އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނުގެ އަގު ހެޔޮކޮށްފި

އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އައުޓްލެޓް -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނުގެ އަގުތައް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން މިއަދު ހާމަކުރި ގޮތުގައި އެކުންފުނިން ވިއްކާ ހިލަ، ގިލަވެލި، ހިމުންވެލި، ސިމެންތި އަދި ދަގަނޑުގެ ބާވަތްތަކުގެ އަގު ވަނީ މިއަދުން ފެށިގެން ހެޔޮކޮށްފަ އެވެ.

އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލު ގެނައީ އިމާރާތްކުރުމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވުމަށާއި، އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމަށާއި، އަދި ވަކިން ހާއްސަކޮށް އާންމު ރައްޔިތުންނަށްވެސް އެ ތަކެތި ބާޒާރުގައި ހެޔޮ އަގުގައި ލިބޭނެ ފުރުސަތު ދިނުމަށް ކަމަށެވެ.

ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާ މަޑުޖެހި، އިގްތިސާދީ ދުވެލި މަޑުޖެހެމުން އަންނަ ކަމަށް އިގްތިސާދީ އެކި ފަރާތްތަކުންނާއި އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންވެސް ފާހަގަކޮށްފައިވެ އެވެ. އެސްޓީއޯއިން އެޅި މި ފިޔަވަޅުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތައް އަނެއްކާވެސް ކުރިއަރައި، އިގްތިސާދީ ދުވެލި ހަލުއިވާން ފަށާނެކަމަށް ބެލެވެއެވެ.

އެސްޓީއޯއިން ކޮންސްޓްރަކްޝަން ސާމާނު އިމްޕޯޓުކޮށް އަދި ވިއްކަނީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ދަށުންނެވެ. އެސްޓީއޯއިން ބުނީ އެސްޓީއޯ ކޮންސްޓްރަކްޝަނުން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި އަގުހެޔޮ މުދާ ލިބޭނެ ގޮތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖައްސައި، އަދި އަގުތައް އެއްހަމައެއްގައި ބެހެއްޓުމަށް ކަމަށެވެ.

comment ކޮމެންޓް