ބާވެފައިވާ 11 އިމާރާތެއް ވަނީ ފާހަގަކުރެވިފައި

ހުރަވީ ބިލްޑިންގް-- ސަން ފައިލް ފޮޓޯ

ބާވެ ހަލާކުވުމުގެ ސަބަބުން އާންމުންނަށް ނުރައްކާވާނެ ކަމަށް ބެލެވޭ 11 އިމާރާތެއް ފާހަގަކުރެވިފައިވާކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީއިން މިއަދު ބޭއްވި "ނުވަގަޑި" ޕްރޮގްރާމުގައި އެ މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުން ބުނީ މި 11 އިމާރާތުގެ އެސެސްމެންޓު ހަދާ، މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ 11 ގެއެކެވެ.

މިއީ އާންމު ރައްޔިތުންގެ އިމާރާތްތަކަށްވުމުން، އިމާރާތްތަކުގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލު މެދުވެރިވެގެން ގެތަކުގެ ވެރިންނާ ވާހަކަދައްކާ މަޝްވަރާކޮށްފައިވާކަމަށް ޕްލޭނިންއިން ބުންޏެވެ. މާލޭގައި ހުންނަ ބާ އިމާރާތްތަކުގެ ބައިތައް މަގުމައްޗަށް ވެއްޓި ދޭތެރެ ދޭތެރެއިން މީހުންނަށާއި މުދަލައް ގެއްލުންވެއެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ހުރަވީ ބިލްޑިން އިމާރާތުގައި ހުރި އޮފީސްތައް ރިލޮކޭޓު ކުރުމަށް ބޭނުންވާ ޖާގަ އަދިވެސް ހަމަނުޖެހޭކަން މިނިސްޓްރީއިން ފާހަގަކުރިއެވެ.

މާލޭގައި އިމާރާތްކުރާ ތަންތަނުގެ ހާލަތު ބަލައި މޮނީޓާ ކުރުމަށް އެ މިނިސްޓްރީ އިން ކުރާ މަސައްކަތުގެ ދަށުން މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް 337 ސައިޓަކަށް ޒިޔާރަތްކޮށް، އެތަންތަނުން ފާހަގަވި މައްސަލަތައް ސިޓީ ކައުންސިލަށް ފޮނުވާފައިވާކަމަށް ޕްލޭނިންއިން ބުންޏެވެ.

"ރެންޑޮމްކޮށް މި ޗެކް ކުރަނީ. ފާހަގަ ކުރެވޭ މައްސަލަތައް ސިޓީ ކައުންސިލަށް ރިޕޯޓު ކުރަނީ،" ޕްލޭނިންއިން ބުނީ އަތޮޅުތެރޭ އިމާރާތްކުރާ ތަންތަނުގެ ސޭފްޓީގެ ކަންތައް އެލްޖީއޭއާއި ގުޅިގެން ރަށު ކައުންސިލްތައް މެދުވެރިކޮށް ކުރަމުންދާ ކަމަށެވެ.

"ދެން ފާހަގަކުރެވޭ އަނެއް ކަމަކީ އިމާރާތްކުރަން ހުއްދަ ދޫކުރާ ވަރަށްވުރެ އުސްކޮށް އިމާރާތްކުރުން. މިސާލަކަށް ހުއްދަ މިދެނީ ފަސް ބުރިއަށް އިމާރަތްކުރަން. ފަސް ބުރިއަށް އިމާރަތްކުރަން ދިނީމަ ހަތް ބުރިއަށް އެބަ ނަގާ. މިއީ ނުރައްކާވެދާނެ ކަމެއް،" ޕްލޭނިންއިން ބުންޏެވެ.

އިމާރާތްކުރާ ތަންތަނުގެ ސޭފްޓީއާއި ގުޅޭގޮތުން ޕްލޭނިންއިން ބުނީ ސައިޓުތަކަށް ޒިޔާރަތްކުރުން އިތުރުކުރުމާއެކު ސޭފްޓީއާމެދު އިހުމާލުވާ މިންވަރު މަދުވެފައިވާ ކަމަށެވެ.

މާޗުމަހުގެ ނިޔަލަށް އިމާރަތްކުރުމާ ގުޅޭ 13 ގަވައިދެއް ހަދައި އަމަލު ކުރަން ފަށާާފައިވާއިރު ސަލާމަތީ ކަންތަކަށް އިސްކަންދޭ މިންވަރު ވަނީ އިތުރުވެފައެވެ.

"ގަވައިދާ ހިލާފުވެގެން ގިނަ ބަޔަކު ޖޫރިމަނާވެސް ކުރެވިއްޖެ. އެންމެ ބޮޑު އަދަދަކަށް ޖޫރިމަނާ ކުރެވުނީ ފަސް ލައްކަ ރުފިޔާއިން،" އެ މިނިސްޓްރީއިން ބުންޏެވެ.

comment ކޮމެންޓް