ވެލާނާގޭ ޕާކިން ސިސްޓަމް ނެގުމާމެދު ވަކިގޮތެއް ނުނިންމާ

މާލޭގައި ބެހެއްޓި ޕާކިން ސިސްޓަމެއް -- ސަން ފައިލް ފޮޓޯ

މާލެ އަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ކުރީސަރުކާރުން މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި ޕާކިން ސިސްޓަމްތަކުގެ ތެރެއިން ވެލާނާގޭ ކައިރީ ބަހައްޓާފައިވާ ޕާކިން ސިސްޓަމް ފިޔަވައި އެހެން ހުރިހާ ސިސްޓަމްތަކެއް މިހާރު ނަގާފައިވާކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު އެ މިނިސްޓްރީ އިން ބޭއްވި ނުވަގަޑި ޕްރޮގްރާމުގައި ޕްލޭނިން ޑިޕާޓްމެންޓުން ބުނީ މާލޭގައި ބަހައްޓާފައިވާ ޕާކިން ސިސްޓަމްތަކުގެ ތެރެއިން ވެލާނާގޭ ކައިރީ ބެހެއްޓި ޕާކިން ސިސްޓަމް ނެގުމާމެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.

"މިތަކެތި އަޅުގަނޑުމެން ރައްކާކޮށްފައިވާނީ ތިލަފުށީގައި. ޕާކިން ސިސްޓަމްތައް ހުރި ސަރަހައްދުތައް ޕާކިން ޒޯނުތަކަށް ބަދަލު ކުރަމުން ދަނީ،" ޕްލޭނިން މިނިސްޓްރީ އިން ބުންޏެވެ.

"މިހާރު އަދި ވެލާނާގެ ކައިރީ ހުރި ސިސްޓަމް ނުނަގާގޮތަށް އޮތީ. އެއީ ކުރިންވެސް ބޭނުން ކުރި ސިސްޓަމަކަށްވެފައި، އެކަމާ ގުޅޭގޮތުން އަދި ގޮތެއް ނުނިމޭ،"

މިއަހަރުގެ މިހާތަނަށް މާލޭގައި ޕާކިން އަށް ހާއްސަ ގިނަ ޖާގަތަކެއް ތައްޔާރުކޮށްފައިވާކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން އަސަރީ ކެފޭ ހުރި ސަރަހައްދުގައި ހަދާފައިވާ ޕާކިން އޭރިއާ ގައި 150 ސައިކަލު ޕާކު ކުރެވޭނެ ކަމަށާއި ހީނާ މާގޭގައި ހަދާފައިވާ ޕާކިން އޭރިއާގައި 50 ސައިކަލު އަދި ހަތަރު ފުރޮޅުލީ 11 އުޅަނދު ޕާކު ކުރެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. މީގެ އިތުރުން މާފަންނުއާގޭގައި ހަދާފައިވާ ޕާކިން އޭރިއާގައި ހަތަރު ފުރޮޅުލީ 44 އުޅަނދު ޕާކު ކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން ހެވީ ވެހިކަލްތަކަށް ހާއްސަކޮށްގެން މާލޭ އިންޑަސްޓްރިއަލް ވިލެޖުގައިވެސް ޕާކިން ސަރަހައްދެއް ގާއިމްކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ޕްލޭނިން މިނިސްޓްރީ އިން ބުނީ މާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް އަޅާ ޕާކިން ބިލްޑިންގެ ކޮންސެޕްޓަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ޕާކިން ޖާގަ އިތުރު ކުރުމަށް ހަތް ސަރަހައްދެއްގައި ޕާކިން ޖާގަ ހަދައި ފަސް ސަރަހައްދެއްގައި ޕާކިން ޖާގަ ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. ޕާކިން ބިލްޑިން ހަތަރުި ސަރަހައްދެއްގައި އަޅަން ނިންމާފައިވާއިރު މިހާރު ކުރިއަށްދަނީ ކޮންސެޕްޓު ޑިޒައިންގެ މަސައްކަތެވެ.

https://sun.mv/124058

comment ކޮމެންޓް