ޓެރަރިޒަމް ގާނޫނުތަކަށް ހިއުމަން ރައިޓްސް މީހުން ފާޑުކިޔާނެ: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ -- ފޮޓޯ: ޑިފެންސް

ދުނިޔޭގެ ގިނަ ގައުމުތަކުގެ ޓެރަރިޒަމް ގާނޫތަކަށް، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ފާޑުކިޔާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މާރިޔާ މިހެން ވިދާޅުވެފައި ވަނީ މިއަދު ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން އެޖެންޑާކޮށްފައިވާ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ މާއްދާއަކަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ފާދުވިދާޅުވެ ކުރެއްވި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި މިހާރު ގާނޫނުގައި އޮތް ގޮތަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަކޮށްފައި ވާއިރު، ފާޅުކުރާ ހިޔާލު ރައްދުވާ ފަރާތުން ހިޔާލަށް ބަރޯސާވެ، ޓެރަރިސްޓު ޖަމާއަތަކަށް އެ ފަރާތުން ތާއީދު ކުރުމަށް ހިތްވަރު ލިބިގަނެވިދާނެ ކަމާމެދު ފަރުވާލެއް ނެތި، އެ ހިޔާލު ފާޅުކުރުމަކީ ކުށެއް ކަމަށް ބިލުގައިވެ އެވެ.

ޝަހީދު ވިދާޅުވީ އެއީ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ 19 އަދި 20 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ. އައިސީސީޕީއާރްގެ 19 އަދި 20 ވަނަ މާއްދާއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މިނިވަން ފިކުރުގެ ވާހަކަ ބަޔާންކުރާ ދެ މާއްދާ އެވެ.

ޑރ. އަހްމަދު ޝަހީދު -- ފޮޓޯ/ އދ

"މިހެން ބަޔާން ކުރާ ގާނޫނެއް ފާސްކުރަން ހެޔޮނުވާނެ،" ޝަހީދު ވިދާޅުވި އެވެ.

ޝަހީދަށް ޖަވާބުދެއްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ ޖިނާއީ އަދުލުގެ ގާނޫނުތަކަކީ ކުށެއް ކުރުމުން އެ ކުށަށް ދައުލަތުން ދޭ ޖަވާބު ކަމަށާއި ނަމަވެސް ޓެރަރިޒަމްގެ ގާނޫނުތައް ހެދުމުގެ މަގުސަދަކީ ދާދިފަހުން ލަންކާގައި ހިންގި ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް އަމަލު ހިންގުމަށް ފުރުސަތު ނުދިނުން ކަމަށެވެ.

"ދުނިޔޭގެ ގިނަ ގައުމުތަކުގައި ޓެރަރިޒަމް ގާނޫނު ތަކަށް ހިއުމަން ރައިޓްސް މީހުން ފާޑުކިޔާ،" މާރިޔާ ވިދާޅުވި އެވެ.

މިއަދު މަޖިލީހަށް ހުށަހަޅާ ބިލުގައި ސިޔާސީ، ދީނީ ނުވަތަ ހައްދުފަހަނައެޅި ވިސްނުމެއް ކުރިއެރުވުމަށް ޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށް ޓަކައި މީހުންނަށް ގެއްލުން ދިނުމުގެ އަމަލުތަކެއް ހިންގުން ވަނީ ޓެރަރިޒަމްގެ ގޮތުގައި މާނަކޮށްފަ އެވެ.

ބިލުގައި ކުށް ކަމުގައި ކަނޑައަޅަން ހުށަހަޅާ ކަންކަން:

  • ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން. އަދި ހަނގުރާމަވެރި އަމަލެއް ކުރަން އުޅުން ނުވަތަ އެފަދަ ކަމެއް ކުރަން އެހީވުން ނުވަތަ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން.
  • ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރުން އަދި އެފަދަ ތަކެތިން ވިޔަފާރިކުރުން.
  • ޓެރަރިސްޓް ޖަމާއާތަކަށް ތާއީދުކުރުން އަދި ތާއީދުކުރުމަށް ގޮވާލުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ހަރަކާތްތަކަށް ހިތްވަރުދީ އެފަދަ ހިޔާލެއް ފާޅުކުރުން. އަދި އެކަަމަށް ހިތްވަރު ލިބޭ ހަރަކާތެއްގައި ބައިވެރިވުން. އަދި އެފަދަ ހަރަކާތެއް ރާވަައި ހިންގުން.
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުން. ނުވަތަ އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުންކުރުން.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގޮތުން ޖިނާއީ ކުށެއްގެ ތަހުގީގަށް މީހަކު ހައްޔަރުކޮށްގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދާތާ 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި، ދައުވާ އުފުލަން ޖެހެ އެވެ. އަދި އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެ ނަމަ އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ އެވެ.

އެހެން ނަމަވެސް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގައި ވަނީ އެ ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހުންގެ ތަހުގީގު 45 ދުވަހުގެ ތެރޭގައި ނިންމައި، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭނެ ކަމަށާއި އަދި ޕީޖީ އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލަންވާން ވާނެކަމަށް ހިމަނައިފަ އެވެ.

comment ކޮމެންޓް