ޓެކްގެ ދުނިޔެއިން މެލޭގެ ކޮފީ ޓްރެންޑް ބަދަލުކޮށްލަން ދިވެހި ޒުވާނެއް

މުހައްމަދު އަފްޒަލް، އަޕޯ: އުމުރުން 27 އަހަރުގެ މި ޑިވަލޮޕަރު އަންނަނީ މެލޭޝިޔާގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގެން ހިންގަމުން

އުމުރުން 28 އަހަރުގެ މުހައްމަދު އަފްޒަލް، މީޑިއާގެ އާއިލާގެ ނަމުން ނަމަ "އަޕޯ" އަކީ ނޫސްތައް ޑިޖިޓަލް ކޮށްލި ޒުވާން ސިކުނޑިއެކެވެ. މީޑިއާ އާއިލާގެ މެންބަރެއްގެ ގޮތުގައި އޭނާ ކިތަންމެ އަހަރުތަކެއް އަހަރުމެންނާ އެކު ހޭދަކޮށްފައި ވިޔަސް އޭނާގެ ނަން ފަލަ ސުރުހީތަކަކުން ނުފެނެއެވެ. އެކަމަކު މިއީ، ދިވެހިން ނޫސް ކިޔުމުގެ ވައްޓަފާޅި މުޅިން ބަދަލުކޮށްލި ތަފާތު ޒުވާނެކެވެ.

"ހިފަހައްޓައި އޮބަހައްޓާފައިވާ" އޮންލައިން ނޫސްތަކުގެ ވިއުގައިން ނިކުމެ އަޕޯ މިހާރު ހުރީ ޓެކްނޮލޮޖީގެ ހަބެއް ކަމަށްވާ، މެލޭޝިޔާގެ ކުއަލަ ލަމްޕޫރަށް އޭނާގެ ދިރިއުޅުން އެކީ ބަދަލުކޮށްލައިގެން އެވެ. އާ ފުރުސަތުތަކަކަށް ފީނާލުމަށް މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ ކުއަލަލަމްޕޫރަށް ދަތުރު ފެށީ ތާ އަބަދަށް އެތަނުގައި މަޑުކުރަން އެއްގޮތަކަށް ވެސް ރާވައިގެނެއް ނޫނެވެ.

ކާރު ކުއްޔަށް ދޭ އޮންލައިން ވިޔަފާރިއެއް ކަމަށްވާ، "ސޯކާ"ގެ ލީޑް ޑިވަލޮޕަރެއްގެ ގޮތުގައި އޭނާ މަސައްކަތް ފެށީ އެތަނުގައި ދުވަސްކޮޅަކު މަސައްކަތް ކޮށްލާފައި އަނެއްކާވެސް އެނބުރި އާއިލާ ކައިރިއަށް ރާއްޖެ އައުމުގެ ހިޔާލެއް ބާއްވައިގެންނެވެ. އެކަމަކު އޭނާގެ ސިކުނޑީގައި ކޯޑުކުރި ހަޔާތުގެ ދަތުރު ބަދަލުކޮށްލަން މަޖުބޫރުވީ ޒަމާނީ ވެރިރަށުން އޭނާއަށް އޮހެން ފެށި ފުރުސަތުތަކުންނެވެ.

އަޕޯ އާއި ރޭޖްގެ އިސް މުވައްޒަފުން ކޮންފަރެންސެއްގައި --

"އަހަންނަށް ފުރުސަތު ދިނީވެސް ސޯކާގެ އެއް ފައުންޑާ އެކޮޅުގައި ވޯކްކުރަން ދާންވެސް. ދެން ސޯކާއަކީ، ސައުތު އީސްޓް އޭޝިއާގެ ކާ ޝެއަރިން ހަމައެކަނި ޕްލެޓްފޯމް. ދެން ހިތައް އެރީ މީޑިއާގައި ވެސް މަސައްކަތް ކުރެވިއްޖެޔޭ، އާ ދިމަދިމާ ތަޖުރިބާ ކުރާނިއްޔޭ. އެހެންވެ، އެ އޮފާ ނެގީ،" އަޕޯ ބުންޏެވެ. "އެއްގޮތަކަށް ވެސް އެތާ ހުންނާކަށް ނޫން ރޭވީކީ. އެކަމަކު މިހާރު ހަމަ މުޅި ޕްލޭން ބަދަލުވެއްޖެ. މިހާރު ބޭނުންވަނީ ދެން އެކޮޅުގައި ހުރެ އިތުރަށް ކުރިއަށް ދާން،"

"ސޯކާ"ގައި މަސައްކަތް ކުރަން ފެށިތާ ތިން މަސް ތެރޭ އެ ކުންފުނީގެ ލީޑް އިންޖިނިއަރަކަށް ބަދަލުވެ، އަމިއްލަ ޓީމެއް ލީޑް ކުރަން ފުރުސަތު ލިބުމުން އާ ކަންކަން އޭނާ ދަސްކުރަން ފެށިއެވެ. ރޭވުންތެރިކަމާއެކު ވަގުތުން ވަގުތަށް މަސައްކަތް ނިންމުމާއި، ޕްރޮފެޝަނަލް ވަޒީފާއެއްގައި ދަސްކުރަން ޖެހޭ ހުރިހާ ކަމެއް އަޕޯ އެތަނުން ދަސްކުރިއެވެ. އެކަމަކު، އޭރުވެސް އޭނާގެ ބޮލުގައި ބޮޑު ޕްލޭނެއް ދިޔައީ ކޯޑު ކުރަމުންނެވެ.

އަޕޯ އާއި އޭނާގެ ޕާޓްނަރުން: ރޭޖްގެ ހިޔާލު އުފަންކުރީ މި ގްރޫޕުން --

އާ ކޮންސެޕްޓެއްގައި އަމިއްލަ ވިޔަފާރިއެއް ފެށުމެވެ؛

އެ ފުރުސަތު އޭނާގެ އަތުގައި އައިސް ހިފީ، އާ އަހަރުގެ ޗުއްޓީއާ އެކުއެވެ. "ސޯކާ"ގައި މަސައްކަތް ކުރާ ކޮލީގުންނާއެކު ކޮފީއެއްގައި ކުރެވުނު ސައްލާއަކުން އުފަންވި ހިޔާލަކީ ބިޒީ ލައިފްގައި އުޅޭ މީހުންނަށް ކޮފީއާއި އެހެނިހެންވެސް ބުއިންތައް އެޕެއްގެ ތެރެއިން ސާވްކުރާނެ ޕްލެޓްފޯމެއް ފައްކާކުރާށެވެ. އަޕޯ އާއި މީގެ ކުރިން "އޫބާ"ގައި މަސައްކަތް ކުރި އޭނާގެ ޕާޓްނަރުންގެ ހިޔާލުތައް ބޮލުގައި ފައްކާކޮށް ނިންމި އިރު އެއީ ބޮޑު ސިންގާ ވިޔަފާރީގެ ހިޔާލަކަށް ބަދަލުވީއެވެ. މިދިޔަ ޖެނުއަރީ މަހު "ރޭޖް"ގެ ނަމުގައި މެލޭޝިޔާގެ އެކި ލޮކޭޝަންތަކުގައި ކޮފީ ޝޮޕްތައް ތައްޔާރުކޮށް އެތަންތަން ވަނީ ކަސްޓަމަރުންނަށްޓަކައި ހުޅުވާލައިފައެވެ. އެ ވިޔަފާރިއަށް ޒަމާނީ ހިޔާލު ގެންނަ ކޯ- ފައުންޑަރަކީ މި ކުޑަކުޑަ ރާއްޖޭގެ ނޫސް ވިއުގައިން އުފަންވި އަޕޯއެވެ.

ރޭޖްގެ ކޮފީ ޝޮޕަކުން ކޮފީ ސާވް ކުރަނީ: ތިން މަސްވީއިރު އެ ބްރޭންޑްގެ ކޮފީ ޝޮޕްތައް ވަނީ މެލޭޝިޔާގެ ބިޒީ ސްޓްރީޓްތަކަށް ފުޅާވެފައި --

"ހިޔާލަށްކަށްވީ އޮފީހުގައި ތިބެފައި ވެސް ކޮފީއެއް އޯޑަރުކޮށްލެވޭނެ ގޮތެއް ހޯދަން. އޭގެ ތެރެއިން އައީ އައުޓްލެޓްތައް ހުޅުވުމުގެ ހިޔާލުވެސް. މިހާރު އޮފީހުގައި ހުރެފައިވެސް ރޭޖްގެ އެޕުން އޯޑަރުކޮށްލެވޭނެ ކޮފީއަކަށް ނޫނީ އެހެންވެސް ޑްރިންކްއަކަށް. ދެން އޭރުން މި ކޮޅު އައުޓްލެޓަށް އައިސްފައި އޯޑަރުކޮށްގެން މަޑުނުކޮށް ކޮފީ ބޯލެވޭނެ، ނޫނީ ޑެލިވާވެސް ކޮށްދޭނެ،" އަޕޯ ބުންޏެވެ.

"ރޭޖް"އަށް ތިން މަސްވީއިރު މިހާރު އަށް ސަރަހައްދެއްގައި އެ ބްރޭންޑްގެ ކޮފީ ޝޮޕްތައް ހުޅުވައި އަންނަނީ ހިދުމަތް ދެމުން އެވެ. އަޕޯ ބުނީ، ރޭޖްގެ ވިޔަފާރި ފުޅާކުރަނީ، "ޑިރްންކްރޭޖް" އެޕުން ލިބޭ ޑޭޓާތަކުގެ މައްޗަށް ބަލައި ކަސްޓަމަރުުންގެ ބޭނުންތައް ބަލައިގެންނެވެ. އެ ޗެއިންގެ ކޮފީ ޝޮޕްތައް ހުޅުވަނީ ވެސް، ގިނައިން އޮފީސްތައް ހުންނަ ސަރަހައްދުތަކަށް ހާއްސަކޮށްގެން އެވެ. ގިނަ އޮފީސްތައް ހުންނަ ކޭއެލް ސެންޓްރަލްއާއި ދަމަންސާރާ އަދި އެލްއާރުޓީ ސްޓޭޝަންއަށް ވަނީ ރޭޖްގެ ކޮފީ އައުޓްލެޓްތައް ފުޅާކޮށްފައެވެ.

ރޭޖްއިން ސާވްކުރާ ބައެއް ކޮފީގެ ބާވަތްތައް --

"އެޕުން ލިބޭ ޑޭޓާތަކަށް ބަލައިގެން ވިޔަފާރި މި ފުޅާކުރަނީ. މިއީ މީގެ ތަފާތަކީ! އަހަރުމެންގެ ކޮންމެ އައުޓްލެޓެއްގައި ހުންނާނެ ތަފާތު ޑްރިންކްތައް ލިބެން. އެކަން ނިންމަނީ އަސްލު އެ ސަރަހައްދަކުން ޑިމާންޑް އަންނަ ގޮތަށް ބަލާފައި. އެއް އައުޓްލެޓުން ލިބޭ އެއްޗެއް އަނެއްތާ ނުހުންނާނެ. އަނެއްކާ އެޕަށް ޑިމާންޑް އަންނަ ސަރަހައްދުތައް ބަލާފައި އައުޓްލެޓްތައް މި ހުޅުވަނީ ވެސް. މިއީ އޭގެ ތަފާތަކީ،" އަޕޯ ބުންޏެވެ.

"ޑްރިންކްރޭޖް" އެޕް މެދުވެރިކޮށް އާ އެތައް ކަމެއް ވެސް ކަސްޓަމަރުންނާ ހަމަޔަށް ގެނެސްދެއެވެ. ރައްޓެހިންނާއި އޮފީސްމޭޓުންނާއެކު ހާއްސަ ކޮމިއުނިޓީ އިވެންޓްތައް "ރޭޖް" ގެ އައުޓްލެޓެއްގައި ރާވާލުމުގެ ފުރުސަތުވެސް އެޕްގެ ތެރެއިން ލިބެއެވެ. އަޕޯ ބުނި ގޮތުގައި ރޭޖްގެ އެޕް މެދުވެރިކޮށް ބުއިމެއް ކަސްޓަމައިޒްވެސް ކޮށްލެވިދާނެއެވެ. އޭނާ ބުނި ގޮތުގައި "ޑްރިންކްރޭޖް" އެޕްގެ މުޅި ކޮންސެޕްޓް އުފަން ކުރީ؛ "މުސްކުޅި ކޮފީ ޓްރެންޑް ބަދަލުކޮށްލައި"، ޒަމާނީކޮށްލުމުގެ ވިސްނުމުގައެވެ. ހޭބޯނާރާ އުޅެން ޖެހުނަސް ކޮފީއެއް ޖަހާލުމަކީ ތަކުލީފަކަށް ނުވާނެ ގޮތެއް ހޯދުމަކީ ރޭޖްގެ ހިޔާލުގެ އުފަންވުން ކަމަށް އަޕޯ ބުންޏެވެ.

"ކަސްޓަމާބޭސް މި އަންނަނީ ހަމަ ދުވަހެއް ދުވަހަކަށް ބޮޑުވަމުން. މީގައި ފަސޭހައަކީ އެއްފަހަރު ކާޑް އިންސާޓްކޮށްލާފައި ދެން ހަމަ އޮފީހުގައި އިދެލައިގެން ވެސް ކޮފީއަކަށް އޯޑަރުކޮށްލަންވީ. ދެން އޭރުން އެންމެ ކައިރި އިންނަ އައުޓްލެޓަކުން ޑެލިވާވެސް ކޮށްލާނެ 20 މިނެޓްސް ތެރޭ. ނޫނީ އޯޑަރު ރެޑީވީމާ މިކޮޅަށް އައިސް ވެސް ކޮފީ ބޯލެވޭނެ. ނޫނީ ޕިކަޕްވެސް ހަދާލެވޭނެ،" އަޕޯ ބުންޏެވެ.

ރޭޖްގެ ކޮޕީ ޝޮޕެއް: ކޮފީއެއް ޖަހާލުމަކީ ތަކުލީފަކަށް ނުވާނެ ގޮތެއް ހޯދުމަކީ މި ވިޔަފާރީގެ ހިޔާލު އުފަންވީ ހިސާބު --

ބޮޑުވެ ފުޅާވަމުން އަންނަ "ރޭޖް"ގެ ވިޔަފާރިއަކާއެކު، އަޕޯގެ މުޅި ދިރިއުޅުން އެކީހެން ބަދަލުވެއްޖެއެވެ. ޒަމާނީ ސިޓީއަކަށް އޭނާގެ ދިރިއުޅުން އެކީ ބަދަލުވެ، ހާސްކަމުގެ ހަޔާތަކުން ނިކުމެ ހަމަޖެހިލުމަކަށް މިހާރު ދެވިއްޖެއެވެ. މި ކާމިޔާބު ޒުވާނާގެ ތަޖުރިބާއިން އޭނާއަށް ދަސްވީ ހިތްވަރު އެލުވާނުލައި މަސައްކަތް ކުރުމެވެ. ވިޔަފާރިއެއް ފަށަން ބޭނުންނަމަ ރޭވުންތެރިކަމާއެކު އެކަން ކުރުމެވެ. ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި ރަނގަޅަށް ތައްޔާރުވެގެން ވިޔަފާރިއެއް ފަށައިގަތުމެވެ. ކުއްލި ކުއްލިއަށް ނިންމުންތައް ނިންމުމުގެ ބަދަލުގައި ދުރާލާ ރާވައިގެން ވިޔަފާރީގެ ނިންމުންތައް ނިންމުމެވެ.

"ހެނދުނު ހޭލާފައި މިހެން ހަދާލާނީޔޭ ހިތައް އެރީމާ އެކަން ކުރުމުގެ ބަދަލުގައި، އެކަމެއް ފުރަތަމަ ރާވަންވީ. ވިސްނަންވީ އެކަމާ މެދު. ހަމަ ހިޔާލެއް އަންނަ އިރަށް ކަމެއް ފެށުމުގެ ބަދަލުގައި ފުރަތަމަ ޕްލޭން ކުރަންވީ. އޭރުން ދުވަސްކޮޅަކުން ކަމެއް ފަށާފައި ހުއްޓާލަން މިޖެހޭ ޖެހުން ނިމުމަކަށް އަންނާނެ،" އަޕޯ އޭނާގެ ތަޖުރިބާއިން ނަސޭހަތްކޮޅެއް ދިނެވެ.

ރޭޖްގެ ކޮޕީ ޝޮޕެއް: ކޮފީއެއް ޖަހާލުމަކީ ތަކުލީފަކަށް ނުވާނެ ގޮތެއް ހޯދުމަކީ މި ވިޔަފާރީގެ ހިޔާލު އުފަންވީ ހިސާބު --

ޓެކްނޮލޮޖީގެ މައި ރަށެއްގައި އޭނާ މިއަދު ރަނގަޅަށް ފައިތިލަ ސާބިތުކޮށްގެން ހުއްޓަސް އޭނާ ދެރަވާ ކަމަކީ ރާއްޖޭގައި އާ ވިޔަފާރިތަކަށް އެކަށީގެންވާ ރަނގަޅު މާހައުލެއް އަދި ފުރުސަތެއް ވެސް ފަހިކޮށް ދެވިފައި ނެތުމެވެ. އެކަން ކަމަށް ޕޮލިސީ މޭކަރުން އަޅާނުލުމެވެ. ނަތީޖާއަކަށް ވަނީ، ހުނަރުވެރި ޒުވާނުން ރާއްޖެ މަތިން ފޫހިވެ، އާ ފުރުސަތުތައް ހޯދުމަށް ދުނިޔޭގެ ތެރެއަށް ނުކުތުމެވެ.

"އާ ވިޔަފާރިތައް ފަށަން ރާއްޖޭގައި މި އޮންނަނީ ވަރަށް ހަނި ފުރުސަތެއް. މީހުންގެ މެންޓާލިޓީވެސް ވަރަށް ތަފާތު. އާ ވިޔަފާރިއަކަށް މީހުން އިންވެސްޓްކުރަންވެސް ބޭނުމެއް ނުވޭ ކަންނޭނގެ. އަބަދުވެސް ކޮންމެ ކަމެއްގައި ވެސް ކޮންޓްރޯލް ބޭނުންވަނީ. އެކަމަކު އެ ހިޔާލު އެބަ ޖެހޭ ދޫކޮށްލަން. ޕޮލިސީމޭކާސް އެބަ ޖެހޭ އެހެން ގޮތަކަށް ވިސްނަން. ސްޓާޓްއަޕްތަކަށް އެބަ ޖެހޭ ފަސޭހަ މާހައުލެއް އޮންނަން. ނޫނީ ފަށައިގަންނަން ގޮތްތަކެއް އޮންނަން،" އަޕޯ ބުންޏެވެ. "ދުރުގައި ހުއްޓަސް އަހަރެންނަށް ވީވަރަކުން ރާއްޖޭގެ ސްޓޭޓަޕްތަކަށް އެހީވާނަން. އެހީވާންވެސް ބޭނުން. އެ މީހުން ކޮޅަށް ނަގަން ބޭނުން،"

comment ކޮމެންޓް