު ފިލި މައްސަލައިގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ހަމައެކަނި މައްސަލައަކީ ސްޕްރީމް ކޯޓުގައި އޮތް ޅ. މާބިންހުރާގެ މައްސަލައެވެ. އެއީ މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި އިސްތިއުނާފް މައްސަލައެވެ. މިދިޔަ މަހު ހަ ވަނަ ދުވަހު ސްޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން އަދީބު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ނަމަވަސް މިހާރު ކަރެކްޝަންސް އިން ވަނީ އޭނާ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި އަދީބު ވަނީ ހެކިބަސްވެސް ދީފަ އެވެ.

comment ކޮމެންޓް