ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ އާދިއްތަ ދުވަހު

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ އަންނަ ހަފްތާ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފި އެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އިން އެދިގެން މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ވަނީ ދައުރުން ބޭރުން ފުރަތަމަ ޖަލްސާ ބާއްވައިފަ އެވެ. ފުރަތަމަ ޖަލްސާގައި ވަނީ، ސަރުކާރުގެ ފަރާތުން ޓެރިޒަމް މަނާ ކުރާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމިންއާންމު އައިމިނަތު ނިއުޝާ މިއަދު "ސަން" އަށް ވިދާޅުވީ، ގަވައިދުގައިވާ ގޮތުން ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އާދިއްތަ ދުވަހު ތާވަލްކޮށްފައިވާ ކަމަށެވެ.

މަޖިލިސް ގަވައިދުގައިވާ ގޮތުން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، އިބްތިދާއީ ބަހުސް ބޭއްވޭނީ، ހަތް ދުވަސް ފަހުން ކަމަށެވެ. ނަމަވެސް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު، ލީޑަރުން އެއްބަސްވާނަމަ ތިން ދުވަސް ތެރޭ އިބްތިދާއީ ބަހުސް ބޭއްވިދާނެ ކަމަށް ގަވައިދުގައިވެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާ ނިންމަވާލައްވަމުން، މަޖިލިސް ރައީސް ރައީސް ނަޝީދު ވިދާޅުވ، ބިލުގެ އިބްތިދާއީ ބަހުސް ބޭއްވުމަށް ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ތިން ދުވަސްތެރޭ ބޭއްވުމަށް ލީޑަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ނިއުޝާ ވިދާޅުވީ، ލީޑަރުންނާ މަޝްވަރާ ނުކުރެވުމުން ތިން ދުވަސް ތެރޭ ޖަލްސާ ބޭއްވުމަށް ތާވަލް ނުކުރެވުނު ކަމަށެވެ.

ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް އެމްޑީޕީން އެދުނީ، ޓެރެރިޒަމް ހުއްޓުވުމަށް ވީހާވެސް އަވަހަކަށް ގާނޫނުތަކައް އިސްލާހު ގެނައުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނިކޮށެވެ.

ޓެރެރިޒަމް މަނާ ކުރާ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ، ޓެރެރިޒަމް ވަރަށް ފުޅާ މިނެއްގައ މާނަކޮށް، ކުށްތައްވެސް ވަރަށް ތަފްސީލީ ގޮތެއްގައި ކަނޑައަޅާފަ އެވެ. އަދި ޓެރެރިޒަމް ހުއްޓުމުގެ ގޮތުން ބައެއް އަސާސީ ހައްގުތައް ހިފަހައްޓައި، ފުލުހުންނަށް ވެސް ބޮޑެތި ބާރުތަކެއް ދިނުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

https://sun.mv/124287

ބިލާ ގުޅޭ ގޮތުން އިދިކޮޅު މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު ވިދާޅުވީ، ކަންބޮޑުވުންތަކާ ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް