ދަތިތައް ހުރި ނަމަވެސް މަސްވެރިންގެ ބާނާ ހުރިހާ މަހެއް މިދަނީ ގަންނަމުން: މިފްކޯ

ދިވެހި މަސްވެރީންތަކެއް މަސް ބޭނުމުގައި -- ފޮޓޯ/ ދިމަސްވެރީން

ކުންފުންޏަށް ދަތިތަކެއް ހުރި ނަމަވަސް، ހުރިހާ މަސްވެރިންގެ މަސް ގަންނަމުންދާ ކަމަށް މިފްކޯ އިން ބުނެފި އެވެ.

ރާއްޖޭގެ އުތުރަށް މަސްވެރިކަން ބޮޑުތަނުން ރަނގަޅުވެ، ގިނަ މަސްދޯނިތަކެއް ދަނީ އުތުރުގައި މަސްވެރިކަން ކުރަމުންނެވެ. އެއާ އެކު ހުރިހާ މަސް ދޯނިތަކުގެ މަސް ގަތުމަށް ކެޕޭސިޓީ އެ ސަރަހައްދުގައި ނެތުމުން، މަސް ކިރުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ.

މިފްކޯ އިން މިއަދު ނެރުނު ނޫސް ބަޔަނުގައި ބުނީ، އެއްވެސް މަސް ދޯނިއެއް ބާކީ ނުކޮށް ހުރިހާ ދޯނިތަކުގެ މަސް އެކުންފުނިން ގަންނަމުންދާ ކަމަށެވެ. އަދި މަސްވެރިކަން އުތުގައި ރަނގަޅުމުން ގިނަ މަސް ދޯނިތަކެއް އެ ސަރައްހަދަށް ޖަމާވެފައިވާ އިރު، ފެލިވަރުގައި އެ ކެޕޭސިޓީ ނެތް ކަމުގައި ވިޔަސް، އެ ހުރިިހާ މަސް ދޯނިތަކުގެ މަސް ގަތުމުގެ އިންތިޒާމަ ހަމަޖައްސާފައިވާ ކަމަށް މިފްކޯ އިން ބުނެ އެވެ.

"ދެކުނުގައި މަސްގަތުމަށް ހަރަކާތްތެރިވާ މިފްކޯގެ ބޯޓުފަހަރުތައް މިހާރު ދަނީ ފެލިވަރު ބަނދަރުގައި މަސްގަތުމުގައި ހަރަކާތްތެރިވަމުން. އެހެން ނަމަވެސް އެ ދުވަހެއްގައި ލިބޭ މަސް އެ ދުވަހަކު ނުކިރޭތީވެ ދަނީ ވިދިގެން އަންނަ ދުވަހަށް ކިޔޫ ނަންބަރު ދޫކޮށް އެއްވެސް ދޯންޏެއް ދޫކޮށްނުލައި މަސް ކިރަމުން،" މިފްކޯގެ ބަޔާނުގައު ބުންޏެވެ.

ބަޔާނުގައި ބުނީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވެއްޓިފައި ވުމުން އުތުރުގައި މަސް ގަންނަ އަމިއްލަ ކުންފުނިތަކަށް އެ އަގުގައި މަސް ގަނެ އެކްސްޕޯޓުކުރުމަށް ދަތިތަކެއް ހުރުމާއި އުތުރުގައި މަސްވެރިކަން ރަނގަޅުވުމުން މަސް ދޯނިތައް އެސަރަހައްދުގައި އިތުރުވުމުން އެ ސަރަައްދު ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާ ކަމަށެވެ.

"އެހެން ނަމަވެސް މިފްކޯ އިން މިދަނީ، އެއްވެސް ކޮންޓްރޯލެއް ނެތި ކުންފުނީގެ ހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހުރިހާ މަސްވެރިންގެ މަސް ކިރަމުން،" ބަޔާނުގައި ބުންޏެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު "ސަން" އަށް ވިދާޅުވީ، މިދިޔަ 10 އަހަރު ތެރޭ މަސްވެރިކަން ރަނގަޅު ނުވާ ވަރަށް ރާއްޖޭގެ އުތުރުގައި މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށެވެ. އެހެން ކަމުން، ރާއްޖޭގެ އެކި ހިސާބުތަކުގެ ދޯނިތައް އުތުރަށް ޖަމާވެ މަސްވެރިކަން ކުރަމުން އަންނަ އިރު އެކަމުގެ އެންމެ ބޮޑު ބާރެއް ކުރަނީ ކޭނިން ފެކްޓަރީ ހުންނަ ޅ. ފެލިވަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ފެލިވަރުގެ ފްރީޒިން ކެޕޭސިޓީ ހުންނަ ވަރުން ދުވާލެއްގެ މައްޗަށް ނެގެނީ 30 ޓަނުގެ މަހެވެ. ފެލިވަރުގެ ކެޕޭސިޓީ އިތުރު ކުރުމަށް މި ސަރުކާރުން ވަނީ މިގެ ކުރިން ނިންމައިފަ އެވެ. ނަމަވެސް އެކަމުގެ އަމަލީ މަސައްކަތް އަދި ނުފެށެ އެވެ.

https://sun.mv/124294

comment ކޮމެންޓް