ދެމަފިރިން އެކުގައި 181 ކިލޯ ހިއްކާލައިފި

ލެކްސީއާއި ޑެނީ، ބަރުދަން ލުއި ކުރުމުގެ ކުރިންނާއި ފަހުން

އެމެރިކާގެ ދެމަފިރިއަކު އެކުގައި 400 ޕައުންޑް (181 ކިލޯ) ހިއްކާލައިފި އެވެ. ލެކްސީ އާއި އޭނާގެ ފިރިމީހާ ޑެނީ ރީޑް ނަމަކަށް ކިޔާ މި ދެމަފިރިން ހިކުމަށް އަޒުމު ކަނޑައެޅީ 2016 ވަނަ އަހަރުގައެވެ. އޭރު ލެކްސީގެ ބަރުދަނުގައި ހުރީ 485 ޕައުންޑެވެ. އަދި ޑެނީ ގެ ބަރުދަނުގައި ހުރީ 280 ޕައުންޑެވެ.

ލެކްސީ ދީފައިވާ އިންޓަވިއުތަކުން އެގޭގޮތުން އެންމެ ކުޑައިރުއްސުރެވެސް އޭނާ ހުންނަނީ ފަލަކޮށެވެ. އަދި ކޮންމެވެސް ހިސާބަކުން ބަރުދަން ލުއި ކުރަން ފަށާ މަސައްކަތް ހުއްޓާލެވެނީ ލުއިވާ ބަރުދަންކޮޅު އަލުން ބަރުވެގެނެވެ.

" އޭރު ބައެއް ދުވަސްދުވަހު ހެނދުނުގެ ސައި ސްކިޕް ކޮށްފައި ބޮޑު ލަންޗެއް ނަގާލަނީ، ނޫނީ ސައިބޯ ދުވަސްދުވަހު މެންދުރަށް ސޮސެޖަކާއި، ބިހަކާއި ޗީޒް ބިސްކޯދާއި ހޭޝް ބްރައުންއާއި ބޮޑު ކޯކްއަކާއި އަދި މެކްޑޮނަލްޑްސް ކާލެވޭ" ލެކްސީ ބުނެފައިވެ އެވެ.

ޑެނީ ބުނެފައިވާގޮތުން ކުޑައިރު އޭނާއަކީ ވަރަށް ހަރަކާތްތެރިކޮށް އުޅުނު މީހެކެވެ. އަދި ނަތީޖާއެއްގެ ގޮތުން އޭރު އޭނާގެ ބަރުދަންވެސް ހުރީ އެކަށީގެންވާ މިންވަރެއްގައެވެ. ނަމަވެސް ވަކި ހިސާބަކުން އެކަންކަން ހުއްޓާލުމުން ބަރުދަން އިތުރުވާން ފެށިއެވެ.

ކައިވެނިކޮށްގެންވެސް އެދެމީހުންގެ ދިރިއުޅުން ކުރިއަށްދިއައީ އެފަދައިންނެވެ. ނަމަވެސް 2016 ވަނަ އަހަރު ދެމީހުންގެ ނިއު އިޔާ ރިސޮލިއުޝަންއަކަށްވީ މުޅި ދިރިއުޅުން ބަދަލުކޮށްލި 5 ކަމެކެވެ.

  1. ބޭރުން ކެއުން ހުއްޓާލުން
  2. އެއްވެސް ޗީޓް މީލް އެއް ނުނެގުން
  3. ސޯޑާ ހުއްޓާލުން
  4. އަލްކޮހޯލް ހުއްޓާލުން
  5. 30 މިނިޓުގެ 5 ވޯކްއައުޓް ކޮންމެ ހަފްތާއެއްގައިވެސް ކުރުން

މަހެއްހާ ދުވަހަށް ކަނޑައެޅި މި ގޯލްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން ދެމަފިރިން އެއްކޮށް 400 ޕައުންޑް ލުއިވިއެވެ.

ލެކްސީ އާއި ޑެނީ، ބަރުދަން ލުއި ކުރުމުގެ ކުރިންނާއި ފަހުން

ދެމީހުން ބުނެފައިވަނީ ފެށިއިރު މިކަންކަން ހާސިލްކުރަން ވަރަށް އުނދަގޫވިކަމަށެވެ. އެހާ ގިނަދުވަސްވަންދެން ޖަންކް ފުޑް ކެއުމާއި ކަސްރަތު ނުކޮށް ތިބެވުމުން އެ އާދަތައް ހުރީ ކަށީގައި ހަރުލާފައެވެ. އެހެންކަމުން މަޑުމަޑުން ބަދަލު ގެނައުމުގެ ބަދަލުގައި ކުއްލިއަކަށް އެމީހުން ގެނައީ ބޮޑު ބަދަލުތަކެކެވެ.

އެ ބަދަލުގެ ތެރެއިންވެސް އެންމެ ބޮޑު ކަމަކަަށްވީ ކާއެއްޗިއްސާއި އޮންނަ ގުޅުމެވެ. ލެކްސީ ބުނާގޮތުން އޭގެ ކުރިން އެއްވެސް ވަރަކަށް އޭނާ ކައްކައެއް ނޫޅެއެވެ. މުޅީންވެސް ކަނީ އޯޑަރުކޮށްގެން، ނުވަތަ ރެސްޓޯރެންޓަކުން ނޫނީ ފްރޯޒަން މީލްތަކެއް ގޭގައި ހޫނުކޮށްލައިގެނެވެ. ނަމަވެސް މި ބަދަލާއި އެކު، ގޭގައި އެކުގައި ކައްކާ، ކެއުމަށް ދިރިހުރުމުގެ ބަދަލުގައި، ދިރިހުރުމަށް ކާން ފެށުނެވެ.

ލެކްސީ އާއި ޑެނީއަަށް މިދަތުރުގައި ލިބުނު އެންމެ ބޮޑު ހިތްވަރަކީ ދެމީހުން އެކުގައި މިކަން ކުރުމެވެ. އެކަކު އެހާ މޫޑުނެތި ހިތްވަރުއެލޭނަމަ އަނެކަކު އޭނާއަށް ހިތްވަރުދެއެވެ. އަދި އެދެވޭ ނަތީޖާތަކެއް ނުކުންނަށް ފެށުމުން މިކަން އިތުރަށް ކުރިއަށްގެންދިއުމަށް މަސައްކަތްކުރެވުނެވެ.

މިހާރު އެމީހުންގެ ބައެއް މީލްތައް

  • ބްރޭކްފާސްޓް: ބިސް، ސޮސެޖް ނޫނީ ބޭކަން
  • ލަންޗް: ކުކުޅު ، ބްރޮކޮލޯ
  • ޑިނާ: ސެލްމަން، ކަށްޓަލަ، ކޮޓެޖް ޗީޒް
  • ސްނެކް: ޕީނަޓް ބަޓާރ އާއި އެކު ދޮންކެޔޮ ، މޭވާއާޢި ނަޓްސް

މި ދެމީހުންގެ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދާފައިވާއިރު، ދިރިއުޅުމަށްމަށް އައި ބޮޑު ބަދަލާއިއެކު އެމީހުންވަނީ ފެޓްގާލްފެޑްއަޕް ނަމުގައި އަމިއްލަ ބްލޮގެއްވެސް ފަށާފައެވެ. މި އެކައުންޓް 1.2 މިލިއަން މީހުން ފޮލޯކުރެއެވެ.

މީގެކުރިން ލެކްސީ މަސައްކަތްކުރަމުން އައީ ލޯ ފާރމްއެއްގައި ސޯޝަލް ސެކިއުރިޓީ ޑިސޭބިލިޓީ ބެނިފިޓްސް ހޯދައިދިނުމަށެވެ. އޭނާ ބުނާގޮތުން އަބަދުވެސް އިވެނީ މީހުންގެ ހަކުރުމައްޗަށް ދާ ވާހަކަތަކާއި، ހިތުގެ ބައްޔާއި، ނިއުރޯޕަތީ މައްސަލަތަކުގެ ވާހަކަތަކެކެވެ. އެހެންކަމުން އެފަދަ މައްސަލައެއް އޭނާއަށް ދިމާވެދާނޭ ކަމުގެ ބިރުވެސް ވަރަށްބޮޑަށް އޭރުއޮތެވެ. އެޔާއެކު ދެމަފިރިންވެސް އެންމެ ބޮޑަށް ކުރަމުން އައި އެއް އުންމީދަކީ ދެމީހުންނަށް ދަރިއެއް ހޯދުމެވެ. އެހެންނަމަވެސް ބަރުދަން އޭރު ހުރިވަރުގައި ހުރުމަކީ އެކަމަށްވެސް އޮތް ބޮޑު ހުރަހެކެވެ.

ލެކްސީއާއި ޑެނީގެ ބަރުދަން ލުއިކޮށްލެވުނު އިރު، ލެކްސީ ގައިގައި ހުރީ 173 ޕައުންޑެވެ. އަދި ޑެނީ ގައިގައި ހުރީ 185 ޕައުންޑެވެ. މިހާރުވެސް އެމީހުންގެ ބަރުދަން ލުއިކުރުމުގެ ދަތުރު އިންސްޓަގްރާމް ބްލޮގުން އަންނަނީ ހިއްސާ ކުރަމުންނެވެ.

comment ކޮމެންޓް