ގައުމީ އެއާލައިން މޯލްޑިވިއަން އިން މާލެ އާއި އިންޑިއާގެ ކޮޗިން އާ ދޭތެރޭ ސީދާ ދަތުރުތައް ފަށާއިރު، ދެކޮޅު ޓިކެޓުގެ އަގު އުޅޭނީ 150 ޑޮލަރު (2313 ރުފިޔާ) ގައި ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.
މޯލްޑިވިއަން އިން ބުނީ ކޮޗިން އާ ދޭތެރޭ ވައިގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މާލެ-ކޮޗިން ގެ އިތުރުން މޯލްޑިވިއަން އިން ވަނީ ހަނިމާދު އާއި ކޮޗިން އާ ދޭތެރޭ ވެސް ދަތުރުތައް ފެށުމަށް ތައްޔާރުވެފައެވެ. ހަނިމާދުއިން ކޮޗިން އަށް ދެކޮޅު ޓިކެޓު އުޅެނީ 199 ޑޮލަރު (3069 ރުފިޔާ) ގައެވެ.
ކޮޗިން-ހަނިމާދޫ ދަތުރުތައް ވެސް ފަށާނީ އޮކްޓޫބަރު 27 ގައެވެ.
ކޮޗިން އާއި މާލެއާ ދޭތެރޭ އަދި ކޮޗިން އާއި ހަނިމާދުއާ ދޭތެރޭ ވެސް ހަފްތާއަކު ތިން ފްލައިޓް ބާއްވަން ވަނީ ނިންމައިފައެވެ.
އިންޑިއާއަކީ މިހާރު ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހާ ހަމަޔަށް ރާއްޖެ އައި ޓޫރިސްޓުންގެ 8.4 ޕަސެންޓް އިންޑިއާއިން އައިއިރު، 11،035 ޓޫރިސްޓަކު ވަނީ އިންޑިއާއިން ރާއްޖެ އައިސްފަ އެވެ. އެއީ 93.8 ޕަސެންޓް ކުރިއެރުމެކެވެ.
މޯލްޑިވިއަން އިން މީގެ ކުރިން ބުނެފައި ވަނީ ކޮޗިން އާ ހަނިމާދޫއާ ދޭތެރޭ ސީދާ ދަތުރުތައް ފެށުމުން، އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
އަދި ތިން މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ހިފާފައިވާ އަމާޒު ވާސިލް ވުމަށް ގައުމީ އެއާލައިންއަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށާއި ޓޫރިސްޓުން ގެނެވެން ހުރި އެހެން ޑެސްޑިނޭޝަންތަކަށް ދަތުރުތައް ކުރުމަށް ވިސްނާ ކަމަށް މޯލްޑިވިއަން އިން ވަނީ ހާމަކޮށްފަ އެވެ.