ކުޅުދުއްފުށީ ދަތުރަށް މިހާރު އޮންލައިންކޮށް ޓިކެޓް ނެގޭނެ

ކުޅުދުއްފުށި އެއާޕޯޓަށް ޖެއްސި ފުރަތަމަ ޝެޑިއުލް ފްލައިޓު -- ފޮޓޯ/ މޯލްޑިވިއަން

މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް ކުރާ ދަތުރުތަކުގެ ޓިކެޓު އޮންލައިންކޮށް ވިއްކަން ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނީ އެ އެއާލައިން އިން ކުޅުދުއްފުއްޓަށް ބާޢްވާ ދަތުރުތަކުގެ ޓިކެޓު މިހާރު އޮންލައިންކޮށް ގަނެވޭނެ ކަމަށެވެ. މީގެ ކުރިން ކުޅުދުއްފުއްޓަށް ކުރި ދަތުރުތަކުގެ ޓިކެޓު ވިއްކީ ޓިކެޓިން އޮފީސްތަކުންނެވެ.

މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް ހަފްތާއަކު ތިން ފްލައިޓު ބާއްވަ އެވެ. ބޮޑު އީދާ ދިމާކޮށް ކުޅުދުއްފުއްޓަށް ޝެޑިއުލް ދަތުުރުރުތައް ފަށާފައިވާއިރު އެއާޕޯޓު ހިންގަނީ ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފުންނާއެކު އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނީ ކުރިއަށް އޮތް މަސްދުވަސް ތެރޭ ކުޅުދުއްފުށީ އެއާޕޯޓަށް މުވައްޒަފުން ހަމަޖައްސާނެ ކަމަށެވެ. އަދި އެއާޕޯޓުގެ ފެންސް ޖަހައި ސެކިޔުރިޓީ ވަރުގަދަކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް މަސްތެރޭ ނިންމާލެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުންޏެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭ އަޅައި، އެ ރަންވޭ އިފްތިތާހުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި، އެ ރަށަށް ފްލައިޓުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަޑައިގެންނެވެ.

comment ކޮމެންޓް