ސައިރިކްސްގެ އެހީގައި އައްޑޫގައި ޑިނގާ ފާމެއް ގާއިމް ކުރަނީ

ވިއެތްނާމުގައި ގާއިމްކޮށްފައިވާ ޑިނގާ އާލާ ކުރާ ފާމްއެއް --

ތައިލެންޑްގެ އަވަށެއްގައި ކުރިއަށްގެންދާ މޮޑެލް އެއް އަސްލަކަށް ބަލައިގެން އައްޑޫ ސިޓީ ހުޅުމީދޫގައި ޝްރިމްޕް ފާމެއް ނޫނީ ޑިނގާ އާލާ ކުރާ ފާމެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސައިރިކްސް ކޮލެޖުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މި ޕްރޮޖެކްޓަށް ބޭނުންވާ ދިރާސާތައް ކުރުމަށް ތައިލެންޑުގައި މިހާރު ވެސް ޝްރިމްޕް އާލާ ކުރުމުގެ މސައްކަތް ކުރާ ފާމަކުން މި މަހުގެ ތެރޭގައި ރާއްޖެ އަންނަން ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަހުމަދު ޝަރީފް ވިދާޅުވީ ހުޅުމީދޫ ޖަމްއިއްޔާތަކާ ގުޅިގެން ޝްރިމްޕް ފާމު ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުމަށް ތައިލެންޑުގެ މާހިރުންގެ ޓީމެއް މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެެ އަންނާނެ ކަމަށެވެ. މި ދިރާސާގެ ހުރިހާ ހަރަދެއް ކުރާނީ ސައިރިކްސް ކޮލެޖުގެ ސީއެސްއާރުގެ ދަށުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ތައިލެންޑްގެ އަވަށެއްގައި ހިންގާ މިފަދަ ޝްރިމްޕް ފާމްތައް ރާއްޖޭގެ ރަށްރަށުގައި ހައްދާ، ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކަށް އަދި ރެސްޓޯރެންޓުތަކަށް ސަޕްލައި ކުރެވިދާނެ. އޭގެ އިތުރުން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓުވެސް ކުރެވިދާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ޝްރިމްޕް ފާމް ގާއިމް ކުރުމަށް ހުޅުމީދޫގެ ކުޅި ބޭނުން ކުރެވިދާނެ ކަމަށެވެ. ތަޖުރިބާކާރުންގެ ދިރާސާއަށްފަހު އެ މަސައްކަތް އަމަލީގޮތުން ފައްޓަވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ތަޖުރިބާ ކާރުން ރާއްޖެ ވަޑައިގެން ރާއްޖޭގެ ވެއްޔާއި ފެނުގެ ހާލަތު ބަލައި އެ މަސައްކަތް ކުރެވިދާނެތޯ ބައްލަވާނެ ކަމަށާއި ޕްރޮޖެކްޓުގެ އަނެއް ފިޔަވަހި ފަށައިގަންނާނީ އެ މަސައްކަތަށްފަހު ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝްރިމްޕް އަކީ ސީފުޑަށް ލޯބިކުރާ މީހުންގެ މެދުގައި މަގުބޫލު އެއްޗެއް ނަމަވެސް ރާއްޖޭގައި އާންމުކޮށް ޝްރިމްޕް ބޭނުންކުރަނީ ބޭރުން އެތެރެކޮށްގެންނެވެ.

ޝްރިމްޕް ފާމެއް ގާއިމްކޮށް ނަފާ ހޯދުމަށް ދިރާސާ ފަށާފައިވާއިރު ޝަރީފް ވަނީ އެ މަސައްކަތް ކުރާތަން ދައްކައިދޭ ވީޑިއޯތަކެއްވެސް ޓްވިޓާ ގައި ހިއްސާ ކުރައްވައިފަ އެވެ.

comment ކޮމެންޓް