އެމްއައިބީ އިން ހިއްސާ ވިއްކަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑްއޮފީސް--- ސަން ފޮޓޯ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ވިއްކުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

އެމްއައިބީ އިން ބުނީ އައިޕީއޯ މުއްދަތު އިތުރު ކުރީ ސަބްސްކްރިޕްޝަން އަށް ހުޅުވާލާ މުއްދަތަކީ 35 ރަސްމީ ދުވަސް ކަމަށް ކަނޑައަޅާފައިވާ އިރު، އެ މުއްދަތުގައި ރަސްމީ ބަންދު ދުވަހުގެ ގޮތުގައި ދެ ދުވަސް އިތުރު ކުރުމުން، މުއްދަތު އިތުރުކުރީ ކަމަށެވެ.

މިހާރު އެމްއައިބީގެ ހިއްސާ ގަތުމުގެ އެންމެ ފަހު ތާރޫހަކީ މިމަހުގެ 22 ވަނަ ދުވަހެވެ. އެމްއައިބީ އިން ވަނީ އެ ބޭންކުގެ ހިއްސާ ވިއްކުމަށް ހުޅުވާލި ފުރުސަތުގައި އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ޝުކުރު އަދާކޮށްފަ އެވެ.

އެމްއައިބީގެ ހިއްސާ އާންމުންގެ އިތުރުން ކައުންސިލްތަކުން ވެސް ގަންނަކަން އެ ބޭންކުން ފާހަގަކުރެ އެވެ. ބައެއް ވިޔަފާރި ކުންފުނިތަކުން ވަނީ ކުންފުނީގެ މުވައްޒަފުންނަށް ވެސް ބޭންކުގެ ހިއްސާ ގަނެދީފަ އެވެ.

އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް އޮންލައިކޮށްް އަދި އެ ބޭންކުގެ ބްރާންޗުތަކަށް ގޮސްގެން ވެސް ހިއްސާ ގަނެވޭނެ އެވެ. މީގެ އިތުރުން މ. ފާމުދޭރިގޭގައި ހިއްސާ ވިއްކުމަށް ކަލެކްޝަން ސެންޓަރެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

އެމްއައިބީގެ ހިއްސާ އާންމުންނަށް ވިއްކަން ފަށާފައިވާ އިރު ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާނެ އެވެ. އެއީ އެމްއައިބީގައި ހިއްސާ އޮންނަ އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ 2.4 މިލިއަން ހިއްސާއާއި އާންމު ހިއްސާގެ 69975،000 ހިއްސާ އެވެ. ހިއްސާ ވިއްކަނީ، ހިއްސާއެއް 35 ރުފިޔާގެ މަގުންނެވެ. މިއީ އެމްއައިބީގެ ހިއްސާގެ 31 ޕަސެންޓެވެ.

ކޮންމެ ފަރާތަކަށް ވެސް ފުރަތަމަ ގަނެވޭނީ ހިއްސާއެއް 35 ރުފިޔާގެ މަގުން ޖުމްލަ 20 ހިއްސާ އެވެ. މި އަދަދު އިތުރުކުރަން ބޭނުން ނަމަ 10 ހިއްސާއިން އަދަދު އިތުރުކުރެވިދާނެ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅައި ކުރިއަށްގެން ދަނީ އެންޑީއައިބީގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ އެހީއާއި ޝާހު ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިންނެވެ. އޮޑިޓް ފާމެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ކޭޕީއެމްޖީ އެވެ.

އެމްއައިބީގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމްއައިބީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ބޭންކިން، ދިރާގު ޕޭ، އުރީދޫ އެމްފައިސާ މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން ކުރިއަށްގެންދާނެ ޓައިމްލައިން
- ހިއްސާ ގަތުމަށް ހުޅުވާލި ތާރީހު: 28 ޖުލައި 2019
- ހިއްސާ ގަތުމުގެ މުއްދަތު ހަމަވާ ތާރީހު: 22 ސެޕްޓެމްބަރު 2019
- ހިއްސާ އެލޮޓްކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 08 އޮކްޓޯބަރު 2019
- ވިއްކަން ހަމަޖެހިފައިވާ ހިއްސާގެ އަދަދަށް ވުރެ އިތުރުވާ ފައިސާ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 28 އޮކްޓޯބަރު 2019
- އެލޮކޭޓުކުރެވޭ ހިއްސާ އެމްއެސްޑީގައި ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019
- ހިއްސާގެ ބާޒާރުގައި މުއާމަލާތް ކުރަން ފެށޭނެކަމަށް ލަފާކުރާ ތާރީހު: 06 ނޮވެމްބަރު 2019

comment ކޮމެންޓް