ޝާހިދުގެ ޗައިނާ ދަތުރު: ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމުގެ ބިންގަލަކަށް

އަބްދުﷲ ޝާހިދު ޗައިނާ ސަފީރާއެކު--- ފޮޓޯ: ފޮރިން މިނިސްޓްރީ

މި މަހު ޗައިނާ ކުރައްވާ ދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބިންގާ އެޅިގެންދާނެ ކަމަށާއި ތަފާތު ދާއިރާތަކުން މަޝްވަރާތައް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދުގެ ފުރަތަމަ ޗައިނާ ދަތުރުފުޅު ފައްޓަވާނީ، މި މަހުގެ 19 ވަނަ ދުވަހު އެވެ. މިއީ ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ހާރިޖީ ވަޒީރު ވާންގް ޔީ ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ މި ސަރުކާރުގެ ވަޒީރު ފެންވަރުގެ ބޭފުޅަކު ޗައިނާއަށް ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރެވެ.

ޗައިނާ ދަތުރާ ގުޅޭގޮތުން "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި ދަތުރުގައި ޗައިނާގެ ހާރިޖީ ވަޒީރުގެ އިތުރުން ނައިބު ރައީސް ވަންގް ގީޝާން އާވެސް ބައްދަލުކުރައްވާނެ ކަމަށެވެ. އަދި މި ދަތުރުގައި ވަރަށް ފުޅާ ދައިރާއެއްގައި ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާއަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ، އަދި ރާއްޖެއަށް ބޮޑެތި އެހީތަކެއް ވެދީފައިވާ ގައުމެއްކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވެސް ޗައިނާ އާއެކު އެ ގުޅުންތައް ކުރިއަށް ގެންދަން ގަސްތުކުރާ ކަމަށާއި ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް މި ސަރުކާރުން ވެސް ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު މިދަނީ ޗައިނާއަށް ފުރަތަމަ ފަހަރަށް. އެހެންވީމަ މިފަހަރުގެ ދަތުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ބިންގާތައް އެޅިގެންދާނެ. އޭގެ ތެރޭގައި ދެ ގައުމުގެ ގުޅުމުގެ ހުރިހާ ވާހަކައެއް ދެކެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ، ޗައިނާ އަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް އިގްތިސާދަށް ވާއިރު، ޗައިނާގެ ކުރިއެރުމާ، ޓެކްނޮލޮޖީ އާއި ފަންނުވެރިކަމުން ރާއްޖެއިން ފައިދާ ހޯދަން ޖެހޭ ކަމަށެވެ.

އަދި ސަރުކާރުގެ ވިސްނުމުގައި އޮތީ ޗައިނާ އާއެކު ގުޅުން ބަދަހިކޮށް، ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތަކެއް އެ ގުޅުމުގެ ތެރެއިން ހޯދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މި ދަތުރަށްފަހު ޗައިނާ ސަރުކާރުން ރާއްޖޭގައި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް އިތުރު ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ޗައިނާ ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް އިތުރު އެހީތައް ލިބި ގުޅުން ބަދަހިވެގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

comment ކޮމެންޓް