ފުޅާ ދާއިރާއެއްގައި އެންޓަޓެއިންމަންޓާއި ތަފާތު ޗެނަލްތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދެމުން އަންނަ ދިރާގު ޓީވީއަށް ސަބްސްކްރައިބްކޮށްގެން އާއިލާއާއެކު ޝެންހާއީގައި ހުންނަ ޑިޒްނީލޭންޑަށް ދެވޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.
ދިރާގު ޓީވީން ޑިޒްނީގެ ޗެނަލްތައް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެގޮތުން ޑިޒްނީ ޗެނަލް، ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީ، ޑިޒްނީ ޖޫނިއާ އަދި މާވެލް އެޗްކިއު ވަނީ ދިރާގު ޓީވީއަށް ތައާރަފްކޮށްފައެވެ.
މިއަދު ފެށި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި މީގެ ކުރިން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކާ، މުޅިން އަލަށް ސަބްސްކްރައިބް ކުރާ ފަރާތްތައް ވެސް ގުރުއަތުގައި ބައިވެރިވެވޭނެއެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް އާއިލާގެ ހަތަރު މެމްބަރަކާއެކު ޝެންހާއީގައި ފަސް ދުވަސް ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި ޕެކޭޖުގައި ދެކޮޅު ޓިކެޓާއި، ހުރުމުގެ އިތުރުން ޑިޒްނީ ލޭންޑުގައި އެއް ދުވަސް ހޭދަކޮށްލުމަށް ހަތަރު ފާސް ހިމެނޭނެއެވެ.
ޕްރޮމޯޝަންއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ހަސަން ޝާރިހު ވިދާޅުވީ، މި ޕްރޮމޯޝަން ހާއްސަ ކުރެވިފައި ވަނީ ކުޑަކުދިންނަށް ކަމަށެވެ.
"ކޮންމެ ކުއްޖެއްގެ ވެސް އުންމީދެއް ޑިޒްނީލޭންޑަށް ދިއުމަކީ. އެހެންވީމަ އަޅުގަނޑުމެން ދިރާގު ޓީވީ މެދުވެރިކޮށް އެ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމަށް ކުރާ މަސައްކަތެއް މި ޕްރޮމޯޝަނަކީ،" ޝާރިހު ވިދާޅުވިއެވެ.
ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އައިޕީޓީވީގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެވެ. ދެ އަހަރު ތެރޭ ދިރާގު ޓީވީ އިން ވަނީ ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ.
ދިރާގުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ދިރާގު ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް އިތުރު ކޮންޓެންޓް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.