ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިމަހު 19 ވަނަ ދުވަހު ޗައިނާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލަންސީ މރ. ވާންގް ޔީ ގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މިއީ އާ ސަރުކާރު ފެށުން ފަހުން ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވިފަހުން މިނިސްޓަރ ޝާހިދު ޗައިނާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުވެސް މެއެވެ.
މިނިސްޓަރ ޝާހިދުގެ ދަތުރުފުގައި ޗައިނާގެ ނައިބު ރައީސް ހިޒް އެކްސެލަންސީ މރ. ވަންގް ގީޝާންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޗައިނާގެ ޚާރިޖީ ވަޒީރު މރ ވާންގް ޔީ އާއިއެކު ދެގައުމުގެ ޒަމާންވީ ގާތް ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.
މިނިސްޓަރުގެ އެ ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ވެސް ހަމަޖެހިފައެވެ.
ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެކެވެ. ފޮރިން މިނިސްޓްރީން ބުނީ ދިވެހި ސަރުކާރުން އަބަދުވެސް ދަމަހައްޓަމުން އަންނަ 'ވަން ޗައިނާ' ޕޮލިސީގައި ހިފަހައްޓައި، ޗައިނާގެ 'ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް'ގެ ބައިވެރިއެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެކަމަށެވެ.