ވިދާޅުވި ގޮތެއް... ބަނޑަށް ވިއްޔާ ބަނޑަށް

ހަސަން ނޫރައްދީނުއްސާނީ )2( ވެރިކަމަށް އިސްވެވަޑައިގަތުމާ ގުޅިގެން ވޯރާއިން ފަރާތުން އަރުވާ ވެދުން ހިފައިގެން ދިޔަ ވަފުދު:--

ދިވެހި ހަރުބަހެއްގައި އޮންނަނީ "ވިދާޅުވި ގޮތެއް، ބަނޑަށް ވިއްޔާ ބަނޑަށް" މިހެންނެވެ. މި ހަރުބަސް އުފެދިގެން އައި ގޮތާ މެދުގައި އަޅުގަނޑަށް އިވިފައި އޮންނަނީ ދެ ވާހަކައެކެވެ. އެއް ވާހަކަޔަކީ، ކޮންމެވެސް މީހަކު ވެރިޔަކު ހަވާލު ކުރެއްވި މަސައްކަތެއް ކުރުމަށް ޓަކައި "ނުކައި ބަނޑަށް ހުރެގެން މަސައްކަތް ކުރާން ވިދާޅުވިޔަސް އެގޮތަށް ވެސް މަސައްކަތް ކުރާނަމޭ" ދެންނެވުމަށް ޓަކައި ބޭނުން ކުރި އިބާރާތެއް ކަމުގައެވެ. އަނެއް ގޮތަކީ، މި ބަހަކީ ދިވެހި ތާރީޚުގައި މަޝްހޫރު ދުވާފަރު ދަންޑެހެލު ބުނި ބަހެއްގެ ގޮތުގައި އިވޭ ވާހަކައެކެވެ. އެއީ އޭނާ ޣާޒީ ސުލްޠާން މުޙައްމަދު ތަކުރުފާނުގެ އަރިޔަހުގައި ފުރެތިކާލުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި މާލެ އެރި ރޭ، ކޮންމެވެސް މީހަކު ގަތުލު ކޮށްލާން އުޅުނު އުޅުމުގައި، ޚަންޖަރު ޖަހާނީ "ވިދާޅުވި ތަނަކަށޭ، ބަނޑަށޭ ވިދާޅުވެއްޖެ ނަމަ ބަނޑަށޭ" ބުނި ބުނުމެއް ކަމުގައި އޮންނަ ވާހަކައެވެ.

މި ދެ ވާހަކައިގެ ތެރެއިން ސައްހައީ ކޮން ވާހަކައެއް ކަމެއް، ނުވަތަ އެއްވެސް ވާހަކައެއް ސައްހަ ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެ ދިރާސާއެއް ނުވެސް ކުރަމެވެ. ސަބަބަކީ މި ފަހަރު ލިޔާން މި އުޅެނީ އެ ހަރުބަސް އުފެދިގެން އައި ގޮތުގެ ވާހަކައިގެ ބަދަލުގައި، އޭގައި އެބުނާ އެއްޗެއްގެ މާނަޔާ ގުޅުން ހުރި ވާހަކަޔަކަށް ވެފައި، މާނަ ވަރަށް ސާފު ކަމަށް ވާތީއެވެ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި "ވިދާޅުވި ގޮތެއް، ބަނޑަށް ވިއްޔާ ބަނޑަށް" މި މުހާވަރާ ބޭނުން ކުރާ މައިގަނޑު އެއް ހާލަތަކީ، ތިމާޔަށް އަންނަ އަމުރެއްގެ ރަނގަޅު ނުރަނގަޅު، ޖާއިޒު ނާޖާއިޒު، ގޯސް ނުގޯސް ބެލުމެއް ނެތި، ވިދާޅުވި ގޮތަކަށް ކަންތައްތައް ކުރާން ހުރިކަން އަންގައިދިނުމުގެ ހާލަތެވެ.

ދިވެހި ތާރީޚުގެ ހާދިސާއެއް ހަނދާނަށް ގެންނަމާތޯއެވެ.

ދަންނަވާން މިއުޅޭ ވާހަކަޔަކީ ވޯރާ ވިޔަފާރިވެރީން ދިވެހިރާއްޖެއިން ބޭރު ކޮށްލެއްވުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރެވުނު ދުވަސްވަރުގެ ވާހަކައެކެވެ. މީލާދީން 1957 ވަނަ އަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަހު އޮތް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި، ހެންވޭރު މެންބަރު އަލްފާޟިލް ޢަލީ އަޙުމަދު މައްސަލައެއް ހުށައެޅުއްވިއެވެ. އެ މައްސަލަޔަކީ އެއިރު މާލޭގައި ވިޔަފާރި ކުރަމުން ގެންދިޔަ ބިދޭސީންގެ ތެރެއިން އެކްސްޕޯޓް އިމްޕޯޓް ލައިސަންސް ނެތް ކޮންމެ ވިޔަފާރިވެރިޔަކު، ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރު ކުރައްވައި ފޮނުއްވައިލެއްވުމަށް ދައުލަތަށް ލާޒިމު ކުރުމުގެ ހުށައެޅުއްވުމެވެ. މަޖިލިހުގެ ޔައުމިއްޔާއިން އެނގޭގޮތުގައި، އެ ހުށައެޅުމަށް ތާއީދު ކުރައްވައި އައްނަބީލު އިބްރާހީމް ޙަސަންދީދީ އާއި، އަލްފާޟިލް ވެލާނާގޭ އިބްރާހީމް ނާޞިރާއި، އަލްފާޟިލް އިބްރާހީމް ޝިހާބާއި، އައްނަބީލު މުޙައްމަދު ޢިމާދުއްދީނާއި، އަލްފާޟިލް ފިހާރަ ދޮންތުއްތު ވާހަކަ ދެއްކެވިއެވެ. އެޖަލްސާގައި މަޖިލިހުގެ އެއްވެސް މެންބަރަކު އެ ހުށައެޅުމާ ދެކޮޅަށް ވާހަކައެއް ނުދައްކަވައެވެ. ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ހުށައެޅުން ފާސް ވީއެވެ. މަޖިލިހުގެ 38 މެންބަރުންގެ ތެރެއިން 34 މެންބަރުންގެ ތަނަވަސް އަޣުލަބިއްޔަތުންނެވެ.

މި ނިންމުމެއް ފާސް ކުރެވުނުތާ ދުވަސްކޮޅެއްގެ ފަހުން ރައްޔިތުންގެ މަޖިލިހަށް ހުށައެޅުނު މައްސަލަޔަކީ ގ. މެންބަރު ސާހިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ހުށައެޅުއްވި މައްސަލައެކެވެ. އެއިރު އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރެވެ. އަދި ބޮޑުވަޒީރު ވެސް މެއެވެ. ސުލްޠާން މުޙައްމަދު ފަރީދުލްއައްވަލް ތަޚުތުގައި އިންނެވިޔެއްކަމަކު، ގައުމުގެ ހުރިހާ ކަމެއްގެ މުގޫ އެ ބޭފުޅެއްގެ އަތްޕުޅުގައި އޮތް، ގައުމުގެ އެންމެ ބޮޑު ވެރިޔާއެވެ. އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ހުށައެޅުއްވި މައްސަލަ ހުށައަޅުއްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ބަލާ ގޮތުގައި އެ ބިލަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ފާސް ކުރާން ހެޔޮވެސް ނުވާފަދަ ބިލެކެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ގެންދާންވީ މަގުތަކުން ގެންދިޔުމުގެ މަސްއޫލިއްޔަތު އެޅިފައި ވަނީ އަޅުގަނޑުގެ ބޮލުގައެވެ. އަޅުގަނޑާ ވެސް މަޝްވަރާއެއް ކުރެއްވުމަކާ ނުލައި މި ބާވަތުގެ އެއްޗެއް ފާސް ކުރުމުގެ މާނަޔަކީ ކޮބައިތޯއެވެ؟ މިފަދަ އެއްޗެއް އަޅުގަނޑުގެ ލަފައެއް ނެތި ފާސް ކުރުމުގެ މާނަޔަކީ ދުނިޔޭގެ ހަމައިން ބަލާނަމަ އަޅުގަނޑު ޚާރިޖީ ސިޔާސަތު ގެންދާގޮތް މަޖިލިހަށް ގަބޫލު ނުކުރެއްވުމެވެ. އެހެން ތަނެއްގައި ނަމަ ވަގުތުން އަޅުގަނޑަށް ޖެހޭނީ އިސްތިއުފާ ދޭށެވެ." މި މޭރުމުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ދެއްކެވި ވާހަކަފުޅުގައި، ވޯރާ ވިޔަފާރިވެރީން ރާއްޖެއިން ބޭރު ކޮށްލުމަށް ނިންމި ނިންމުމާ ގުޅޭ ގޮތުން އެމީހުން އެމަނިކުފާނުގެ އަރިޔަހަށް ޝަކުވާ ހުށައެޅި ވާހަކަ ވެސް ވިދާޅުވިއެވެ. އިތުރު ވާހަކަތައް ވެސް ދެއްކެވިއެވެ.

ބޮޑުވަޒީރުގެ ވާހަކަފުޅުގައި "އެ ބިލޭ" އެ ވިދާޅުވަނީ އެކްސްޕޯޓް އިމްޕޯޓް ލައިސަންސް ނެތް ބިދޭސީ ވިޔަފާރިވެރީން ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރު ކުރުމަށް ފާސް ކުރެވުނު ބިލުގެ ވާހަކައެވެ. މާރިޗު،30، 1957ގައި، މަޖިލިހުގެ 38 މެންބަރުންގެ ތެރެއިން 34 މެންބަރުންގެ އާނ ވޯޓުން ފާސް ކުރެއްވި ކުރެއްވުމުގެ ވާހަކައެވެ. އެ ނިންމެވުމާ މެދު ބޮޑުވަޒީރު ރުހިވަޑައިނުގަތީއެވެ.

ޚާރިޖީ ވަޒީރު އަދި ބޮޑުވަޒީރުގެ ނުރުހުން އެއްކަލަ ނިންމުމަށް އަމާޒު ވުމުން، ދެން ފެނިގެން ދިޔައީ މުޅީން ތަފާތު މަންޒަރެކެވެ. އެ ނިންމުމަށް ތާއީދު ކުރެއްވި އައްނަބީލު އިބްރާހީމް ޙަސަންދީދީ، ކުރީން ދެއްކެވި ވާހަކަފުޅު އެކޮޅުކޮޅުން ޖައްސަވައި، ބޮޑުވަޒީރުގެ ވާހަކަފުޅަށް ތާއީދު ކުރެއްވިއެވެ. ކުރީން އެ ނިންމުމަށް ޖޯޝާ އެކު ވަކާލާތު ކުރެއްވި އިބްރާހީމް ޝިހާބު ވެސް، ކުރީގެ ނިންމުން ދިފާއު ކުރެއްވުމުގެ ބަސްތަކެއް ވިދާޅުވެފައިމެ، ބޮޑުވަޒީރުގެ ހުށައެޅުއްވުން ގަބޫލު ކުރައްވާނެ ވާހަކަ ވިދާޅުވިއެވެ. ރަދުންގެ މެންބަރު ސާހިބުއްސައާދާ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީ ވިދާޅުވިއެވެ. "މަޙްކަމަތުލް ޚާރިޖިއްޔާގެ ވެރިޔާ ދެއްކެވި ވާހަކަފުޅަށް ވިސްނާ އިރު، އަޅުގަނޑު މިހުރީ ވަރަށް ވެސް ބިރުންނެވެ. އެގޮތަކީ އެމަނިކުފާނު އިސްތިއުފާ ދެއްވައިފިނަމަ ދެން އަޅުގަނޑުމެން ވަރަށް ބޮޑަށް ހައިރާންވާން ޖެހޭނެއެވެ. މީގެ ކުރީންވެސް ބިލު ބާތިލު ކޮށްފައި އެބަހުއްޓެވެ. އަޅުގަނޑުމެން ބަލަންވީ އެންމެ މަސްލަހަތު ހުރި ގޮތަކަށް މި މައްސަލަ ނިންމޭނެ ގޮތެކެވެ."

ކޮންމެއަކަސް، އިތުރު ބަހުސްތަކެއް ނުކުރެވި، ޝައިޚް ރުޝްދީގެ ވާހަކަފުޅަށް ފަހު ވޯޓަށް ހުށައެޅި، ވޯޓު ނެގުނީއެވެ. މަޖިލިހުގައި ހާޒިރު ވެތިއްބެވި 38 މެންބަރުން ނިންމެވީ ބޮޑުވަޒީރު ހުށައެޅުއްވި ހުށައެޅުއްވުމާ އެއްގޮތަށް، އެއްކަލަ ބިލު ބާތިލު ކުރުމަށެވެ. ވިދާޅުވި ގޮތަށެވެ. ބާތިލޭ ވިދާޅުވީތީ ބާތިލެވެ. ބަނޑަށޭ ވިދާޅުވިނަމަ ބަނޑަށް، ބުރިކަށްޓަށޭ ވިދާޅުވިނަމަ ބުރިކަށްޓަށް އުސޫލުންނެވެ. ބައެއް ފަހަރުފަހަރު ނަމަވެސް، ހަރުދަނާ ގޮތެއްގައި، ތެދުވެރި ގޮތެއްގައި، އިޚްލާސްތެރި ގޮތެއްގައި، ބުއްދިޔާއި ޒަމީރާއި ހަމަތަކާއި އުސޫލުތަކަށް ތެދުވެރި ނުވެވިއްޖެ ނަމަ ވާނީ މިހެންނެވެ. ވޯރާ ވިޔަފާރިވެރީންގެ އަތުން ދިވެހި ގައުމުގެ ވިޔަފާރިޔާއި އިގުތިސާދު މިނިވަން ކުރުމަށް ކުރެވުނު އެއް މަސައްކަތް ފޭލި ވެގެން ދިޔައީ މި ގޮތުންނެވެ.

ތާރީޚުން ފިލާވަޅު ލިބިނުގަންނަ ބަޔަކު އަބަދުވެސް ތިބޭނީ ތާރީޚުގެ ގޯސް އަލުން ތަކުރާރު ކުރުމުގެ އަނދިރި މަގުގައެވެ.

comment ކޮމެންޓް