މަޖިލީހުގެ ނިމިދިޔަ ދައުރަކީ އެންމެ އުފެއްދުންތެރިކަން މަދު ދައުރު: ޝިޔާމް

ނޫސްވެރިންގެ ބައްދަލުމުގައި ޝިޔާމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން

ރައްޔިތުންގެ މަޖިލީހުގެ ނިމިޔަ ދައުރަކީ، އެންމެ އުފެއްދުންތެރިކަން މަދު ދައުރު ކަމަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި 48 ޖަލްސާ ބާއްވައި، މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ދައުރު ނިންމައި، ޗުއްޓީއަށް ގޮސްފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ހަވީރު، އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ފުރަތަމަ ދައުރު މެމެބަރުން ގިނަ ވަގުތު މަޖިލީހުގައި ހޭދަކުރަން ޖެހުނަސް ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތެއް ދައުރުގައި ކުރެވިފައި ނެތް ކަމަށެވެ.

"ކޮންމެ ދުވަހަކު ޖަލްސާ ބާއްވާފައި އަޅުގަނޑުމެންނަށް މި އެނގެނީ، ރައްޔިތުންނަށް ގިނަ ވައުދުތަކެއް ކޮށްގެން އައި ސަރުކާރެއް މީ. އެ ވައުދުތައް ފުއްދޭނެ ގޮތަކަށް ނޫން މަޖިލިސް ތެރޭގައި ކަންތައްތައް ބައްޓަން ވެފައި މިހުރީ،" 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް މެމްބަރުކަން ކުރެއްވި ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ދައުރުގައި ގިނަ ޖަލްސާ ބޭއްވި ނަމަވެސް އުފެއްދުންތެރި މަސައްކަތެއް ކުރެވިފައި ނެތް ކަމަށެވެ.

"ފުރަތަމަ ދައުރުގެ މިދިޔަ ޖަލްސާތަކަކީ، ވަރަށް އަންޕްރޮޑަކްޓިވްކޮށް ދިޔަ ޖަލްސާތަކެއް. ދައުރަކަށް ބަލާ ނަމަ، ޖަލްސާ ގިނަ ވިޔަސް، ހޭދަ ކުރި ވަގުތު ގިނަ ވިޔަސް، އެންމެ އުފެއްދުންތެރިކަން ނޫން ގޮތަކަށް ދިޔަ ދައުރެއް،" ޝިޔާމް ވިދާޅުވުއެވެ.

ދައުރުން ބޭރުން ޖަލްސާއަށް ބޭއްވުމަށް މާދަމާ މަޖިލީހުން ވަނީ ނިންމާފައެވެ. ޝިޔާމް ވިދާޅުވީ، އެ ޕާޓީގެ އެއްބާރުލުން އެކަމަށް ލިބޭނެ ކަމަށެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ މަސައްކަތެއް ކުރެވިފައިވާ ނެތް ކަމަށް ޝިޔާމް ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުޅުވެފައި ވަނީ، ނިމިދިޔަ ދައުރާ މެދު އެމަނިކުފާނު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ފުރަތަމަ ދައުރަށް ދެއްވާނީ "ބީ ޕްލަސް" އެއް ކަމަށެވެ. އަދި ރައްޔިތުންނާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ފުރަތަމަ ދައުރުގައި ކުރެއްވި މަސައްކަތްތައް ނަމްބަރުތަކުން:
31 ބިލެއް ހުށަހެޅުނު؛ 14 ބިލެއް ނިމިފައި.
21 ގަރާރެއް ހުށަހެޅުނު؛ 9 ގަރާރެއް ނިމިފައި.
15 މައްސަލައެއް ސަރުކާރުން ހުށަހެޅި؛ 12 މައްސަލައެއް ނިމިފައި.
22 މައްސަލައެއް ރިޔާސަތުން ހުށަހެޅުނު؛ 17 މައްސަލައެއް ނިމިފައި.
9 މައްސަލައެއް މެމްބަރުން ހުށަހެޅި؛ 9 މައްސަލައެއް ނިމިފައި.
39 އެހެނިހެން މައްސަލަތަކުގެ ރިޕޯޓު؛ 35 މައްސަލައެއް ނިމިފައި.
20 ފަހަރަށް މިނިސްޓަރުންނާ ސުވާލުކުރަން އެދުނު؛ 14 ފަހަރު ސުވާލު ކުރެވިިފައި.

comment ކޮމެންޓް