ބ. އޭދަފުށި ފަޅުތެރެއަށް މިފަހުން ވަދެފައިވާ މުށިމަސް އައިނުން ގިނަ އަދަދެއްގެ މުށި މަސް މަރުވެ ފެން މައްޗަށް އަރަން ފަށައިފިއެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން "ސަން" ވިދާޅުވީ އިއްޔެއާއި މިއަދު ގިނަ އަދެއްގެ މުށިމަސް މަރުވެގެން މައްޗަށް އަރަމުން އަންނަ ކަމަށެވެ.
އަދި އެކަމާ ގުޅިގެން ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް މިއަދު ހެނދުނު ކައުންސިލުން ކޮށްފައިވާ ކަމަށާއި، ނަމަވެސް އަދިވެސް ދޭތެރެއަކުން މަސްތައް މަރުވެގެން މައްޗަށް އަރަމުން އަންނަ ކަމަށް ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ މަސްތައް މަރުވާ ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
އޭދަފުށީ ފަޅުތެރެއަށް ދޭތެރެ ދޭތެރެއިން ގިނަ އަދަދެއްގެ މުށަމަސް ވަދެއެވެ. އަދި މިފަހަރު ރަށުގެ ކުދިބޮޑު އެންމެން ދޮށި ހިފައިގެން ނުކުމެ މުށިމަސް ބާނާ މަންޒަރު ފެންނަ ހިތްގައިމު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފައެވެ.