"ބާސާއަށް އައުމަށް ނޭމާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި"

ނޭމާ ޖޫނިއާ ބާސެލޯނާގައި ކުޅުނު އިރު ގޯލެއް ޖެހުމަށްފަހު ލުއިސް ސުއަރޭޒް އާ އެކު އުފާފާޅު ކުރަނީ --- ފޮޓޯ// ޖޭމީ ސްމިތް

މިފަހަކަށް އައިސް އެންމެ ހަލަބޮލިވި "ސަމާ ޓްރާންސްފާ" މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ހަމަވުމުގެ ކުރިން ޕީއެސްޖީގެ ނޭމާ އެނބުރި ބާސެލޯނާއަށް އައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށް ލުއިސް ސުއަރޭޒް ބުނެފިއެވެ.

ބާސެލޯނާގެ ހުނަރުވެރި ފޯވާޑް ލުއިސް ސުއަރޭޒް މިހެން ބުނެފައި ވަނީ ނިމިގެން ދިޔަ ޓްރާންސްފާ މާކެޓުގެ ބޮޑު ސުރުހީން އެންމެ ގިނައިން ޖާގަ ހޯދި ނޭމާއާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ފަހަކަަށް އައިސް ދެކެވެމުން އަންނަ ވާހަކަތަކެއްގެ ސަބަބުންނެވެ. މީގެ ދެ އަހަރު ކުރިން ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއާ ގުޅުނު ހަމައިން ފެށިގެން އެކި އެކި ސިފަ ސިފައިގައި އޭނާ އެނބުރި ބާސެލޯނާއަށް އަންނަނަ ބޭނުންވާ ކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރެއެވެ.

އަދި އެއާއެކު ބާސެލޯނާއިންވެސް ވަނީ ނޭމާ އެނބުރި އެކުލަބަށް ގެންދިއުމަށް އުންމީދާއެކު ކޮންމެ ޓްރާންސްފާ މާކެޓެއްގައި ވެސް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މި ފަހަރުގެ މާކެޓުގައި ވެސް އެ ޓީމުން ވަނީ ގިނަ އަދަދެއްގެ ފައިސާއާއެކު ތިން ކުޅުންތެރިއަކުވެސް ބަދަލުގައި ޕީއެސްޖީއަށް ދޭން ނިންމާ ހުށައެޅުމެއް ހުށަހަޅާފައެވެ. ނަމަވެސް ޕީއެސްޖީން އެކަމަށް ދިނީ ފިނި ޖަވާބެކެވެ. ބަދަލުގައި ނޭމާގެ އަގު އިތުރު ތިން ގުނައަށް ބޮޑުކޮށް އޭނާއަށް މި ޓްރާންސްފާ މާކެޓުގައި އެއްވެސް ކުލަބަކަށް ނުދެވޭ ގޮތަށް ހެދިއެވެ.

"މިއީ އަހަރަމެންގެ ތެރޭގައި ވަރަށް ގަދަޔަށް ދެކެވުނު ވާހަކައެއް،" ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒް ބުންޏެވެ. "އަހަރަމެން އަބަދުވެސް ނޭމާ ގާތު ބުނަމުން އައީ ބާސެލޯނާގައި އޭނާއަށް ޖާގަ އޮތް ވާހަކަ. އެކަމު އެއީ އޭނަ އަމިއްލައަށް ނަގަން ޖެހޭނެ ޗޮއިސް އެއް،"

ސުއަރޭޒް ބުނީ ނޭމާ ބާސެލޯނާއަށް އަންނަން ބޭނުންވާ ކަމަކީ ސިއްރެއް ނޫން ކަމަށެވެ. އޭނާ މިފަހަރުވެސް އެނބުރި އައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށް ސުއަރޭޒް ބުންޏެވެ.

comment ކޮމެންޓް