ކެލަރީ ކައުންޓާގެ ހިތި ތަޖުރިބާ: ދިވެހިން ބޭނުންވަނީ ހުސް ޖަންކް ފުޑް

ކެލޮރީ ކައުންޓާ ރެސްޓޯރެންޓް--- ފޮޓޯ: އެކްސްޕެޓްރީޒް. ކޮމް

ސްރީލަންކާގެ ފްރެންޗައިސް ރެސްޓޯރެންޓެއް ކަމަށްވާ ކެލޮރީ ކައުންޓާ ރާއްޖެއަށް މިސްރާބު ޖެހުމާއެކު ރާއްޖޭގެ ފްރެންޗައިޒް ބްރޭންޑްތަކުގެ ލިސްޓަށް އިތުރު މުއްސަނދިކަމެއް ގެނެސްދިންހެން ހީވި އެވެ. ކޭއެފްސީއާއި ޗިކިންގް ފަދަ ފްރެންޗައިޒް ބްރޭންޑްތައް ފުލުފުލުގައި ރާއްޖެއަށް މަރުހަބާ ކީއިރު ކެލަރީ ކައުންޓާ ވެގެން ދިޔައީ މުޅިން ތަފާތު ކޮންސެޕްޓެއްގެ ރެސްޓޯރެންޓަކަށެވެ.

ނަމުން ވެސް ބުނާހެން ކެލަރީ ކައުންޓާއަކީ ސިއްހީ ދުޅަހެޔޮކަމަށް އިސްކަންދީގެން ކާތަކެތި ތައްޔާރުކުރި ރެސްޓޯރެންޓެކެވެ. ނަމަވެސް މިއަދު އެ ރެސްޓޯރެންޓްގެ އަޑެއް ނީވެ އެެވެ. ބޮޑެތި އުއްމީދުތަކާއެކު، ދިވެހީންގެ ކެއުން ބުއިމުގެ ވައްޓަފާޅި ބަދަލުކޮށްލަން އަމާޒު ހިފި ރެސްޓޯރަންޓް ބަންދުކުރިތާ މިހާރު ހަތަރު މަސް ވެއްޖެއެވެ.

ކެލަރީ ކައުންޓާގެ ޑިރެކްޓަރު އިންފާޒް ފާއިޒްގެ ނަޒަރުގައި އެފަދަ ރެސްޓޯރެންޓެއް ހުޅުވައިގެން އޭނާ ކުރީ ހިތި ތަޖުރިބާއެކެވެ. ވަރަށް އުންމީދާއެކު އޭނާ ފެށި ވިޔަފާރި ދިޔައީ ހަމަ ޗޮކުންނެވެ.

ކކެލޮރީ ކައުންޓާ ރެސްޓޯރެންޓް--- ފޮޓޯ: އެކްސްޕެޓްރީޒް. ކޮމް

"އަޅުގަނޑުމެން ރެސްޓޯރެންޓް ފަށައިގަތްއިރު ވަރަށް ރަނގަޅު ރިވިއުސްވެސް ލިބުނު. ހަމަ ތިބި ވަރަށް ލޯޔަލް ކަސްޓަމަރުންވެސް. އެހެންނަަމަވެސް މަޑުމަޑުން ފެނިގެން ދިޔައީ ވިޔަފާރި އަޑިއަޅާލަމުން ދިޔަތަން. އަޅުގަނޑަކަށްވެސް އޭރު ނުވިސްނުނު ކީއްވެގެންކަމެއް އެހެންވާން ޖެހުނީ،" އިންފާޒް ވިދާޅުވި އެވެ.

ކެލަރީ ކައުންޓާ ފައިލްވީ ކީއްވެ؟

ކެލަރީ ކައުންޓާ ރެސްޓޯރެންޓް ރާއްޖޭގައި ފަށައިގަތީ 2.5 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓަކާއެކު އެވެ. ރާއްޖޭގައި ހުޅުވި ހަމައެކަނި "ހެލްތީ ފުޑް" ރެސްޓޯރެންޓް މާކެޓްކުރުމަށް އިންފާޒް ނުކުރާ ކަމެއް ނެތެވެ. ކެލަރީ ކައުންޓާ ޕްރޮމޯޓު ކުރުމަށްޓަކައި ރާއްޖޭގެ ޑޮކްޓަރުންނާއި އަދި ޖިމަށްދާ މީހުންނަށް އަމާޒުކޮށް މާކެޓުކުރުމަށްވެސް ބޮޑެތި މަސަައްކަތްތަކެއްް ކުރި އެވެ.

ކެލޮރޯ ކައުންޓާ ރާއްޖޭގައި ފެއިލްވުމުގައި ތަފާތު ސަބަބުތަކެއް އެބަހުއްޓެއްޓެވެ. އެކަން އިންފާޒްވެސް މިހާރު ގަބޫލުކުރެ އެވެ. ފުރަތަމަ ކަމަކަށް އޭނާ ފާހަގަކުރީ ދިވެހިންނަށް ރެސްޓޯރެންޓްގެ ކޮންސެޕްޓް ގަޔާނުވުމެވެ. ފާސްޓްފުޑާއި ހަކުރާއި ތެޔޮ ހުންނަ ކާއެއްޗެހީގެ މީރު ރަހައިން "އޯގެނިކް" ކާނާގެ ރަހަތަކަށް މިސްރާބުޖަހަން ދިވެހިންނަށް ހަމަ އުނދަގުލީ އެވެ.

"ގިނަ މީހުން އަދިވެސް އިސްކަން ދެނީ ހަމަ ރަހައަށް. ކޮންމެހެން އެއީ ސިއްހަތަށް ފައިދާހުރި ކާނާއަަކަށް ވާކަށް ނުޖެހޭ. ފައިދާ ހުރި ކާނާ އޭ ބުނީމަ ހިތަށް އަރަނީ ހަމަ މީރެއްވެސް ނުވާނެޔޭ. ހުދު އަޅުގަނޑަށްވެސް ވަނީ ހަމަ އެހެން. އަޅުގަނޑުގެ އަމިއްލަ ރެސްޓޯރެންޓު ހުންނައިރުވެސް އަޅުގަނޑަށްވެސް ބެލެނީ ބޭރުން ރަހަމީރު އެއްޗެއް ކެވޭތޯ. އަޅުގަނޑު މިހެން ދަންނަވާއިރު އަޅުގަނޑުގެ ކޮލެސްޓްރޯލްވެސް ހުރޭ،" އިންފާޒް ވިދާޅުވި އެވެ.

ނަމަވެސް ކެލަރީ ކައުންޓާގެ ކާނާގެ ރަހަތައް ވަކި މީރުކަން ކުޑަ ނުވާނެކަމަށް އިންފާޒް ވިދާޅުވި އެވެ.

ކަސްޓަމަރުންގެ ރަހަ "ހެޔޮވަރު" ނުކޮށްދެވުނުއިރު އެ ރެސްޓޯރެންޓް ހިންގުމުގައިވެސް އިންފާޒަށް ދިޔައީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ. އެގޮތުން އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ކާނާ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއިން ނުލިބުމެވެ. ބޭރުން "އޯގޭނިކް" ކާނާ ގަނެ އެތެރެކުރުން ވެގެން ދިޔައީ ހަރަދު ބޮޑު ތަކުލީފަކަށެވެ. އޭގެ އަސަރު އެ ރެސްޓޯރެންޓްގެ މެނޫތަކުންވެސް ފެނުނެވެ. އެހެން ރެސްޓޯރެންޓްގެ އަގުަތަކަށްވުރެ ކެލޮރީ ކައުންޓާގެ ކާތަކެތީގެ އަގު ތަންކޮޅެއް ބޮޑެވެ.

ކެލޮރީ ކައުންޓާގެ ކާނާ---ފޮޓޯ: އެކްސްޕެޓްރީޒް. ކޮމް

"އަޅުގަނޑުމެން ކަސްޓަމަރުންނަށް ބޮޑަށް ދެމުން ދިޔައީ ޕްރޮޓީން އެކުލެވޭ ކާނާ. އޭގެ ތެރޭގައި ޗިކަން ބްރެސްޓް، ކުކުޅު ފައި. ރަނގަޅު ވައްތަރުގެ ފެޓް ބީފް، ސެލްމަން، ޓާކީ، ދެން ކާބްސް ވަރަށް މަދުން އެކުލެވޭ ކިނޯއާ ފަދަ ކާއެއްޗެތި ހުންނާނީ. ބްރައުންބްރެޑް ހުންނާނީ އަމިއްލައަށް ތައްޔާރުކޮށްފަ. ރާއްޖޭގެ ބްރައުން ބްރެޑް ހުންނަނީ އެންމެ 20 ޕަސެންޓް ބްރައުން،" އިންފާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުކުރަން އެއްވެސް ކަހަލަ އާޓިފިޝަލް އިންގްރީޑިއަންޓްއެއްވެސް. ތެލާއި ބަޓަރު ފަދަ އެއްޗެހިވެސް ބޭނުމެއް ނުކުރަން. އެހެންވެ އަގު ތަންކޮޅެއް ބޮޑީ. އަގު އާންމުކޮށް އުޅޭނީ 90- 140 އާ ދެމެދު،"

ކެލަރީ ކައުންޓާ އަދި ރާއްޖެ މާކެޓަކަށް ތައްޔާރެއް ނޫން

އިންފާޒްގެ ހިިތި ތަޖުރިބާއިން އޭނާ އެންމެ ބޮޑަށް ފާހަގަވީ ކެލަރީ ކައުންޓާފަދަ ރެސްޓޯރެންޓެއް އަދި ރާއްޖޭގެ މާކެޓްއަށް ތައްތާރުނޫން ކަމެވެ. އޭނާ ވިދާޅުވާ ގޮތުންނަމަ "ހެލްތީ ފުޑް ކޮންސެޕްޓް" އަކީ އަދިވެސް ރާއްޖެއަށް ބީރައްޓެރި ކޮންސެޕްޓެކެވެ. އަދި ރާއްޖެ ހިމެނޭ ސަރަހައްދުގެ އެހެން ގައުމުތަކުގެ ވިސްނުން ހުރީ އެއްގޮތަކަށްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސްރީލަންކާގެވެސް ކެލަރީ ކައުންޓާގެ ދެ ތަން އިންނައިރު ބޮޑަށް ހިނގަނީ އެންމެ ތަނެއް. އެ ތަނަކީ ބޮޑަށް އޮސްޓްރޭލިޔާ، ސިންގަޕޫރު ފަދަ ގައުމުތަކުގެ ޓޫރިސްޓުން ޒިޔާރަތްކުރާ އައުޓްލެޓެއް. އެ ގައުމުތަކުގެ މީހުން އާންމުކޮށް މި ސިއްހަތާމެދު ބޮޑަށް ވިސްނަނީ." އިންފާޒް ވިދާޅުވި އެވެ.

ކެލޮރީ ކައުންޓާ ރެސްޓޯރެންޓް--- ފޮޓޯ: އެކްސްޕެޓްރީޒް. ކޮމް

އިންފާޒް ވިދާޅުވީ ކެލޮރީ ކައުންޓާގެ އެންމެ ފަހު ދުވަސްވަރު އެ ރެސްޓޯރެންޓްގެ މަދު "ލޯޔަލް" ކަސްޓަމަރުންތަކެއް ތިބި ކަމަށެވެ. އޭގެ ތެރޭގައި ގިނައިން ދިވެހިން ހިމެނޭއިރު އެކިއެކި މީލް ޕްލޭންސްތައް ހަދައިގެން ކާންބޭނުންވި މީހުން ހިމެނެ އެވެ. އަދި ޓްރިޕް އެޑްވައިޒާ ފަދަ ސައިޓްތަކުން ފެނިގެން މަދު އަދަދެއްގެ ޓުއަރިސްޓުންތަކެއް އެތަނަށް ޒިޔާރަތް ކުރި ކަމަށްވެސް އިންފާޒް ފާހަގަކުރެއްވި އެވެ.

އިންޒާރުގެ ރަނގަބީލެއް؟

ރާއްޖޭގައި ހުޅުވި ހަމައެކަނި ހެލްތީ ފުޑް ރެސްޓޯރެންޓް ފެއިލްވިޔަސް ފާސްޓް ފުޑް ރެސްޓޯރެންޓްތައް މިހާރު ވަނީ ވައިގައި ހިފާފަ އެވެ. އެފަދަ ރެސްޓޯރެންޓްތަކުގެ އަގުތައް ވަކި ކުޑައެއްވެސް ނޫނެވެ. ނަމަވެސް އެތަންތަނުން ލިބޭ ތައްޔާރީ ކާނާއާ މެދު ފާރަވެރިވާންޖެހެ އެވެ. އެފަދަ ކާނާއަކީ ހަށިގަނޑަށް އެންމެ ރަނގަޅު ކާނާތޯ ވިސްނާލަން ޖެހެ އެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގޭ ސީނިއާ ލެކްޗަރާ އަދި ނިއުޓްރިޝަނިސްޓް އާއިޝަތު ޝާހިން އިސްމާއިލް "ސަން" އަށް ވިދާޅުވީ ސިއްހަތަށް ފައިދާހުރި ކާނާއަށް ގިނަ ދިވެހިން އިސްކަން ނުދޭ ކަމަށެވެ. އަދި އެހެން ދިމާވަނީ ބޮޑަށް ޒަމާނާއެކު ފަސޭހައިން ކެވޭ ކަހަލަ ތައްޔާރީ ކާއެއްޗެއްސަށް އިސްކަން ދެވޭތީކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑައިބެޓިކްސް އަދި ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް ރާއްޖޭގައި އިތުރުވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަމުގައިވެސް "ޖަންކްފުޑް" ދައުރެއް އަދާ ކުރާ ކަމަށެވެ. އަދި ސިއްހަތަށް ފައިދާހުރި ކާނާއާ މެދު މީހުން ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަންވެސް ޝާހީން ފާހަގަކުރެއްވި އެވެ.

"މިހާރު އަޅުގަނޑުމެން އަތުގައި ނެތް އެހާ ވަސީލަތްތަކާ ބަޖެޓެއްވެސް އެހާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަން. މިހާރު އެފަދަ ޕްރޮގްރާމްތައް ހިންގަނީ ބޮޑަށް ޔުނިސެފް ނޫނީ އެފަދަ ޖަމިއްޔާތަކުގެ އެހީއާއެކު." ޝާހީން ވިދާޅުވި އެވެ.

ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް މިސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރުވެސް މާބޮޑުކަން ހެލްތު މިނިސްޓްރީންވެސް ވަނީ ބުނެފަ އެވެ. އަދި އެކަމުގެ ފަހަތުގައި އަޅުގަނޑުމެންގެ ކެއުން ބުއިމުގެ ވައްޓަފާޅި މުހިންމު ދައުރެއް އަދާކުރާކަމަށް މިނިސްޓްރީންވެސް އެއްބަސްވެ އެވެ.

comment ކޮމެންޓް