ހާލުގައި ޖެހޭ ވިޔަފާރިތަކަށް ސަރުކާރުން އެހީވާނަން: އިކޮނޮމިކް މިނިސްޓަރު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައި ނާރުކަމަށާއި، ވިޔަފާރިތައް ހާލުގައި ޖެހުމުން ފަސޭހަވާނެ ގޮތްތައް ސަރުކާރުން ފަހިކޮށްދޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބްލޭޒަން އިންކުން ދޭ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން ލޯންޗުކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވިޔަފާރިތަކުން ނަގާ ރިސްކުގެ ސަބަބުން އިގްތިސާދަށް އެކަމުގެ ހެޔޮ އަސަރު ކުރާ ކަމަށެވެ.

"ގިނަ ވިޔަފާރިތަކަކީ އަލަށް ފަށައިގެން ފެއިލްވާ ވިޔަފާރިތައް. ކާމިޔާބުވާ ވިޔަފާރިތައް ކާމިޔާބުވުމުން ސަރުކާރަށް އާމްދަނީ މި ލިބެނީ. ވަރަށް ބޮޑަށް އެންކަރޭޖު ކުރަން ބޭނުންވޭ ދިވެހިން ރިސްކު ނެގުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެއް މަސައްކަތަކީ ރިސްކު ނަގަން ހުރި ހުރަސްތައް ނައްތާލުން ކަމަށާއި ވަކިން ޚާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ވިޔަފާރި ފެށުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވިޔަފާރިތައް ހާލުގައި ޖެހުމުން ފަސޭހަވާނެ ގޮތްތައް ސަރުކާރުން ފަހިކޮށްދިނުމަށްޓަކައި ކަމާ ގުޅޭ އިދާރާތަކުގެ އެއްބާރުލުމާއެކު ލުއި ގޮތްތައް ހޯދައިދެމުންދާ ކަމަށާއި، މިއާއެކު ވިޔަފާރިތަކުން ރިސްކު ނެގުމަށް ޖެހިލުން ނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މިއީ އިގްތިސާދު ކުރިއަރާނެ ކަމެއް ކަމަށްވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

"ގިނަ އަދަދެއްގެ ވަޒީފާތައްވެސް އުފެދިފައި މިއޮންނަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން. އެ ވިޔަފާރިތަކުން ދައްކާ ޓެކުހަކީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބަޔެއް،" ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ވިޔަފާރިތައް އިވެލުއޭޓުކުރާނެ ބަޔަކު ބޭނުންވާ ކަމަށާއި، މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ވިޔަފާރިތަކުގެ މަސައްކަތް މިނެ ކިރުމަށް ލިބޭނެ ފުރުސަތެއް ކަމަށެވެ.

ބްލޭޒަން އިންކުގެ ސީއީއޯ ހަސަން އަބްދުﷲ ހިލްމީ ވިދާޅުވީ ބިޒްނަސް އެވޯޑްސް އެކުލަވާލުމުގައި އިކޮނޮމިކް މިނިސްޓްރީގެ ދައުރު ބޮޑު ކަމަށާއި އެވޯޑުގެ ކަންތައް ކުރިއަށްގެންދާނީ މިނިސްޓްރީގެ ލަފަޔާއެކު ކަމަށެވެ.

ޖުމްލަ ފަސް ދާއިރާ އަކުން ބިޒްނަސް އެވޯޑު ދޭނެއެވެ. އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެވޯޑު ބާއްވާނެ ތާރީހު އަދި އިއުލާނެއް ނުކުރެއެވެ.

ފުރަތަމަ މޯލްޑިވްސް ބިޒްނަސް އެވޯޑްސް ބޭއްވި 2018 ވަނަ އަހަރުގައެވެ. އެ އެވޯޑް ހަފްލާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، "ބިޒްނަސް އޮފް ދަ އިޔާ" އެވޯޑު މިދިޔަ އަހަރު ލިބުނީ އެލައިޑް އިންޝުއަރަންސް ކުންފުންޏަށެވެ.

މިއީ މި އެވޯޑު ބާއްވާ ދެވަނަ އަހަރެވެ.

comment ކޮމެންޓް