ލަންކާގެ ބޮޑުވަޒީރު ވިކްރަމަސިންހަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ރިޔާސި އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ޕާޓީ ލީޑަރުން ގާތުގައި ވިދާޅުވެފަ --

ކޮލަމްބޯ (ސެޕްޓެމްބަރު 8): ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ލަންކާގެ ޑެއިލީ މިރާގައިވާ ގޮތުން ވިކްރަމަސިންހަ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވީ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރުންގެ ބައްދަލުވުމެއްގައެވެ.

"އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވާދަކުރާނަން. އަޅުގަނޑަކީ ޕާޓީ ލީޑަރު. ވީމާ [އިންތިހާބުގައި ވާދަ ކުރުމުގެ] ހައްގު ލިބިގެންވޭ. އަދި އަޅުގަނޑުގެ ނަން ޕާޓީގެ ވޯކިން ކޮމިޝަނަށް ހުށަހަޅާނަން،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ވިކްރަމަސިންހަ އެފަދައިން ވިދާޅުވުމުގެ ކުރިން ޔޫއެންޕީގެ ޑެޕިއުޓީ ލީޑަރު ސަޖިތު ޕްރޭމަދާސަވެސް ވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅު ކުރައްވައި، ގިނަ ބަޔެއްގެ ތާއިދު ހޯއްދަވާފައެވެ. އެހެންކަމުން އެޕާޓީން ވަނީ ރައީސްކަމަށް ވާދަ ކުރައްވާނީ ކޮން ބޭފުޅެއްކަން ނިންމާނީ ޕާޓީގެ މެމްބަރުން ބޭނުންވާ ގޮތެއްގެ މަތިން ކަމަށް ބުނެފައެވެ.

ރަނިލް، 1999 އަދި 2005 ގައި ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއެވެ. ނަމަވެސް ދެ އިންތިހާބުންވެސް ކުރިމަތިވީ ނާކާމިޔާބީއެވެ.

ލަންކާގެ ރިޔާސީ އިންތިހާބު އަންނަ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދޭތެރޭ ބާއްވަން ޖެހޭނެއެވެ. އަދި އަންނަ ޖެނުއަރީ މަހުގެ ނުވައެއްގައި މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ދައުރު ނިމޭނެއެވެ.

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ސިރިސޭނާ އިއުލާން ކުރައްވާފައި ނުވެއެވެ.

ނަމަވެސް ލަންކާގެ މައި އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް މިހާރު ވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ އައްޔަނުކޮށްފައެވެ.

މީގެ އިތުރުން ސްރީލަންކާގެ ކޮމިއުނިސްޓް ޕާޓީ، ޖަނަތާ ވިމުކްތީ ޕެރަމޫނަ (ޖޭވީޕީ)ގެ ލީޑަރު އަދި ޕާލަމެންޓް މެމްބަެރު އަނޫރަ ކުމާރަ ޑިސާނާޔަކަވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން ވަނީ އިއުލާނުކޮށްފައެވެ.

comment ކޮމެންޓް