މަސްވެރި އުޅަނދުގައި ވެސަލް މޮނިޓަރިން ސިސްޓަމް ގާއިމުކުރުމަށް އުރީދޫއާއެކު ސޮއިކޮށްފި

މަސްވެރި އުޅަނދުގައި ވެސަލް މޮނިޓަރިންގ ސިސްޓަމް ގާއިމްކުރުމަށް އުރީދޫއާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށްޓަކައި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ލައިސަންސް ދީފައިވާ އުޅަނދުފަހަރުގެ ހަރަކާތްތައް ބެލުމަށް ވެސަލް މޮނިޓަރިންގެ ސިސްޓަމް ގާއިމުކޮށް މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކުރުމަށް ފިޝަރީޒް މިނިސްޓްރީން އުރީދޫއާއެކު ސޮއިކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކެޓްރީ އައިމިނަތު ޝާފިއާއެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ނަޖީބް ހާންއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުންކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓްގެ ދަށުން ލައިސަންސް ދީގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރުކުރުމަށް 700 ވެސަލް ލޮކޭޓިންގް ޑިވައިސް އުރީދޫއިން ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ޑިވައިސްތަކަކީ، އެންމެ ޒަމާނީ ޓެކްނޮލޮޖީއާއެކު ތައާރަފްކުރެވޭ ވަސީލަތެެއް ކަމަށާއި އެ ޑިވައިސްގެ އެހީގައި އުޅަނދުފަހަރު އޮތް ސަރަހައްދު ގަޑިއަކު އެއްފަހަރު، މޮނިޓަރިން ސްޓޭޝަންތަކަށް ލިބި، އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރަށްވެސް އެފަރާތްތަކުގެ އުޅަނދުގެ ހަރަކާތްތައް ކޮންމެ ވަގުތެއްގައި ބަލާލުމުގެ ގާބިލްކަން ލިބިގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އުޅަނދެއް ހާލުގައި ޖެހިއްޖެނަމަ، ޑިސްޓްރެސް ބަޓަން މެދުވެރިކޮށް އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެކަމުގެ ސިގްނަލް (ޑިސްޓްރެސް ސިގްނަލް) ސެޓުލައިޓް މެދުވެރިކޮށް އުޅަނދު އޮތް ސަރަޙައްދުގެ މައުލޫމާތާއެކު ކޮންމެ 5 މިނެޓަކުން މޮނިޓަރިން ސްޓޭޝަންސްތަކަށް ފޮނުވޭނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެއާއެކު ހާލުގައި ޖެހޭ އުޅަނދަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނަގާ ވަގުތު ކުޑަވެ، ދުރު ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ޑިވައިސްއަކީ އުޅަނދު މޯބައިލް ރޭންޖްއިން ބޭރުގައިވާ ވަގުތުތަކުގައިވެސް ސެޓަލައިޓް މެދުވެރިކޮށް އުޅަނދަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން ލިބިގެންވާ އާލާތެކެވެ.

އެ ވެސަލް ލޮކޭޓިންގް ޑިވައިސްތައް ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ހިލޭ ދޫކޮށް ހަރުކޮށް ދިނުމުގެ އިންތިޒާމުތައް އުރީދޫއާއި މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ހަރުކުރާ ވެސަލް ލޮކޭޓިންގ ޑިވައިސްތަކުގެ މަހުފީގެ ގޮތުގައި އުރީދޫއިން ދޫކުރާ ބޭސިކް ޕެކޭޖަށް ނަގާނެ މިންވަރަކީ 617 ރުފިޔާއެވެ. އެޕެކޭޖްގެ ދަށުން ގަޑިއަކު އެއްފަހަރު އުޅަނދު އޮތް ސަރަހައްދުގެ މަޢުލޫމާތު ސެޓަލައިޓް މެދުވެރިކޮށް މޮނިޓަރިންގް ސްޓޭޝަންތަކަށާއި އުޅަނދު އޮޕަރޭޓްކުރާ ފަރާތްތަކަށް ފޯރުކޮށްދެމުން ދާނެއެވެ.

comment ކޮމެންޓް