އެ ދުވަސް ހަނދާން ނައްތައިނުލައްވާށެވެ.

ސަލްޓަން ޕާކުގެ ކުރިމަތީން ކުރިން އޮތް ބޮޑު ފާރު --

ގައުމަކީ އެއް ޖީލުގެ މައްޗަށް ބިނާ ވާ އެއްޗެއް ނޫނެވެ. އެއީ ގައުމުގެ މައިކަށީން ނުކުންނަ ކޮންމެ ޖީލެއް ހިމެނިގެން ފުރިހަމަ ވާ އެއްޗެކެވެ. ގައުމަށް މުހިއްމީ ހަމައެކަނި އެއިރަކު ދުނިޔޭގައި ތިބި ޖީލުތަކެއް ނޫނެވެ. ފަސްވެދިޔަ ޖީލުތައް ވެސް މުހިއްމެވެ. އަދި ދެން އަންނާން އޮތް ޖީލުތައް ވެސް ހަމަ އެފަދައިން މުހިއްމުމެއެވެ.

ގައުމުގެ ފާއިތު ވެދިޔަ ޖީލުތަކުގެ ވާހަކަޔަކީ ތާރީޚެވެ. އެ ތާރީޚަކީ ގައުމުގެ ވާހަކައެވެ. އެ ވާހަކަ ހަނދާން ނައްތައިލުމީ އެއްގޮތަކުން ބަލާ އިރު ޣައްދާރީއެކެވެ. އަނެއް ގޮތަކުން ބަލާއިރު މޮޔަ ކަމެކެވެ. އަނެއް ގޮތަކުން ބަލާ އިރު އަނިޔާއެކެވެ. އަނެއް ގޮތަކުން ބަލާއިރު އެއީ މުނާފިގުކަމެކެވެ. އަނެއް ގޮތަކުން ބަލާއިރު އެއީ ހަރާންކޯރުވުމެކެވެ. އެއީ ރަނގަޅު ކަމެއް ކަމުގައި ވާ އެއްވެސް ގޮތެއް، އެއްވެސް ހާލަތެއް ނޯވެއެވެ. ޚާއްސަ ގޮތެއްގައި، ތާރީޚުގެ ތެރޭގައި ހިނގައިފައި ހުންނަ ބައެއް ކަންތައްތަކަކީ، އެ ކަންތައްތައް ހިނގުމަށް ފަހު ދެން އަންނަ ކޮންމެ ޖީލެއްގެ ކޮންމެ ދަރިޔަކަށް އެ ކަންތައްތަކުގެ ވާހަކަ ކިޔައިދޭންޖެހޭ ކަންތައްތަކެކެވެ. ފިލާވަޅެއްގެ ސިފައިގައި އުނގަންނައިދޭން ޖެހޭ ކަންތައްތަކެކެވެ. އެކަންކަން ހިނގައިދިޔަ ގޮތާއި، އޭގެ ނަތީޖާތައް ނުކުތް ގޮތް ދިރާސާ ކުރުމަށް ޓަކައި ގައުމުގައި އެންމެ ސަމާލުކަން ދެވޭ، އެންމެ ގަދަރު ކުރެވޭ، އެންމެ އަޅައިލެވޭ މުއައްސަސާތައް ހެދިފައި ހުންނާން ޖެހޭ ކަންކަމެވެ. އެހެން ނޫންނަމަ، ހަމައެކަނި އެ ގައުމެއްގެ ގައުމިއްޔަތާއި މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލޭނީއެއް ނޫނެވެ. އެ ގައުމެއްގެ އިއްޒަތުއްނަފުސު ވެއްޔާ މޮޑެވި، ޝަރަފާއި ކަރާމާތް ގެއްލި، އެހެން ބައެއްގެ އަޅުވެތިކަމާއި ތައްޕާހުގައި އުޅޭ ނިކަމެތީންތަކަކަށް ވެގެން ދާނީ ވެސްމެއެވެ.

މި ދެންނެވި އުސޫލުން، ދިވެހި ތާރީޚުގެ ތެރެއިން އަޅުގަނޑުމެންގެ ދަރީންނަށް އެ ހާދިސާއެއްގެ ވާހަކަ ފިލާވަޅެއްގެ ގޮތުގައި ލިޔެގެން، ކިޔައިދީގެން، ތަކުރާރު ކޮށްގެން، އުނގަންނައިދޭން ޖެހޭ އެއް ހާދިސާޔަކީ 22 ޑިސެންބަރު 1887 ގައި ހިނގި ހާދިސާއެކެވެ. އެ ދުވަހަކީ ދިވެހިރާއްޖެ އިނގިރޭސި އަންބަރާތޫރިއްޔާގެ ހިމާޔަތުގެ ދަށަށޭ ކިޔޭ ހާލަތަށް ގެންދިޔަ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ރަދުން، ކުޑަ ބަންޑާރައިން އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އައްޘާނީ ސޮއި ކުރެއްވި ދުވަހެވެ. ބުރާސްފައްޗެކެވެ. އިއްތިފާގަކުން ނަމަވެސް، ބުރާސްފައްޗަކީ ދިވެހި ތާރީޚުގައި ޚާއްސަ ދުވަހަކަށް އެބަ ވެއެވެ. ފުރަތަމަ ގާނޫނު އަސާސީ އިއުލާން ކުރެވުނީ 22 ޑިސެންބަރު 1932 ވީ ބުރާސްފަތީގައެވެ. ސުވާދީވްގެ ނަމުގައި ދެކުނުގެ ތިން އަތޮޅުގެ އިސް ބަޔަކު ރައްޔިތުން ހައްލައި މަގު ފުރައްދައިގެން ދިވެހި ގައުމާ ދެކޮޅަށް ކުރި ބަޣާވާތުގެ ދައުލަތް އިއުލާން ކުޅައީ 1 ޖަނަވަރީ 1959 ވީ ބުރާސްފަތި ދުވަހުއެވެ. ބަޑި ބުރާސްފައްޗާއި ބޮޑު ބުރާސްފަތީގެ ވާހަކަ ވެސް އޮތީއެވެ. މަޝްހޫރު 1 ފެބުރުވަރީ އަމުރު ނުކުތް ދުވަހަކީ ވެސް ބުރާސްފައްޗެކެވެ.

އެކަމަކު ބުރާސްފަތީގެ ވާހަކަ އިހަށް ބާއްވަމާ ހިންގަވާށެވެ.

އިނގިރޭސީންގެ "ހިމާޔަތުގެ ދަށަށް" ދިވެހިރާއްޖެ ގެންދިޔުމުގެ "އެއްބަސްވުމުގައި" 22 ޑިސެންބަރު 1887ގައި ސޮއި ކުރެވުނީ، އެކަމަށް ޓަކައި އެތެރެވަރީގައި ތިބި އިނގިރޭސީން މަސައްކަތް ކުރާތާ އެތައް ދުވަހެއް ފަހުންނެވެ. އެ މަސައްކަތުގެ ފެށުން ނުވަތަ އަސްލު އޮތީ ކިހައިތާކުތޯއެވެ؟ މި ސުވާލަށް އެކި ބެއިފުޅުން އެކި ޖަވާބު ދެއްވައިފާނެއެވެ. އެކިއެކި ސިޔާގުގައި ދެވޭ ޖަވާބު ވެސް ތަފާތު ވެދާނެއެވެ. އެއް ނަޒަރަކުންބަލާ އިރު، އެ ފެށުން ނުވަތަ އަސްލު އޮތީ ހެންވޭރު އަތިރީގޭ ދޮންމަރުދުރު ފަޑިއްކަލޭފާނުގެ ދަރިކަލުން ބޮޑުމުރީދު ތަކުރުފާނުގެ ދަރިކަލުން ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން އަޙުމަދު ދޮށިމޭނާ ކިލެގެފާނު ނުވަތަ އަތިރީގޭ ދޮން އަޙްމަދު ދީދީ ޢަރަބި ކަރަޔަށް ވަޑައިގެންނެވި ދަތުރުފުޅުގައި ދިމާ ވި ހާދިސާއެއްގައި ކަމަށް ބުނެވިދާނެއެވެ. އެބޭފުޅުން ދަތުރު ކުރެއްވި އޮޑި ޔަމަނުކަރައިގެ ޢަދަނާ ކައިރި ވެފައި ވަނިކޮށް، ތޫފާނެއްގައި ޖެހި އޮޑިޔަށް ވަރަށް ބޮޑަށް ގެއްލުންވެ، ދިޔަ ވާން ފެށީއެވެ. އެއިރު އޮޑީގައި ކާބޯތަކެތި ވެސް ވަނީ ވަރަށް މަދު ވެފައެވެ. މިފަދަ ޚުތޫރަތްތެރި ދަނޑިވަޅުގައި، ކަނޑުމަތީން ބައްދަލު ވީ އިނގިރޭސި ސާރވޭ ބްރިގަކާއެވެ. އެ ބްރިގުގެ ކެޕްޓަން ހޭންސްގެ އިރުޝާދުގެ ދަށުން، އިނގިރޭސިން ދޮން އަޙްމަދު ދީދީގެ އޮޑި މަރާމާތު ކުރުމުގައި އެހީތެދި ވެދީ، އެ އޮޑިޔަށް ކާބޯތަކެތި ވެސް ފުދޭ ވަރަށް ލައިދިނެވެ. މިއީ އިނގިރޭސި ދައުލަތާއި "އަތިރީގޭ އާއިލާއާ" ދެމެދުގައި އުފެދުނު ގާތް ގުޅުމުގެ ފެށުމެވެ. މުޙައްމަދު އަމީނުގެ އިބާރާތެއް ކުޑައިކޮށް ބަދަލު ކޮށްލައިގެން ލިޔާ ނަމަ، ފުންމިން އެނގުން ނުވާ ކަނޑެއްގެ މެދުތެރޭގައި ދޮން އަޙްމަދު ދީދީގެ ހިތްޕުޅުގައި އިނގިރޭސި ނަވުގެ ކެޕްޓަން ހޭންސްގެ މައްޗަށް އުފެދުނު ޝުކުރުވެރިކަމުގެ ޝުޢޫރުތައް، އޭނާގެ ދައުލަތް ކަމުގައި ވާ އިނގިރޭސި ދައުލަތަށް ވެސް އޮތް ލޯތްބަކާއި ޝުކުރުވެރިކަމަކަށް ބަދަލުވެ، އޭގެ ސަބަބުން އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދުގައި ވަރުގަދަ އެކުވެރިކަމެއްގެ ބިންގާ އެޅިގެން ދިޔައީއެވެ.

މުޙައްމަދު އަމީން "އެކުވެރިކަމޭ" ވިދާޅުވާ އެއްޗަށް ހަގީގަތުގައި ކިޔާންވީ ނަމާއި، އެ ގުޅުމަކީ އަމީން އެ ވިދާޅުވާހައި ޝަރަފުވެރި ގުޅުމެއްތޯ ނުވަތަ ނޫންތޯ މި ސުވާލާ ބެހޭ ބަހުސްތައް މި ވަގުތު ނުކުރާނީއެވެ.

އިއްތިފާގަކުން އިނގިރޭސި ދައުލަތުގެ ލޯބިވެރިޔަކަށް ވެވަޑައިގަތް އަތިރީގޭ ދޮން އަޙްމަދުދީދީގެ ދަރިކަލުން ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ މުޙައްމަދު އަމީނުގެ ކާފާފުޅެވެ. އަމީނު ވިދާޅުވާ ގޮތުން، މި ޒަމާނުގެ ދިވެހިރާއްޖޭގެ ހަގީގީ ބައްޕައެވެ. އަމީން ދީދީގެ ބައްޕާފުޅު އަތިރީގޭ އަޙްމަދު ދީދީއަކީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދޮށީ ދަރިކަލުންނެވެ.

އަށާރަސަތޭކަ އަށްޑިހަ ހަތް ވަނަ އަހަރުގެ ޑިސެންބަރު މަހުން 22 ވީ ބުރާސްފަތި ދުވަހު، ދިވެހި ދައުލަތުގެ ސިޔާދަތީ ވެރިޔާ، ދިވެހި ސިންގާސަނާގައި ރެނދަލި ކުރައްވަމުން ގެންދެވި ކުޑަބަންޑާރައިން އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އައްޘާނީގެ ނުރުހުންފުޅުގައި، ގަދަބާރު ދައްކައިގެން، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، ބައެއް މީހުން "އިނގިރޭސި ހިމާޔަތުގެ އުނގު" ކަމުގައި ސިފަ ކުރާ ހާލަތަށް ދިވެހިރާއްޖެ ގެންދިޔުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރެއްވި އެއް ބެއިފުޅަކީ މި ދެންނެވި އަތިރީގޭ އަޙްމަދު ދީދީއެވެ. އަތިރީގޭ ދޮން އަޙްމަދުދީދީގެ މުނިކާފަ ދަރިކަލުންނެވެ. މުޙައްމަދު އަމީނުގެ ބައްޕާފުޅެވެ. ފަހުން ސުމުއްވުލްއަމީރުލް ޙާއްޖު އަޙުމަދު ދޮށިމޭނާ ކިލެގެފާނެވެ. މި އަޙްމަދު ދީދީ އަކީ، މުޙައްމަދު އަމީން ފަޚުރުވެރިކަމާ އެކު ވިދާޅުވާ ފަދައިން، "ދިވެހީންގެ ތެރެއިން ފުރަތަމަ އިނގިރޭސި ކިޔެވުމުގެ ފަޚުރު ލިބިވަޑައިގެންނެވި ބޭފުޅާއެވެ. ދިވެހި ދަރީން ކުރެ އިނގިރޭސި ޕަބްލިކް ކޮލެޖަކުން ފުރަތަމަ ތަރުބިއްޔަތު ލިބިވަޑައިގެންނެވުމުގެ ނަސީބުފުޅު ލިބިވަޑައިގެންނެވި ބޭފުޅާއެވެ." "ދިވެހި ގައުމު ދުވަހަކު ވެސް ދުށް އެންމެ އަގުހުރި ދަރީންގެ ތެރެއިން އެންމެ މާތް އެއް ދަރި" އެވެ. އިނގިރޭސީންގެ "ހިމާޔަތަށް" ދިވެހިރާއްޖެ ގެންދިޔުމުގައި އޭނާ އަދާ ކުރެއްވެވި ދައުރަކީ، އަމީންދީދީގެ ނަޒަރުގައި "ފިސާރި ކެރިހުންނަވައިގެން، ފިރިހެނެއްގެ ގޮތުގައި، ޙުއްބުލްވަޠަންގެ އަގުމާތް ރޫޙު ހިތުގެ ތެރޭގައި އަނދައަނދައި ހުރި، ޑޮން ލުއީގެ ލެއިން ތާޒާކަން ލިބިހުރި ފިރިހެން ދަރިޔެއްގެ" ގޮތުގައި ދިވެހިރާއްޖެ އިސްލާހު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅެކެވެ.

އެހެން ބައެއް މީހުން އޭނާ ސިފަ ކުރާނީ ޑޮން ލުއީގެ ފުރެތިކާލީ ލެއިގެ ކިލަނބުކަމުގެ ސަބަބުން ދިވެހި ގައުމީ ލޯބި ނެތް ބޭފުޅެއްގެ ގޮތުގައޭ، އަދި އިނގިރޭސީން އެ ބޭފުޅެއްގެ ސިކުނޑިފުޅު ދޮވެލައިގެން، ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ބޭނުން ކުރި ހަތިޔާރެއްގެ ގޮތުގައޭ ދެންނެވުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟

ކޮންމެއަކަސް، 1887 ވަނަ އަހަރުގެ ތެރޭގައި، އެއިރު ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އާރތަރ ހެމިލްޓަން ގޯރޑްންގެ ވަކީލު ރިއަރ އެޑްމިރަލް ފްރެޑްރިކް ޑަބްލިޔު. ރިޗަރޑްސް، އަތިރީގޭ އަޙްމަދު ދީދީ ގޮވައިގެން ވަޑައިގެން، ރާއްޖޭގެ ރަދުންނާ ބައްދަލު ކުރައްވައި، "ހިމާޔަތުގެ އެއްބަސްވުން" އެކުލަވައިލައި އޭގައި ރަދުން ލައްވައި ސޮއި ކުރުވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެ މަސައްކަތް ވީ ނާކާމިޔާބެވެ. އެއީ ކީރިތި މަހާރަދުންގެ އިތުރުން، ވަޒީރުލް އަޢުޡަމް ކަކާގޭ އަލްއަމީރު މުޙައްމަދު ރަންނަބަނޑޭރި ކިލެގެފާނާއި، ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތު އިސްކޮށް ތިއްބަވައި އެކަމަށް ދެކޮޅު ހެއްދެވުމުންނެވެ. އެއްބަސްވުން ޢަރަބި ބަހުން ލިޔެދެއްވުމަށް ވެސް ނައިބުތުއްތު ދެކޮޅު ހެއްދެވިއެވެ. މި ބެއިފުޅުންނަކީ އެއިރު ދިވެހިރާއްޖޭގެ އިގުތިސާދުގައި ވަކި ހިއްޕައިގެން ތިބި ވޯރާ ވިޔަފާރިވެރީންނާ ވެސް ދެކޮޅަށް މަސައްކަތް ކުރެއްވި ބެއިފުޅުންނެވެ.

ދެން އިނގިރޭސީން އެނބުރި ސިލޯނަށް ގޮސްފައި، އަނެއްކާ އައީ ސިލޯނުގެ މުސްލިމުންގެ ތެރެއިން ޢަރަބި ބަހުގެ އިލްމު ހޯއްދަވައިގެން ހުންނެވި ބެއިކަލެއް ކަމަށް ވާ ޢަބްދުއްރަޙްމާން ޢާލަމްސާހިބު ލައްވައި، ޢަރަބި ބަހުން އެއްބަސްވުމުގެ ދެލިކޮޕީ ލިޔުއްވައިގެންނެވެ. މި ފަހަރު ވެސް އިނގިރޭސީންނާ އެކުގައި، އެއުރެންގެ "ލޯކަލް އޭޖެންޓް"ގެ ގޮތުގައި އަތިރީގޭ އަޙްމަދު ދީދީ ވަޑައިގަތެވެ. އަޙްމަދު ދީދީ އާއި، އިނގިރޭސީންގެ އިސް ބެއިފުޅުން ވަޑައިގެން މާލެ ފައިބައިވަޑައިގެންފައި، ގަނޑުވަރަށް ވަޑައިގެން ރަދުންނާ ބައްދަލު ކުރެއްވީމާ، މި ފަހަރު ވެސް ރަދުންނާއި ބޮޑުން އެއްބަސްވުމުގައި ސޮއި ކުރައްވާން ހެއްދެވީ ދެކޮޅެވެ. އެކަން ހިނގީ ޝާހީ ގަނޑުވަރުގެ މަތިގޭގައި އޮތް މަޖިލިސެއްގައެވެ. ދެން އިނގިރޭސި ވަފުދު ވަރަށް ނުރުހި ތިބެ، މަނަވަރަށް އެނބުރިދިޔައީއެވެ.

ވަފުދު އެނބުރި ދިޔަތާ އިރުކޮޅެއްގެ ފަހުން، މުޅި މާލެ ބިރުވެރިކަމެއްގެ ތެރެޔަށް ވެއްޓިގެން ދިޔައީ، މަނަވަރުގެ ހުރިހާ ބަޑިތަކެއް މާލެޔާ އަމާޒު ކޮށްގެން، ދުއްވައިފައި އައިސް ތޮށިގަނޑާ ކައިރި ކޮށްލުމުންނެވެ. އެޔަށް ފަހު މަނަވަރުން ބައްތެއްޔެއްގައި "ލޯކަލް އޭޖެންޓް" އަޙުމަދު ދީދީ، އިނގިރޭސީންގެ ވަފުދުގައި ހިމެނޭ ސިލޯނުގެ ދެ ބެއިފުޅުން ކަމަށް ވާ ޢަބްދުލްޙަކީމް މުދަލިޔާރާއި، އެއްބަސްވުން ޢަރަބި ބަހުން ލިޔުއްވި ޢަބްދުއްރަޙްމާން ޢާލަމްސާހިބާ އެކު ރަށަށް ފައިބައިވަޑައިގެން ރަދުންގެ އަރިޔަހަށް ވަޑައިގެން ވިދާޅުވީ އިނގިރޭސީން މިފަހަރު ތިބީ ނޫން ޖަވާބު ބަލައިގަންނަ ގޮތަށް ނޫންކަމުގައެވެ. އެއްބަސްވުމުގައި ސޮއި ނުކުރައްވައިފި ނަމަ މާލެޔަށް ހަމަލާ ދީ "މުޅި ރަށް ފުނޑުފުނޑު އަރުވައިލާނެ" ކަމަށެވެ. ރަށް ސަލާމަތުން އޮތުން އެދިވަޑައިގަންނަވަންޏާ، ރަދުން އޭގައި ސޮއި ކުރައްވާންވީ ކަމަށެވެ.

ކީރިތި މަހާރަދުންނަކަށް އިތުރަށް ދެކޮޅު ހައްދަވާކަށެއް ކެރިވަޑައެއްނުގަތެވެ. އެހެންކަމުން ސޮއި ކުރައްވާން ހީފުޅު ކުރައްވައިފިއެވެ. އެވަގުތު ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމާލުއްދީން ނާއިބުތުއްތު ތެދު ވެވަޑައިގެން ވިދާޅުވިއެވެ. "ކާފަރުންގެ އަތުން ޝަހީދު މަރަކުން މަރު ވިޔަސް، ތިޔަ އެއްބަސްވުމުގައި ސޮއި ކުރައްވާނެކަމެއް ނެތެވެ. ސޮއި ކުރައްވާ ތާކު އަޅުގަނޑެއް ނުވެސް އިންނާނަމެވެ." މިހެން ވިދާޅުވެފައި ނައިބުތުއްތު ގަނޑުވަރުން ނުކުމެވަޑައިގެން، ގެކޮޅަށް ވަޑައިގަތީއެވެ.

ރަދުން އެއްބަސްވުމުގައި ސޮއި ކުރެއްވީއެވެ.

މި ހިސާބުން، އަތިރީގޭ އަޙްމަދު ދީދީ މި ވަރަކުން އިނގިރޭސީންނާ ބައިވެރި ވެވަޑައިގެން، އެމީހުންގެ "ޙިމާޔަތުގެ ދަށަށް" ދިވެހިރާއްޖެ ގެންދަވާން އުޅުއްވި ސަބަބަކީ ކޮބައިހެއްޔޭ، ބައެއް ބޭފުޅުން ސުވާލު ކުރައްވައިފާނެއެވެ.

ކުރީން ވެސް ދެންނެވި ފަދައިން، އަތިރީގޭ އަޙްމަދު ދީދީގެ މުނިކާފާފުޅު އަތިރީގޭ ދޮން އަޙްމަދު ދީދީގެ ދުވަސްވަރު، އިނގިރޭސީންނާ "އަތިރީގޭ" ޢާއިލާޔާ ވަނީ ލޯބީގެ ގުޅުމަކުން ގުޅިފައެވެ. އެ ގުޅުން ދުވަހަކު ވެސް ކެނޑުނު ކަމަކަށް ނުފެނެއެވެ. އެހެންކަމުން، އިނގިރޭސީން ބޭނުން ވާ ކަމެއް ރާއްޖޭގައި ކުރުމަށް އެ ޢާއިލާގެ ތެރެއިން މަދަދު ލިބުމަކީ ދުނިޔޭގެ އާއްމު އުސޫލުން ކަން ހިނގާނެ ގޮތެވެ. ނަމަވެސް މިޔަށްވުރެ ޚާއްސަ، އަދި އެ ހާލަތުގައި އެންމެ މުހިއްމު ސަބަބަކަށް ވެފައި އޮތީ، އަޙްމަދު ދީދީގެ ބައްޕާފުޅު އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނާ މެދު ސުލްޠާން މުޙައްމަދު މުޢީނުއްދީން އައްޘާނީ އެޅުއްވި ފިޔަވަޅެކެވެ. މަޝްހޫރު ބޮޑުހުޅުގެ ހާދިސާޔާ ގުޅިގެން، އެކަމުގެ އަޑީގައި ހުންނެވި އެއް ބޭފުޅެއްގެ ގޮތުގައި އިބްރާހީމް ދޮށިމޭނާ ކިލެގެފާނާ މެދު ޝަރީއަތް ކުރެވި، އައްޑުއަތޮޅު ގަމަށް އަރުވައިލެއްވިލެއްވުމެވެ. މުޙައްމަދު އަމީނު ވެސް ވިދާޅުވެފައިވާ ފަދައިން، ޢުމުރުން އެއިރު އެންމެ 24 އަހަރުގެ ބޭފުޅެއް ކަމުގައި ވާ އަތިރީގޭ އަޙްމަދު ދީދީ އިނގިރޭސީންގެ "ޙިމާޔަތުގެ" ދަށަށް ދިވެހިރާއްޖެ ކޮއްޕައި ގަޅުވައިލުމުގައި "ލޯކަލް އޭޖެންޓް"ގެ ދައުރު އަދާ ކުރެއްވީ، އަގެއްގެ ގޮތުގައި އޭނާގެ ބައްޕާފުޅުގެ އަދަބު އުވައިލެވޭނެ ގޮތެއް ހަދައިދީ، ބައްޕާފުޅުގެ ބާރާއި ހައިސިއްޔަތު އަނބުރައި ހޯދައިދޭމަތީން ކަމަށް ނޫނީ ބެލެވޭކަށް ނެތެވެ.

ކަން ވީ ވެސް އެހެންނެވެ. "ޙިމާޔަތުގެ އެއްބަސްވުމުގައި" ސޮއި ކުރުމުގެ ކަންކަމުން ނިމިގެން، އިނގިރޭސީން އެނބުރި ދިޔައީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު މާލެ ގެންނަވައި، ދައުލަތުގެ ބޮޑުވަޒީރުކަން އޭނާޔަށް ދެއްވާން ރަދުންނަށް އަންގަވައިފައެވެ. މި އެންގުމާ ގުޅިގެން އިބްރާހީމް ދޮށިމޭނާ ކިލެގެފާނު މާލެ ގެނެވުނެވެ. އަދި ނުހަނު ބާރުގައި ހުންނަވައި، މާލެ ތެރޭގައި ރަދުންނާ ދެކޮޅު ހަރަކާތްތައް ހިންގަވައި، ސިލޯނުގައި ދުވަސްގަނޑަކު ހުންނަވައި، އެންމެފަހުން އެ ބެއިފުޅުންގެ ހުންގާނުކަމުގައި ހިންގުނު ހަރަކާތްތަކުން ކުޑަ ބަންޑާރައިން ތަޚުތުން ބައިލައްވައި، އައްސުލްޠާން އިބްރާހީމް ނޫރުއްދީން ތަޚުތަށް އިސް ކުރެއްވީއެވެ. ދެން ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަޤާމު އަދާ ކުރެއްވުމަށް ޓަކައި އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ސިލޯނުން ރާއްޖެޔަށް ވަޑައިގަތީއެވެ.

މި ދެންނެވި ކުރު އެހެނަސް ދިގު ވާހަކައިގައި، ބާޣީންނަކީ، ޣައްދާރުންނަކީ، ބަޠަލުންނަކީ، ޚާއިނުންނަކީ ކޮބައިތޯއެވެ؟

މުޙައްމަދު އަމީނުގެ ނަޒަރުގައި އެމަނިކުފާނުގެ ކާފާފުޅު އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ "އަބަދަށަ ދެމިހުރެ ނުވެފަނާ ވާނޭ ގޮތެއްގައި ނަންފުޅު ދިވެހި ތާރީޚުގައި ލިޔެވުނު، މި ޒަމާނުގެ ދިވެހިރާއްޖޭގެ ހަގީގީ ބައްޕަ" އެވެ. އެމަނިކުފާނުގެ ބައްޕާފުޅަކީ، ކުރީންވެސް ދެންނެވި ފަދައިން، "ދިވެހި ގައުމު ދުވަހަކު ވެސް ދުށް އެންމެ އަގުހުރި ދަރީންގެ ތެރެއިން އެންމެ މާތް އެއް ދަރި" އެވެ. ވީމާ މުޙައްމަދު އަމީން ވަރަށް ސާބިތުކަމާ އެކު އެމަނިކުފާނުގެ ނިޔާ އެއޮތީ އިއްވަވައިފައެވެ.

ތިޔަ ބޭފުޅުންގެ ނިޔާ ތިޔަ ބެއިފުޅުން ކަނޑައަޅުއްވާށެވެ. އެކަމަކު ނިޔާ ކަނޑައެޅުއްވުމުގެ ކުރީން، ނައިބުތުއްތުގެ މި ބަސްފުޅުތައް އަދިވެސް އެއް ފަހަރު ވިދާޅުވެލައްވާށެވެ. "ކާފަރުންގެ އަތުން ޝަހީދު މަރަކުން މަރު ވިޔަސް، ތިޔަ އެއްބަސްވުމުގައި ސޮއި ކުރައްވާނެކަމެއް ނެތެވެ. ސޮއި ކުރައްވާ ތާކު އަޅުގަނޑެއް ނުވެސް އިންނާނަމެވެ." ހަމައެހެންމެ، ގޮތެއް ކަނޑައަޅުއްވާ އިރު، ގައުމެއްގެ ރައްޔިތުންނަށް ފަސްވެދިޔަ ސަފުހާތަކުންނާއި، ލޮލުގެ ކުރިމަތީގައި ނިއުޅެމުން ދާ މިހާރުގެ ސަފުހާތަކުން، ގައުމަށް ޣައްދާރު ވާ ޚާއިނުންނާއި، ގައުމަށް ޓަކައި ހައްގު ބަސް ބުނާ އަދި ގައުމަށް އިޚްލާސްތެރިކަމާ އެކު ޚިދުމަތް ކުރާ މީހުން ވަކި ކުރާން ނޭނގިއްޖެ ނަމަ ނުކުންނާނޭ ހިތާމަވެރި ނަތީޖާތަކާ މެދު ފުންކޮށް ވިސްނަވައިލައްވާށެވެ. އަދި ނިޔާ ކަނޑައެޅުއްވުމުގެ ވަގުތު، އެ ދުވަސް ހަނދާން ނައްތައިނުލައްވާށެވެ. ތާރީޚަކީ 22 ޑިސެންބަރު 1887 އެވެ.

comment ކޮމެންޓް