ގިނަ ބަހަނާތަކަށްފަހު، ދަގަނޑޭ ޓީމުގައި ނުހިމެނި ހަގީގީ ސަބަބު ކޯޗު ހާމަކޮށްފި

ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގަރޓްއާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ގައުމީ ޓީމުން ދުރުކޮށްފައި ބެހެއްޓި ސަބަބަކީ އޭނާއަށް ފެނިގެން އަމިއްލައަށް މައާފަށް އެދޭތޯ ބެލުމަށްކަމަށް ޓީމުގެ ކޯޝު ޕީޓާ ސެގާޓް ބުނެފިއެވެ.

މިދިޔަ އަހަރު އޮތް އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަށް ނައުމުން ކުއްލި ގޮތަކަށް ދަގަނޑޭ އަތުން ޓީމުގެ ކެޕްޓަންކަން އަތުލައި، ޓީމުންވެސް އޭނާ ބޭރުކުރީ ޒިންމާދާރުކުރުމަށް ކަމަށް ކޯޗު އޭރު ބުންޏެވެ. އޭރު ކޯޗު ބުނީ ދަގަނޑޭ ޓީމުން ބޭރު ކުރީ އެ މެޗުގެ ސްކޮޑަށް އެކަނި ކަމަށެވެ.

ގައުމީ ކޯޗު ޕީޓަރ ސެގާޓް އަދި މިޑްފީލްޑަރު ނިހާޓް --- ސަން ފޮޓޯ

އެއަށްފަހު ކުޅުނު ސާފް ސުޒުކީ ކަޕުގެ ސްކޮޑުންވެސް ދަގަނޑޭއަށް ޖާގަ ނުދިން އިރު މިއަހަރު ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް މުބާރާތުގައިވެސް ދަގަނޑޭއަށް ފުރުސަތު ދީފައެއް ނުވެއެވެ. އަދި މިފަހުން ވޯލްޑް ކަޕުގެ ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން ވެސް ދަގަނޑޭއަށް ފުރުސަތު ނުދޭން ކޯޗު ނިންމިއެވެ. އޭރު ސަބަބެއް ކަމަށް ކޯޗު ދެއްކީ ދަގަނޑޭގެ އުމުރެވެ.

އެކި ފަހަރުގެ މަތިން އެކި ބަހަނާތައް ކޯޗު ދެއްކި ނަމަވެސް މިއަދު ކޯޗު ވަނީ ދަގަނޑޭ މިވީހާ ދުވަސް ވަންދެން ޓީމުން ބޭރުކުރި އަސްލު ސަބަބު ބަޔާން ކޮށްފައެވެ.

ކޯޗު ބުނީ އެންމެ ފަހުން ގުއާމާ ދެކޮޅަށް ކުޅުނު މެޗުން ޓީމު މޮޅުވުމުން ދަގަނޑޭ އޭނާއަށް ފޯނުން ގުޅާފައި މަރުހަބާ ކީ ކަމަށެވެ. އަދި އެ ކޯލުގައި އޭނާ މައާފަށްވެސް އެދުނު ކަމަށެވެ.

ކޯޗު ބުނީ ދަގަނޑޭގެ އެ ކޯލަކަށް އިންޒާރުކުރާތާ ދޮޅު އަހަރުވި ކަމަށާއި ހުރިހާ ކަމެއް ހައްލުވެ އޭނާ އެނބުރި އައުމުން އުފާވާ ކަމަށާއި ސަބަބަކީ އެއާ އެކު އިތުރު އޮޕްޝަންތަކެއް ލިބުމެވެ. އެކަމަކު އޭނާ ފުރަތަމަ އެގާރައިގައި ކުޅޭނެތޯ ނުވަތަ ކުޅެވޭނެތޯ އެއީ އަދި އެހެން ކަމެއް ކަމަށް ސެގާޓް ބުންޏެވެ.

އޮޅުން އަރާފައި އޮތަސް މި ކަންތައް ވަރަށް ސާފު. ގުއާމް މެޗަށްފަހު އަޝްފާގް އަހަރެންނަށް ގުޅާ މަރުހަބާ ކިޔައި އޭނާއަށް ހެދުނު ގޯހަށް މައާފަށް އެދުނު. އެންމެނަށްވެސް ކުށް ކުރެވޭނެ. އޭނާ (ޓީމުގައި ހިމަނަން) އަހަރެމެންނަށް ބޭނުންވޭ. އޭނާއަކީ ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، އެކަމާ ބަހުސެއް ނެތް،" ސެގާޓް ބުންޏެވެ.

މީގެ އިތުރުން ސެގާޓް ބުނީ އަޝްފާގް ޓީމުގައި ހިމެނުމަކީ ގުއާމް މެޗުގައި ކުޅުންތެރިންގެ ހަކަތަ ވަރަށް ބޮޑަށް ހުސްވުމުން ޗައިނާ މެޗުގެ ސްކޮޑުން އާ ކުޅުންތެރިޔަކަށް ފުރުސަތު ދޭން ޖެހުނު ކަމަށެވެ. އަދި ކުރީ މެޗުގައި ކެޕްޓަން އަކްރަމް އަބްދުލްޢަނީއަށާއި އިތުރު ކުޅުންތެރިންނަށް ކޮންމެސް ވަރަކަށް އަނިޔާވިކަންވެސް ކޯޗު ފާހަގަކުރިއެވެ.

ޗައިނާއާއި ރާއްޖެ ބައްދަލުކުރާ ތާރީހީ މެޗު އޮންނާނީ މާދަމާ ރޭ 9:00 ގައި ގަލޮޅު ދަނޑުގައެވެ.

comment ކޮމެންޓް