ހޮންކޮންގެ މުޒާހަރާތަކާ ގުޅިގެން ފަތުރުވެރިކަން 40 ޕަސެންޓު ދަށަށް

ހޮންކޮންގެ މުޒާހަރާތަކާ ގުޅިގެން މިދިޔަ މަހު ދެ ދުވަހަށް އެއާޕޯޓު ބަންދު ކުރަން ޖެހުނު -- ފޮޓޯ: ގެޓީ

ހޮންކޮން (ސެޕްޓެމްބަރު 9): ހޮންކޮންގެ މުޒާހަރާތަކާ ގުޅިގެން މިދިޔަ މަހު އެސިޓީއަށް ދިޔަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ އެވެ.

ހޮންކޮންގެ ފައިނޭންޝަލް ސެކްރެޓަރީ ޕޯލް ޗަންގެ ބްލޮގް ޕޯސްޓެއްގައިވާ ގޮތުން މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅާ ބަލާ އިރު މިއަހަރުގެ އޮގަސްޓު މަހު އެސިޓީއަށް ދިޔަ ފަތުރުވެރިންގެ އަދަދު ވަނީ 40 ޕަސެންޓު ދަށްވެފަ އެވެ. އަދި ހޮންކޮންގެ ބައެއް ސަރަހައްދުތަކުގައި ހޮޓެލް އޮކިއުޕެންސީ ރޭޓު ދެބައިކުޅަ އެއްބަޔަށް ވެއްޓިފައިވާ ކަމަށާއި އޭގެ އަސަރު ރީޓެއިލް އާއި ކޭޓަރިން އިންޑަސްޓްރީއަށްވެސް ކޮށްފައިވާ ކަމަށް ޗަން ވިދާޅުވި އެވެ.

މިދިޔަ އަހަރު ހޮންކޮން ވަނީ މުޅި ދުނިޔެއިންވެސް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރި ސިޓީތަކުގެ ތެރޭގައި ހިމެނިފަ އެވެ. އެ އަހަރު ހޮންކޮންއަށް ދިޔަ ފަތުރުވެރިންގެ އަދަދު 30 މިލިއަނަށް އެރި އެވެ.

ހޮންކޮންގައި މިދިޔަ އޭޕްރިލް މަހު ސިލްސިލާ މުޒާހަރާތައް ފެށީ ސަރުކާރުން ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި "ކުށްވެރިން ބަދަލު ކުރުމާ ބެހޭ ބިލާ" ގުޅިގެންނެވެ. އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ބުނި ގޮތުގައި ބިލު ފާސްކޮށްފި ނަމަ އެސިޓީގައި ތިބޭ ކުށުގެ ތުހުމަތު ކުރެވޭ މީހުން ޗައިނާއާ ހަވާލު ކުރެވޭނެ އެވެ. އަދި ޗައިނާއިން އެގައުމަށް ފާޑު ކިޔާ ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް އެގާނޫނު ބޭނުންކޮށްފާނެ އެވެ.

އެމުޒާހަރާތަކުގައި ބައިވެރިވާ މީހުންނާއި ފުލުހުންނާ ދެމެދު ބައެއް ފަހަރު ކުރިމަތިލުންތައް ހިނގައި، ގިނަ އަދަދެއްގެ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި މިދިޔަ މަހު ހޮންކޮން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި މުޒާހަރާއެއްގެ ސަބަބުން އެ އެއާޕޯޓުގެ މަސައްކަތް ދެ ދުވަހަށް ހުއްޓާލަން ޖެހުނެވެ.

އޭގެ ސަބަބުން މިދިޔަ ހަފްތާގައި ހޮންކޮންގެ ލީޑަރު ކެރީ ލާމް ވަނީ ބިލު އަނބުރާ ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އެކަމަނާ އެގޮތަށް ނިންމެވީ މާ ލަހުން ކަމަށް ވިދާޅުވެފަ އެވެ.

އެމުޒާހަރާ ކުރާ ފަރާތްތަކުން ގޮވާލާ ކަންތައްތަކުގެ ތެރޭގައި ބިލް އަނބުރާ ގެންދިޔުމަށާއި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލު ކުރަމުންދާ ގޮތް ތަހުގީގު ކުރުމަށް ކޮމިޝަނެއް އެކުލަވާލުމަށާއި ހައްޔަރުކޮށްފައިވާ މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށާއި މުޒާހަރާއަކީ "ހަމަނުޖެހުން ހިންގުން ކަމަށް" ލާމް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދިޔުން ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް