ވެލާނާ އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފަކު މީހަކަށް ހަމަލާދިން މައްސަލަ ބަލަން އެ ކުންފުނިން ނިންމައިފި އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފަކު މީހަކަށް ހަމަލާދިން މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކުންފުނިން ބަލަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއެއް ފެންނަ ގޮތުގައި އެ ހާދިސާ ހިނގައިފައި ވަނީ އެއާޕޯޓްސް ކާގޯ ސާވިސް އޭރިއާގެ ތެރޭގަ އެވެ.
އެ ހާދިސާގައި އެމްއޭސީއެލްގެ މުވައްޒަފަކު ޖަހާފައި ވަނީ ބިދޭސީއެއްގެ ގައިގަ އެވެ. ނަމަވެސް މުވައްޒަފު ބިދޭސީ މީހާ އަށް ހަމަލާދިނީ ކީއްވެކަމެއް ނޭނގެ އެވެ.
"ކަލެއަކަށް އަހަރެންގެ ގައިގައި ނުޖެހޭނެ" ޔޭ ބުނެ ހަމަލާދޭ މަންޒަރު ވަރަށް ރީއްޗަށް ވީޑިއޯއިން ފެނެ އެވެ. އަދި ޖެހުމަށް ފަހު ހަޑިހުތުރު ބަހުން މުހާތަބު ވެސް ކުރެ އެވެ.
ބިދޭސީ މީހާގެ ގައިގައި ޖެހި މީހާ ހުއްޓުވަން އެމްއޭސީއެލްގެ އެހެން މުވައްޒަފުން އުޅޭތަން ވެސް ވީޑިއޯގައި ފެނެ އެވެ.